Advertisement

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފިރުޒުލް އިސްތިއުފާ ދެއްވައިފި

29 ސެޕްޓެންބަރު 2022 - 15:51 0

މުހައްމަދު ފިރްޒުލް ހުސެއިން ފިރާޒް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް


ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފިރުޒުލް އިސްތިއުފާ ދެއްވައިފި

29 ސެޕްޓެންބަރު 2022 - 15:51 0

މިނިސްޓްރީގެ އޮފް ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހ. ކަޅުވަކަރުގެ، މުހައްމަދު ފިރުޒުލް ހުސައިން ފިރާޒް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު އިބްރާހިމް އަމީރާއި މިނިސްޓްރީގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަށް ޝުކުރުވެރިވާ ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ކަންކަން ފިނޭންސް މިނިސްޓްރީގައި ބަލަހައްޓަވަމުން ގެންދެވީ ފިރުޒުލް އެވެ.

"ގައުމަށް ހިދުމަތް ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރު ވެރިވަން،" އޭނާ ވިދާޅުވެފައިވެ އެވެ. މި ސަރުކާރާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އިސްތިއުފާ ދިން ސަބަބާ ގުޅޭގޮތުން "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ އޭނާގެ ނިންމުމަކީ އަމިއްލަ ސަބަބުތަކަކަށްޓައި ނިންމި ނިންމުމެއް ކަމަށެވެ.

"ސަރުކާރާ އެކު ގަދަކޮށް މިހުރީ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" އޭނާ އިސްތިއުފާ ދިނީ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެން މިނިސްޓަރު އަމީރު ވެސް ވަނީ އޭނާ ކުރެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ފިރުޒުލް އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީގެ ނައިބެއްގެ ގޮތުގައި ދެން ހުންނަވާނީ އަހުމަދު އީމާން މޫސާ އެކަންޏެވެ. ފިރުޒުލް މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަނުކުރީ ޖެނުއަރީ 27، 2019 ގަ އެވެ. އެ މިނިސްޓްރީގެ އެސިސްޓަންޓު ޑިރެކްޓަރުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.

ފިރުޒުލް އަކީ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސްލޮޓެއްގައި ހުންނެވި ބޭފުޅެކެވެ. އަދި، އޭނާ އަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރެވެ.