Advertisement

ޕީޕީއެމްގެ ރަސްމީ ވިިސްނުން؛ ޔާމީނަށް ވާދަނުކުރެވޭ ގޮތަށް އިންތިހާބު ބޭއްވިޔަ ނުދިނުން!

29 ސެޕްޓެންބަރު 2022 - 13:21 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީޕީއެމްގެ ރިޔާސީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން؛ ޔާމީނަށް ވާދަކުރެވޭނަމަ އިންތިހާބު ބޭއްވިޔަ ނުދިނުމަށް ޕީޕީއެމުން ނިންމާފައިވޭ


ޕީޕީއެމްގެ ރަސްމީ ވިިސްނުން؛ ޔާމީނަށް ވާދަނުކުރެވޭ ގޮތަށް އިންތިހާބު ބޭއްވިޔަ ނުދިނުން!

29 ސެޕްޓެންބަރު 2022 - 13:21 1

ދެހާސްތޭވީސްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްްދުﷲ ޔާމީނަށް ވާދަނުކުރެވޭ ގޮތަކަށް އިންތިހާބު ބޭއްވިޔަ ނުދިނުމަށް ހަރަކާތްތައް ހިންގުމަށް ޕީޕީއެމްގެ ރަސްމީ ނިންމުމެއް އޮތް ކަން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ އަހަރާ ހަމައަށް ޔާމީނަށް އޮތީ ބަންދުވެފަ އެވެ. ނަމަވެސް، 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު މިނިވަން ކުރައްވައިފަ އެވެ.

އޭގެ ފަހުން އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ޓިކެޓު ވަނީ ޔާމީނަށް ރަސްމީކޮށް އަރުވައިފަ އެވެ. އެ ޓިކެޓް ޔާމީން ގަބޫލުފުޅު ކުރައްވާފައިވާއިރު، 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނަށް މި ވަގުތު އެއްވެސް ހުރަހެއް ނެތެވެ.

ނަމަވެސް، ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި އާއި، ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ދައުލަތުން ކުރާއިރު، އެ ދެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

އެހެންވެ އަދިވެސް ޔާމީނަށް ރިޔާސީ އިންތިހާބުގެ މަގު ބަންދުވެގެން ދިއުމުގެ ބިރު އޮތް އިރު، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ޓީވީ ޕްރޮގްރާމެއްގައި ޔާމީންގެ ނަންފުޅު ރިޔާސީ އިންތިހާބުގެ ކަރުދާހުގައި ނެތް ނަމަ އެ އިންތިހާބު ބޭއްވިޔަ ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި ކަމުގައި ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ރަސްމީ ވިސްނުމަކީ ކޮބައިތޯ ސުވާލުކުރުމުން އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު "އަދަދު"އަށް ވިދާޅުވީ އިންތިހާބު ބޮއިކޮޓް ކުރުމުގެ ވާހަކަތަކެއް ޕީޕީއެމުން ނުދައްކާ ކަމަށެވެ. އެކަމަކު، ޔާމީނަށް ވާދަނުކުރެވޭނަމަ އިންތިހާބު ބޭއްވިޔަ ނުދޭން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަކީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި ނެތި އިންތިހާބު ބޭއްވިޔަ ނުދޭނެކަން، އަޅުގަނޑުމެން މަގުމައްޗަށް ވެސް ނުކުންނާނަން،" ހީނާ ވިދާޅުވި އެވެ.

ހިޔާނާތުގެ ތުހުމަތުގައި ޔާމީނަށް ކުރާ ދައުވާތައް؛

ޔާމީންގެ ވެރިކަމުގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލާގައި، ބައެއް މުއާމަލާތްތަކުން ޔާމީނަށް މާލީ މަންފާ ލިބުނު ކަމުގެ ތުހުމަތުގައި ކޯޓުގައި މިހާރު ހިނގަނީ ދެ މައްސަލައެކެވެ.

ފުއްގިރި މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރަނީ، ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު "ކްރިކް" ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށެވެ.

އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

އާރަށް މައްސަލާގައި ކުރާ ދައުވާގައި ބުނަނީ ރިސޯޓެއް ގޮތުގައި ތަރައްގީ ކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އެ ދެ މައްސަލަ ވެސް މި އަހަރުގެ ތެރޭގައި ނިންމަން ކްރިމިނަލް ކޯޓުން އަމާޒު ހިފާފައިވާއިރު، އޭގެން އެއްވެސް މައްސަލައެއް ޔާމީނާ ދެކޮޅަށް ނިންމައިފިނަމަ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އަނެއްކާ ވެސް ބަންދުވާނެ އެވެ.