Advertisement

ތޫފާން އިއަން: އެމެރިކާގައި ދެ މިލިއަން މީހުންނަށް ކަރަންޓު ނުލިބޭ

29 ސެޕްޓެންބަރު 2022 - 13:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތޫފާން އިއަން ފްލޮރިޑާއަށް އެރީ ގަޑިއަކު 241 ކިލޯމީޓަރުގެ ބާރުމިނުގައި.


ތޫފާން އިއަން: އެމެރިކާގައި ދެ މިލިއަން މީހުންނަށް ކަރަންޓު ނުލިބޭ

29 ސެޕްޓެންބަރު 2022 - 13:05 0

އެމެރިކާއަށް މިހާތަނަށް އެރި އެންމެ ބާރުގަދަ އެއް ތޫފާނުގެ ގޮތުގައި ސިފަކުރަމުންދާ ތޫފާން އިއަންގެ ސަބަބުން ދެ މިލިއަން މީހުންނަށް ކަރަަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ތޫފާން އެރީ ބުދަަ ދުވަހުގެ ރޭ ހުޅަނގު ދެކުނު ފްލޮރިޑާގެ އައްސޭރިފަށުންނެވެ. މަގުތަކުގައި ފެންބޮޑުވެފައިވާ އިރު، ފެން ވަދެ ގޭގައި ތާށިވެފައި ތިބި ގިނަ ބަޔަަކު ދަނީ ރެސްކިއު ޓީމުގެ އެހީއަށް އެދި ގުޅަމުންނެވެ.

އޭގެ އިތުރުން ފޭސްބުކް އާއި އެހެން ސޯޝަލް ނެޓްވޯކްތަަކުގައި ވެސް ގިނަ ބަޔަކު ދަނީ އެހީއަށް އެދި ޕޯސްޓުތައް ކުރަމުންނެވެ.

ޕޯޓް ޗާލޮޓްގައި ހުންނަ ހޮސްޕިޓަލަށް ވެސް ފެން ވަދެ، ގަދަވަޔާ އެކު ފުރާޅުން ބަޔެއް އެއްލާލި އެވެ. އައިސީޔޫގެ ތެރެއަށް ފެން ވަންނަން ފެށުމުން، ހުރިހާ ބަލި މީހުން ވަނީ އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ.

ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ އިރު، ބުދަ ދުވަހު ކިއުބާގެ ރެފިއުޖީން ގޮވައިގެން ކަނޑަށް ނިކުމެ އުޅުނު ބޯޓެއް ބަަންޑުން ޖަހާލައި 23 މީހުން ގެއްލުނެވެ.

އޭގެ ތެރެއިން މިހާތަނަށް ސަލާމަތް ކުރެވުނީ ތިން މީހުންނެވެ. ބާކީ ތިބި މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ.

ކެޓެގެރީ ހަތަރެއްގައި ހިމެނޭ ތޫފާން ފްލޮރިޑާއާ ހަމަައަށް ފޯރީ ގަޑިއަކު 241 މޭލުގެ ގަދަވަޔާ އެކު އެވެ. އޭގެ ކުރިން އެ ތޫފާން އެރީ ކިއުބާ އަށެވެ.

ކިއުބާގައި ދެ މީހުން މަރުވެފައިވާ އިރު، މުޅި ގައުމުން ކަަރަންޓު ކެނޑުނެވެ. ތޫފާން އެރުމުގެ ކުރިން ފްލޮރިޑާއިން 2.5 މިލިއަަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އެންގި އެވެ.

ފްލޮރިޑާއަށް އެރި އިރު ތޫފާން އިއަންގެ ބާރުމިނަށް ބަލާއިރު، އެއީ އެމެރިކާގެ ތާރީހުގައި ކުރިމަތިވި ފަސް ވަނައަށް އެންމެ ބާރުގަދަ ތޫފާން ކަމަށް ބެލެވެ އެވެ.