Advertisement

ހަރަކާތާ ދުރަށް ޖެހިވަޑައިގަތަސް ޔާމީންގެ ހިތުގައި އަދިވެސް އޮތީ "އިންޑިއާ އައުޓް"

29 ސެޕްޓެންބަރު 2022 - 22:59 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އަބްދުﷲ ޔާމީން. އިންޑިއާ އައުޓް ހަރަކާތާ ދުރަށްޖެހިވަޑައިގަތް ކަމަށް ހަފްތާތަކެއް ކުރިން ވިދާޅުވި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ހަރަކާތާ ދުރަށް ޖެހިވަޑައިގަތަސް ޔާމީންގެ ހިތުގައި އަދިވެސް އޮތީ "އިންޑިއާ އައުޓް"

29 ސެޕްޓެންބަރު 2022 - 22:59 1

"އިންޑިއާ އައުޓް"ގެ ސީދާ ހަރަކާތްތަކާ ދުރަށް ޖެހިވަޑައިގެން ހުންނެވި ނަމަވެސް، ހިތުގައި އެކަން އޮތީ އެ ވިސްނުމުގައި ކަމަށާއި އެކަން ބަދަލު ނުކުރެވޭނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމާއެކު، ރައީސްގެ ގަރާރަކުން ހުއްޓުވާފައިވާ ކަމެއްގައި ބައިވެރިވުމަކީ ހަމަޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާތީ ޔާމީން ވަނީ އެ ކެމްޕެއިނުގެ ހަރަކާތްތަކުން ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުގެ ގޭގައި ބެނަރު ނަގާފައި، އަޅުގަނޑަށް ރަތް ޓީޝާޓު ލައިގެން ތަންތަނަށް ނާދެވެނީ އިންޑިއާ އައުޓް ޖަހައިގެން، އެކަމަކު އަޅުގަނޑުމެންގެ ހިތުގެ ޝުއޫރަކަށް އަޅުގަނޑުމެންގެ ވިސްނުމަކަށް [ބަދަލެއް ނާދޭ]" ދ. ކުޑަހުވަދޫގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އިންޑިއާ އައުޓް ވަނީ އިދިކޮޅު ފަރާތްތަކުގެ "ހިތްތަކުގައި ބިންވަޅު ނެގިފަ" އެވެ. އަދި، އެކަމަކަށް ދުވަހަކު ވެސް ބަދަލެއް ނާންނާނެ އެވެ.

"ތި ގަރާރުތަކުން ތިކަން ކުރައްވާށޭ، އެކަމަކު އަޅުގަނޑުގެ ހިތުގައި މި އޮންނަ އިހުތިގާލަކަށް، ހިތުގައި މި އޮންނަ ދިވެހިރާއްޖެ ދެކެވާ ލޯތްބަށް ދެވަނަ ދަރަޖަ ދެވޭނެ ގޮތެއް ނުހެއްދެވޭނޭ،" އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

"އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން" ކަމަށް ޔާމީން ވިދާޅުވަމުން އައި ވާހަކަ މިރޭ ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.

"މިރޭ ވެސް އަޅުގަނޑު ގޮވާލަނީ ހަމަ އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ބޭރަށް ދާން، ހަމަ އިންޑިއާ އައުޓް ވާން ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވެސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާއާ އޮތް ގުޅުމަށް ފާޑުވިދާޅުވި ބޭފުޅުން މިއަދު މި ސަރުކާރުން އިންޑިއާ އާ ގުޅުމާ މެދު އެއްޗެކޭ ވިދާޅުނުވަނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ.

މަނީ ލޯންޑެރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމް، މިދިޔަ އަހަރު ނޮވެމްބަރު 30 ގައި ސުޕްރީމް ކޯޓުން ބާތިލުކުރުމާއެކު މިނިވަންވެ އެންމެ ފުރަތަމަ ކަނޑައެޅުއްވި އެއް އަމާޒަކީ އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމެވެ. އިންޑިއާ އަސްކަރިއްޔާގެ އެންމެ ބޫޓު ޖޯޑެއް ވެސް ދިވެހި ފަސްގަނޑުގައި ހުރެގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެއަށް ފަހު "އިންޑިއާ އައުޓް" ކެމްޕެއިން ކުރިއަށް ގެންދެވީ އެ މަނިކުފާނު އިސްވެ ހުންނަވައިގެންނެވެ. ބައެއް ރަށްރަށަށް ވެސް ދަތުރު ކުރެއްވެވި އެވެ.

