Advertisement

ކާބުލްގެ ސްކޫލަކަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 23 މީހުން މަރުވެއްޖެ

30 ސެޕްޓެންބަރު 2022 - 17:43 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ކާބުލްގެ ސްކޫލަކަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 23 މީހުން މަރުވެއްޖެ

30 ސެޕްޓެންބަރު 2022 - 17:43 0

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ތައުލީމު ދޭ މަރުކަޒަކަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަަމަލާއެއްގައި 23 މީހުން މަރުވެ 36 މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެ އެވެ.

ކާބުލްގެ ހުޅަނގުގައި ހުންނަ ކާޖު އެޑިއުކޭޝަނަލް ސެންޓަރަށް ހަމަލާ ދީފައިވަނީ އިމްތިހާނެއް ހެދުމަށް ތައްޔާރުވުމުގެ ގޮތުން ހަދާ "ޕުރެޕް އެގްޒާމެއް" ހަދަމުން ދަނިކޮށް ކަމަށް ކާބުލް ފުލުހުންގެ ތަރުޖަމާނު ހާލިދު ޒަދުރާން ބުންޏެވެ.

"ޖާނުން ފިދާވެގެން މި ސެންޓަރަށް ހަމަލާދިން އިރު ދަރިވަރުން ދިޔައީ އިމްތިހާނެއް ހެދުމަށް ތައްޔާރުވަމުން." ހާލިދު ޒަދުރާން ބުންޏެވެ.

އޭނާ އިތުރަށް ބުނީ މި ސަރަަހައްދުގެ އެޑިއުކޭޝަނަލް ސެންޓަރުތަކުގައި ތަފާތު ހަރަކާތްތަކާއި ގިނައިން ކުދިން އެއްވެ އުޅެންޖެހޭ ފަދަ ކަންކަން ކުރިއަށް ގެންދާއިރު ތާލިބާނުންގެ ފަރާތުން އިތުރު ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެދުން މުހިއްމު ކަމަށެވެ.

ކާޖު އެޑިއުކޭޝަން ސެންޓަރު ހުންނަ ސަރަހައްދު


ކާޖު އެޑިއުކޭޝަނަލް ސެންޓަރަކީ ހައި ސްކޫލު ނިންމާފައި ކޮލެޖުތަކަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އިލްމީ އެހީތެރިކަން ފޯރުކޮށްދީ ކޮލެޖުތަކުގެ "އެންޓުރެންސް އެގްޒާމް" އަށް ކުދީން ތައްޔާރުކޮށްދޭ މަރުކަޒެކެވެ. އާންމު ގޮތެއްގައި ހުކުރު ދުވަހަކީ އަފްގާނިސްތާނުގައި ސްކޫލްތައް ބަންދު ދުވަހެކެވެ.

މިއަދު ހެނދުނު ދިން އެ ހަމަލާގެ ޒިންމާ މިހާތަަނަށް އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ފުރާވަރު އުމުރުގެ ކުދީންކަމަށް އެ ސަރަހައްދުގެ މީހުނާ ހަވާލާދީ އަފްގާނު ނޫސްވެރިން ރިޕޯޓު ކުރެ އެވެ.

އެ ހަމަލާއާ ގުޅިގެން އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ބުނީ އާންމުންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމުން ހާމަވަނީ ދުޝްމަނުންގެ ލާއިންސާނީ ކަމާއި އެމީހުންގެ އެއްވެސް ހަމައެއް ނެތްކަން ކަމަށެވެ.

ކާޖު އެޑިއުކޭޝަނަލް ސެންޓަރު ހުންނަ ސަރަހައްދަކީ ގިނަ އަދަދަކަށް ޝިއައީން ދިރިއުޅޭ ސަރަހައްދެކެވެ. އެ ސަރަހައްދަށް އަމާޒުކޮށް މީގެ ކުރިންވެސް ބޮޑެތި ހަމަލާތައް ދީފައިވެ އެވެ. އެގޮތުން 2021 ވަނަ އަހަރު އެ ސަރަހައްދުގައި ހުންނަ ސްކޫލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކެއްގައި 85 މީހަކު މަރުވެ 300 މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވެ އެވެ.