Advertisement

ހަބްލް ޓެލެސްކޯޕްގެ އުމުރު ދިގު ކުރަން ނާސާ އާއި ސްޕޭސްއެކްސްގެ މިޝަނެއް

1 އޮކްޓޯބަރު 2022 - 07:53 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަބްލް ޓެލެސްކޯޕް. -- ފޮޓޯ: ނާސާ


ހަބްލް ޓެލެސްކޯޕްގެ އުމުރު ދިގު ކުރަން ނާސާ އާއި ސްޕޭސްއެކްސްގެ މިޝަނެއް

1 އޮކްޓޯބަރު 2022 - 07:53 0

ހަބްލް ޓެލެސްކޯޕްގެ އުމުރު ދިގު ކުރެވޭނެ ގޮތެއް ހޯދުމަށް ނާސާ އާއި ސްޕޭސްއެކްސް ރޮކެޓް ކުންފުނިން ދިރާސާއެއް ކުރުމަށް ޕްރައިވެޓް އެސްޓްރޮނޯޓް މިޝަނެއް ބާއްވަން ނިންމައިފި އެވެ.

ހަބްލް ޓެލެސްކޯޕަކީ ދުނިޔެ ވަށައި ބުރު ޖަހަމުންދާ އެއްޗެކެވެ. ސައިންސްގެ ތާރީހުގައި އުފެއްދި އެންމެ މުހިއްމު އާލާތްތަކުގެ ތެރޭގައި ހިމެނޭ އެ ޓެލެސްކޯޕް ދަނީ މަޑުމަޑުން ދުނިޔޭގެ ބިމާ ކައިރިވަމުންނެވެ.

އެ ޓެލެސްކޯޕް ރީބޫސްޓް ކުރަން މަސައްކަތެއް ނުކޮށްފި ނަމަ، އޭގެ އެލްޓިޓިއުޑް ދަށްވެ ދުނިޔޭގެ ބިމަށް ވެއްޓެން ފަށާނެ އެވެ. އޭރުން ދުނިޔޭގެ އެޓްމޮސްފިއާއާ ހަމައިން އޭގައި ރޯވެ އަނދާނެ ކަމަށް ބެލެވެ އެވެ.

މީގެ ކުރިން ނާސާގެ އެސްޓްރޮނޯޓުން ފަސް ފަހަރެއްގެ މަތިން ހަބްލް ޓެލެސްކޯޕް ސާވިސް ކުރި އެވެ. އެންމެ ފަހުން އެ ޓެލެސްކޯޕް ސާވިސް ކުރަން މިޝަނެއް ބޭއްވީ 2009 ގަ އެވެ

އޭގެ ފަހުން ޓެލެސްކޯޕްގެ އެލްޓިޓިއުޑް 25 ކިލޯމީޓަރުން ވެއްޓި، މިހާރު ދުނިޔެ ވަށައި ބުރު ޖަހަނީ ބިމާ 540 ކިލޯމީޓަރުން ދުރުންނެވެ.

ނާސާއިން ބޭނުން ވަނީ 1990 ވަނަ އަހަރު ޓެލެސްކޯޕް ލޯންޗު ކުރިއިރު ހުރި އެލްޓިޓިއުޑް ކަމުގައިވާ ބިމުން ފެށިގެން 600 ކިލޯމީޓަރުގައި އޭތި ބުރު ޖަހަމުން ދިޔުމަށެވެ.

އެގޮތަށް މިޝަަން ކާމިޔާބުވެއްޖެ ނަމަ، ހަބްލްގެ އުމުރު އިތުރު 20-30 އަހަރަށް ދެމިއޮންނާނެ އެވެ. ޖައްވީ ކަންކަން ދެނެގަތުމުގައި ހަބްލް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މިހާތަނަަށް އެ ޓެލެސްކޯޕްގެ އެހީގައި 1.5 މިލިއަން އޮބްޒަވޭޝަަން ބާއްވައި، 19،000 އަށް ވުރެ ގިނަ އިލްމީ ދިރާސާ ތައްޔާރުކޮށްފައިވެ އެވެ.

ހަބްލްގެ މަސައްކަތް ކުރުމަށް އެއަށްވުރެ ބާރުގަދަ ޓެލެސްކޯޕެއް ނާސާއިން ލޯންޗުކުރީ މިދިޔަ އަހަރު އެވެ. އެއީ ޖޭމްސް ވެބް ޓެލެސްކޯޕެވެ.