Advertisement

ހުލާސާކޮށް އިއްޔެ: ޖޭއެސްސީ ބަދަލުކުރުމުގެ މަސައްކަތް ފެށުން

30 ސެޕްޓެންބަރު 2022 - 06:00 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ޖޭއެސްސީ ބަދަލުކުރުމުގެ މަސައްކަތް ފެށުން

30 ސެޕްޓެންބަރު 2022 - 06:00 0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ގޮތުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން ހާމަކުރީ އިއްޔެ އެވެ.

އެކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި އޭޖީ އޮފީހުން އިއްޔެ ބުނީ އެ ކޮމިޝަނަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއެއްކަން ކަށަވަރު ކުރުމަށްޓަކައި، ކަމާ ގުޅޭ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް މި ހިނގަމުންދާ މަޖިލިސް ދައުރަށް ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަދި، އެ ބިލު އެކުލަވާލުމުގެ ގޮތުން ރާއްޖޭގެ ކޯޓުތަކާއި ޖޭއެސްސީ އާއި އެ ނޫން ކަމާގުޅޭ އެންމެހާ އިދާރާތަކާ އެކު އަންނަ ހަފްތާގައި މަޝްވަރާތައް ފަށާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުނެ އެވެ.

އިދިކޮޅު ފަރާތްތަކުން ވެސް ޖޭއެސްސީ ބަދަލުކުރުމަށް މަސައްކަތްކުރި ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. ޖޭއެސްސީ ބަދަލުކުރުމަށް ތިން ފަހަރެއްގެ މަތިން އިދިކޮޅުން ރައްޔިތުން މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް، އެއްވެސް ފަހަރަކު މަޖިލިސް ތެރެއިން ކުރިއަށް ދެވޭނެ މަގެއް އިދިކޮޅަށް ހޯދިފައެއް ނުވެ އެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

ސަރުކާރުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހަޅަނީ ކޮން ގޮތަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް ސިޔާސީ ނުފޫޒުން އެ ކޮމިޝަން މިނިވަންކުރުމަކީ މި ސަރުކާރު ވެރިކަމަށް އައުމަށް ވި ބޮޑު ވައުދެކެވެ. އަދި ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • "އިންޑިއާ އައުޓް"ގެ ސީދާ ހަރަކާތްތަކާ ދުރަށް ޖެހިވަޑައިގެން ހުންނެވި ނަމަވެސް، ހިތުގައި އެކަން އޮތީ އެ ވިސްނުމުގައި ކަމަށާއި އެކަން ބަދަލު ނުކުރެވޭނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ އިއްޔެ އެވެ.
  • ޓޫރިޒަމުގެ ވާދަވެރި މާހައުލުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް "ވަން އައިލެންޑް، ވަން ރިސޯޓު" ކޮންސެޕްޓު، އެގޮތުގައި ދަމަހައްޓަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
  • ގިނަ އަދަދެއްގެ މީހުނާ އެކު އެއް ޖިންސުން ގުޅުން ހިންގައި ވީޑިއޯ ނެގި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރުގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާ ސާބިތުވުމުން ދެ އަހަރާއި ނުވަ މަަހަށް ޖަލަށް ލާން ހުކުމް ކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

"އިންޑިއާ އައުޓް" ހަރަކާތާ ދުރަށް ޖެހިވަޑައިގަތް ކަމަށް ވިދާޅުވުމަށް ފަހު އަނެއްކާ ވެސް އެ ހަރަކާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ:

އަޅުގަނޑުގެ ގޭގައި ބެނަރު ނަގާފައި، އަޅުގަނޑަށް ރަތް ޓީޝާޓު ލައިގެން ތަންތަނަށް ނާދެވެނީ އިންޑިއާ އައުޓް ޖަހައިގެން، އެކަމަކު އަޅުގަނޑުމެންގެ ހިތުގެ ޝުއޫރަކަށް އަޅުގަނޑުމެންގެ ވިސްނުމަކަށް [ބަދަލެއް ނާދޭ]

ދުވަހުގެ ފޮޓޯ

އާރުޑީސިން އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނީ. އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައި. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ ކޯޓަށް ވައްދާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު