Advertisement

ގޭސް ލީކުވީ އެމެރިކާއިން ކޮންޓްރޯލް ކުރާ ޒޯނުގައި ކަމަށް ތުހުމަތުކޮށްފި

29 ސެޕްޓެންބަރު 2022 - 14:09 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާއިން ޔޫރަޕަށް ގޭސް ފޮނުވާ ހޮޅިން ގޭސް ލީކުވެފައި. -- ފޮޓޯ: ރޮއިޓާޒް


ގޭސް ލީކުވީ އެމެރިކާއިން ކޮންޓްރޯލް ކުރާ ޒޯނުގައި ކަމަށް ތުހުމަތުކޮށްފި

29 ސެޕްޓެންބަރު 2022 - 14:09 0

ރަޝިއާއިން ޔޫރަޕަށް ގޭސް ފޮނުވާ ހޮޅިތަކަށް ގެއްލުން ލިބި ގޭސް ލީކުވީ އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ "ފުރިހަމަ ކޮންޓްރޯލް އޮތް" ޒޯނުގައި ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ތުހުމަތުކޮށްފި އެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ ވިދާޅުވީ ޑެންމާކާއި ސްވިޑަން ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް އޮންނަ ކަމަށެވެ.

ރަޝިއާއިން ޔޫރަޕަށް ގޭސް ފޮނުވާ ނޯޑް ސްޓްރީމް އެކެއް އަދި ނޯޑް ސްޓްރީމް ދޭކުން ގޭސް ލީކުވީ ސްވިޑަން އާއި ޑެންމާކް ކައިރިން ކަަނޑުގެ އަޑިންނެވެ.

"އެކަން ހިނގީ ޑެންމާކާއި ސްވިޑަންގެ ޓްރޭޑް އެންޑް އިކޮނޮމިކް ޒޯން ތެރޭގައި. އެއީ ނޭޓޯއާ ގުޅުން އޮތް ގައުމުތައް،" ރަޝިއާގެ ޗެނަލަކަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.

"މި ގައުމުތަކަކީ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ފުރިހަމައަށް ކޮންޓްރޯލް ކުރާ ގައުމުތައް."

ޑެންމާކަކީ ނޭޓޯގެ މެމްބަރެކެވެ. ސްވިޑަންއިން ވަނީ ނޭޓޯއާ ގުޅެން ނިންމައި، މެމްބަރުކަމަށް އެދި ފޯމު ހުށަހަޅާފަ އެވެ. ގޭސް ލީކުވުމާއި އެމެރިކާއާ ގުޅުވި ނަމަވެސް، އެކަމުގެ ސީދާ ހެކި ރަޝިއާއިން ދައްކާފައެއް ނުވެ އެވެ.

ގޭސް ހޮޅިތަކަށް ކުއްލިއަކަށް ގެއްލުން ލިބުނު އިރު، އޭގެ ސަބަބުން އީޔޫއަށް ފޮނުވާ ގޭސް ސަޕްލައި ވަގުތުން ވަގުތަަށް އެއްވެސް އަަސަރެއް ނުކުރާނެ އެވެ. އެއީ އެ ހޮޅިތައް އޮޕަރޭޓް ކުރުން ހުއްޓާލާފަައި ވާތީ އެވެ.

ނޯޑް ސްޓްރީމް އެކަކުން ގޭސް ސަަޕްލައި ކުރުން ހުއްޓާލީ އޯގަސްޓު މަހު އެވެ. އެއީ 745 މޭލު ދިގު ހޮޅިއެކެވެ. ރަޝިއާގެ ސެއިންޓް ޕީޓާޒްބާގް ކައިރިން ފެށިގެން ކަނޑުގެ އަޑިން ލާފައި ގޮސް އެ ހޮޅި ގުޅެނީ ޖަރުމަނުގެ އިރުއުތުރަށެވެ.

ނޯޑް ސްޓްރީމް ދޭއް އޮޕަރޭޓް ކުރުން ހުއްޓާލީ މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިން ހަނގުރާމަަ ފެށުމާ އެކު އެވެ. އެ ދެ ހޮޅި އޮޕަރޭޓް ކުރުން ހުއްޓާލާފައިވި ނަމަވެސް، އޭގައި އަދިވެސް ގޭސް އެބަ ހުއްޓެވެ.

ހޮޅިތަަކަށް ގެއްލުން ލިބުނު ގޮތުގެ ތަހުގީގު ޖަރުމަނުވިލާތާއި، ޑެންމާކް އަދި ސްވިޑަންއިން ވެސް ދަނީ ކުރަމުންނެވެ.