Advertisement

ފަތުރުވެރިކަމުގެ ރަން ތާރީހު؛ "މިއީ އެތައް ހާސް ދިވެހިންގެ ބުރަ މަސައްކަތް"

30 ސެޕްޓެންބަރު 2022 - 08:50 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކްރޮސްރޯޑުގައި ރޭ ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް ރިސެޕްޝަން ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ރައީސް އޮފީސް


ފަތުރުވެރިކަމުގެ ރަން ތާރީހު؛ "މިއީ އެތައް ހާސް ދިވެހިންގެ ބުރަ މަސައްކަތް"

30 ސެޕްޓެންބަރު 2022 - 08:50 0

ފަތުރުވެރިކަމަކީ ދިވެހިންގެ ފަހުރާއި ޝަރަފެއްކަމުގައި ވެގެން ދިޔައީ، އެތައް ހާސް ދިވެހިންނެއްގެ ބުރަ މަސައްކަތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ކްރޮސްރޯޑުގައި ރޭ ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް ރިސެޕްޝަން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މީގެ ކުރިން 50 އަހަރު ކުރިން، މި ޖަޒީރާ ރާއްޖެ އޮތް ހާލަތު އޮތް ގޮތް ސިފަކޮށްދެއްވާފަ އެވެ.

"އެކަށީގެންވާ ފެންވަރުގެ ވައިގެ ބަނދަރެއް ނެތް، ހުޅުލެއިން އެހެން ރަށްރަށަށް ދިއުމަށް ބޭނުންކުރާނެ، އެތެރޭގެ ދަތުރުފަތުރުގެ ލުއި ފަސޭހަ އިންތިޒާމެއް ނެތް، އިމްޕޯޓްވެސް އެހާ ފަސޭހައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މި އުނދަގޫ ހާލަތު ބަދަލުކޮށް، ރާއްޖެ ދުނިޔޭގެ ފަތުރުވެރިކަމުގައި ބްރޭންޑު ނަމަކަށް ވެގެން ދިޔައީ ގިނަ ބައެއްގެ ހިއްސާއާއެކުގައި ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން ފަތުރުވެރިކަމުގެ ބާނީންގެ އިތުރުން، ރިސޯޓު ވެރިންނާއި ގެސްޓު ހައުސް އޮޕަރޭޓަރުންނާއި ޓުއާ އޮޕަރޭޓަރުން ފަދަ ފަރާތްތައް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަށް ލިބުނު ކާމިޔާބީގައި މި ބޭފުޅުންގެ އިތުރުން ވެސް އެތައް ހާސް ދިވެހިންގެ ބައިވެރިވުން އެބައޮތެވެ.

"ކެއްކުންތެރިން، ވެއިޓަރުންނާއި ރޫމްބޯއީން، އަދި ފަތުރުވެރިންނާ އެންމެ ގާތުން ހިދުމަތް ދެއްވި ހުރިހާ ބޭފުޅުންގެ ދައުރު ވެސް ވަރަށް މުހިންމު، ލަވަކިޔުންތެރިންނާއި މޫސީގާރުންނާއި ނެށުންތެރިންގެ މުނިއަވަސްފިލުވުންތަކުން، ފަތުރުވެރިންގެ ހިތްތަކަށް ލިބިދޭ ތަސައްލީ އެހާ ބޮޑު، ދުނިޔޭގެ ލޯތަކަށް، ރާއްޖޭގެ އެއްގަމާއި ކަނޑުއަޑީގެ ރީތިކަން ހާމަވެގެން ދިޔައީ، ފޮޓޯގްރާފަރުންނާއި ޑައިވަރުންގެ ވަރަށް ބުރަ މަސައްކަތުން،" ރައީސް ވިދާޅުވި އެވެ.

މި ހުރިހާ އެންމެންގެ އަގު ވަޒަން ކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ އޮތީ ވާދަވެރި މާހައުލެއް ކަމަށާއި މި މަގާމު ދެމެހެއްޓުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.