Advertisement

މަޑަވެލީ ދޯންޏަކުން 57 ޓަނުގެ މަސް ބާނައިގެން އާ ރެކޯޑެއް، މަހުގެ އަގަށް ނުވަ ލައްކަ ރުފިޔާ

29 ސެޕްޓެންބަރު 2022 - 07:39 0

މަޑަވެލީ ޓީއެސްލައިން ދޯނި: އިއްޔެ އެ ދޯނިން ވަނީ ރެކޯޑު އަދަދަކަށް މަސް ބާނާފައި. -- ފޮޓޯ: އެފްބީ/ ފަރެސްމާތޮޑާ މަސްވެރިން


މަޑަވެލީ ދޯންޏަކުން 57 ޓަނުގެ މަސް ބާނައިގެން އާ ރެކޯޑެއް، މަހުގެ އަގަށް ނުވަ ލައްކަ ރުފިޔާ

29 ސެޕްޓެންބަރު 2022 - 07:39 0

ގދ. މަޑަވެލީ ޓީއެސް ދޯނިން އިއްޔެ 57.15 ޓަނުގެ މަސް ބާނައި، އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑް އާ ކޮށްފި އެވެ.

މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ ޓީއެސް ލައިން ދޯނިން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކިރުވި މަހަށް 971،584 ރުފިޔާ ޖެހިފައިވާ ކަމަށެވެ.

ލިބެން ހުރި ރެކޯޑުތަކުން ދައްކާ ގޮތުގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑް ކުރިން ވެސް އޮތީ ޓީއެސް ލައިން ދޯންޏަށެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެ ދޯނިން އެއް ދުވަހުގެ ތެރޭގައި 50 ޓަނުގެ މަސް ބާނާފައިވެ އެވެ.

"ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވަން،" ފައުޒީ ވިދާޅުވި އެވެ.

މިދިޔަ އަހަރު ޓީއެސް ލައިން ދޯނިން މިފްކޯ އަށް 1095.8 ޓަނުގެ މަސް ކިރުވާފައިވެ އެވެ. އެއީ އެންމެ ގިނައިން މަސް ކިރުވި ދޯނި ކަމަށް ފައުޒީ ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރަކީ މިފްކޯއިން އެންމެ ގިނައިން މަސް ގަތް އަހަރެވެ. މިފްކޯއިން ބުނި ގޮތުގައި 2021 ގައި 58،350 ޓަނުގެ މަސް ގަނެފައިވާއިރު، 2020 ގައި ގަނެފައިވަނީ 49،000 ޓަނުގެ މަސް ކަމަށެވެ.

ޓީއެސް ދޯނީގެ މަސް ކޫއްޑޫއަށް ކިރަނީ


މަސްވެރިކަން ތިޔާގި، ކެޕޭސިޓީ އިތުރުކުރަން ތައްޔާރު

މިދިޔަ އަހަރުގެ މި ދުވަސްވަރު މަސްވެރިކަން ތިޔާގިވެ، މަސް ނުކިރި، މަސްވެރިންނާއި އޮޑިވެރިން މުޒާހަރާ ކުރި އެވެ. އެހެންވެ، މި އަހަރުގެ މަސްވެރިކަން ރަނގަޅު ދުވަސްވަރަށް ސަރުކާރާއި މިފްކޯއިން ތައްޔާރުވުމުގެ ގޮތުން އިތުރު ބޯޓެއް ހޯދަން ވަނީ ނިންމައިފަ އެވެ.

ފައުޒީ ކުރިން ވިދާޅުވެފައި ވަނީ އޮކްޓޯބަރުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ރާއްޖޭގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވާނެ ކަމަށެވެ. އެހެންވެ، ބޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރަން ވެސް މި ސަރުކާރުން ވަނީ ބިޔަ މަޝްރޫއުއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް އިތުރުކުރާ 4،000 ޓަނާއެކު ޖުމްލަ 6،000 ޓަނަށް ޖާގަ އިތުރު ކުރާނެ އެވެ.

ފެލިވަރުގައި މުޅިން އަލަށް 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީންޒިން އަދި 80 ޓަނުގެ އާރުއެސްޑަބްލިޔޫ ސިސްޓަމެއް ގާއިމްކުރުމާއި، 3،500 ޓަނުގެ ކާގޯ ވެސަލް ކައިރި ކުރެވޭ ފެންވަރަށް ތަރައްގީ ކުރުމާއި، މަސް ކިރާނެ ޖެޓީ އަކާއި ފެލިވަރުގެ ބޭނުންތަކަށް އިތުރު ޖެޓީއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އަދި، 100 ޓަނުގެ ޕްރޮސެސިސް ކޭނެރީއެ އެއްވެސް ފެލިވަރުގައި ގާއިމް ކުރެ އެވެ.