އިންޑިއާ ސިފައިން ބޭރުކުރަން މި ގޮވާލަނީ "ޕީޕީއެމް ޕީއެންސީގެ ފަރާތުން ރައީސް ޔާމީން. އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ފައިބަން،" ކަމަށް ވިދާޅުވި އެވެ.

ޕީޕީއެން/ޕީއެންސީ އިން ފަށާފައި އޮތް "އިންޑިއާ އައުޓް" ހަރަކާތަށް ޔާމީނާއެކު ލިބިގެންދިޔަ ވަރުގަދަކަން ނިމުމަކަށް ގެނައުމަށް ސަރުކާރާއި ސަރުކާރާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ފެށި އެވެ. އެންމެ ފަހު ހަތިޔާރަކަށް ވެގެން ދިޔައީ ރައީސް ސޯލިހުގެ ރިޔާސީ ގަރާރެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ނެރުނު ރިޔާސީ ގަރާރު ބާތިލުކުރަން ޕީޕީއެމް/ޕީއެންސީ ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލަ ބޭރުކޮށްލީ ޕީޕީއެމް/ޕީއެންސީގެ ކޯޓަށް ހާޒިރު ނުވުމުންނެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހަޅާނެ އިދިކޮޅު ކޯލިޝަންގެ ވަކީލުން ވިދާޅުވި އެވެ. ނަމަވެސް، ހައި ކޯޓަށް ހުށަނާޅައި އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

މައްސަލައިގެ ފަސްފަހަތް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިޔަށްގެންދާ ހަރަކާތް ހުއްޓުވަން އިދާރާތަކަށް އަންގައި ރައީސް ގަރާރެއް ނެރުއްވީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގަ އެވެ.

އެ ގަރާރާއެކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާތަކެއް ނަގާފަ އެވެ. އެގޮތުން، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ވެސް ފުލުހުން ވަދެ އެ ތަނުގައި ދަމާފައި ހުރި ބެނާ ވެސް ނެގި އެވެ.

ޔާމީންގެ ގެކޮޅުގައި ހުރި ބެނާ ނަގަން ފުލުހުންނަށް ކްރިމިނަލް ކޯޓުން އަމުރު ނެރެދިން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ވެސް ކުރި އެވެ. އަދި އެ އަމުރު ކޯޓުން ދީފައިވަނީ ގާނޫނުތަކާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކުރި އެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުން ފަދަ އަމަލެއް ކަމުގައި އެ ގަރާރުގައި ފުރަތަމަ ވެސް ފާހަގަކުރެ އެވެ.

މި ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް އެކުލަވާލައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.

އިދިކޮޅު ޕީޕީއެމްޕީގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ސިޔާސީ ބޭނުމެއްގައި، ގައުމުގެ މަންފާއަށް ބެލުމެއް ނެތި ހިންގާ ހަރަކާތެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓިން ވަނީ ބުނެފަ އެވެ.

އަދާލަތު ޕާޓީން ބުނެފައި ވަނީ އިންޑިއާ އައުޓްގެ ނަމުގައި ޔާމީން އިސްވެ ހުންނަވައި ހިންގާ ކެމްޕެއިނަކީ ރައްޔިތުންގެ ޝުއޫރުތަކާ ކުޅެގެން ހިންގާ ނޭއްގާނީ ހަރަކާތެއް ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތް އެ ގޮތުގައި ހިންގިގެން ނުވާނެ ކަމަށާއި އެކަން ފުލުހުން ނުކުމެ ހުއްޓުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވައިފަ އެވެ.