Advertisement

"ވާހަކަފުޅު ދައްކަވަން އެދިވަޑައިގަންނަވާ އިއްޒަތްތެރި މެމްބަރަކު ނެތް"

28 ސެޕްޓެންބަރު 2022 - 13:58 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި ވަގުތު، ލައިވް ސްޓްރީމުން ނަގާފައިވާ މަންޒަރެއް. ޖަލްސާއަށް ވަޑައިގެންނެވީ ވަރަށް މަދު މެމްބަރުން.


"ވާހަކަފުޅު ދައްކަވަން އެދިވަޑައިގަންނަވާ އިއްޒަތްތެރި މެމްބަރަކު ނެތް"

28 ސެޕްޓެންބަރު 2022 - 13:58 1

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވަގުތުން ދުރަށް ދެއްކި އިރު، އެއްވެސް އަޑެއް ނެތި ހުސް މަންޒަރު ފެނުނު އެތައް ފަހަރެއް ދިޔަ އެވެ. އެއީ އެކަމަކު ޓެކްނިކަލް މައްސަލައެއް ނޫނެވެ. މެމްބަރުންގެ މަސައްކަތުގެ އަހުލާގުގެ މައްސަލަ އެކެވެ.

އެއްވެސް އަޑެއް ނެތި ހުސްކޮށް ދެއްކި އެއް މަންޒަރަކީ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ބެލި އިރު، މެމްބަރުން މަދުކަމުން، "މެމްބަރުންކޮޅެއް" ވަޑައިގަންނަވާތޯ ރިޔާސަތުން އިއުލާނު ކުރި ވަގުތެވެ. ވަޑައިގެން ދެއްވަން ވީ ކިތައް މެމްބަރުންކަން އެވަގުތު ރިޔާސަތުގައި އިންނެވި، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ސާފުކޮށް ވިދާޅުވެސް ވި އެވެ.

"އަޅުގަނޑު އިއްޒަތްތެރި މެމްބަރުންނަށް ދަންނަވައިލަން. ކޮމިޓީ ރިޕޯޓް ފާސްކުރާ އިރުގައި އެބަ ޖެހޭ މިތާނގައި 44 މެމްބަރުން ތިބެން. އެއީ [ވޯޓަށް އަހަން އޮތް ކޮމިޓީ ރިޕޯޓަކީ] ގާނޫނަކަށް ގެނެވޭ ބަދަލެއް އެއީ،" އަފީފު ވިދާޅުވި އެވެ.

ރިޔާސަތުން އެ ތަފްސީލު ދޭން ޖެހުނީ ޖަލްސާގައި އެވަގުތު ތިއްބެވި މެމްބަރުންގެ އަދަދު މަދުކަމުންނެވެ. މިދައުރުގެ އެހެން ޖަލްސާތަކެކޭ އެއް ފަދައިން މިއަދު ވެސް ޖަލްސާ ފެށީ ވަރަށް މަދު މެމްބަރުންނާ އެކުގަ އެވެ. މަޖިލީހުގައި 87 ދާއިރާ ތަމްސީލުކުރައްވާ 87 މެމްބަރުން ތިއްބަވާ އިރު މިއަދުގެ ޖަލްސާ ފެށީ އެެންމެ 24 މެމްބަރުންނާ އެކުގަ އެވެ. ސަލާމުގައި އަށް މެމްބަރުން ތިއްބެވި އިރު ރަސްމީ ދަތުރުތަކުގައި ވަޑައިގެންވީ ތިން މެމްބަރެކެވެ.

އަނެއް 52 މެމްބަރުން ވަޑައިނުގެންނެވީ ކީއްވެކަމެއް ނޭނގެ އެވެ.

މިއަދުގެ ޖަލްސާގައި އަޑެއް ނެތި ދުރަށް ދެއްކި އަނެއް މަންޒަރަކީ އެޖެންޑާ އައިޓަމެއް އިއުލާނު ކުރުމަށް ފަހު، ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ މެމްބަރަކު ވޭތޯ ރިޔާސަތުން އިންތިޒާރުކުރި މަންޒަރެވެ. އެފަދަ ބައެއް އިންތިޒާރުތަކަށް ނިމުން ގެނެސްދެއްވީ ވަރަށް މަދު ދުވަހެއްގައި ނޫނީ މަޖިލީހަށް ވަޑައިގެން، ބަހުސް ކުރައްވަން ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއް ހެން ބޭނުންކުރައްވާ، މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދެވެ.

އޭނާ މިއަދުގެ ޖަލްސާގައި ތިން ފަހަރެއްގެ މަތިން ވާހަކަ ދެއްކެވި އެވެ.

މިއަދުގެ އެޖެންޑާގައި ބަހުސްކުރަން ހުރި ގިނަ ކަންތައްތަކުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުކަމުން، އެޖެންޑާ އައިޓަމްތައް ކުރިއަށް ދިޔައީ ވަރަށް ބާރަށެވެ. އެހެން ގޮސް ވާހަކަ ދައްކަވާނެ މެމްބަރުން ނެތޭ ބުނަންޖެހޭ ހިސާބަށް ދިޔައީ މިއަދުގެ ވޯޓުގެ ވަގުތަށް ފަހުގަ އެވެ.

ވޯޓަށް ފަހު މިއަދު ބަހުސް ކުރަން ހުޅުވައިލި ފުރަތަމަ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު އޮތް ވަރުގައި ހިފެހެއްޓުމަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަން، މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހުށަހަޅުއްވާފައިވާ ބިލެވެ.

"އިތުރު މެމްބަރަކު މިވަގުތު ވާހަކަފުޅު ދައްކަވަން އެދިވަޑައިގެންފައެއް ނެތް،" އެޖެންޑާގެ އެ އައިޓަމް އިއުލާނު ކުރެއްވުމަށް ފަހު އިރުކޮޅަކު އިންނަވާފައި ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި އެވެ.

އެއަށް ފަހު ބަހުސަށް ހުޅުވައިލީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ބަދަލު ގެންނަން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމު ހުށަހަޅުއްވާފައިވާ ބިލެވެ.

"ވާހަކަފުޅު ދައްކަވަން.... އެދިވަޑައިގަންނަވާ އިއްޒަތްތެރި މެމްބަރަކު ނެތް،" މެމްބަރަކު އަތް ހިއްލަވާތޯ ބައްލަވަން އިންނަވައި ރިޔާސަތުން އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނަށް ބަދަލު ގެންނަން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރައްވާނެ މެމްބަރަކު އިންނެވިތޯ ވެސް ރިޔާސަތުން ބެލި އެވެ. އެކަމަކު ތަކުރާރުކުރައްވަން ޖެހިވަޑައިގެންނެވީ ކުރިން ވިދާޅުވި އިބާރާތެވެ.

"ވާހަކަފުޅުދައްކަވަން އެދިވަޑައިގަންނަވާ އިއްޒަތްތެރި މެމްބަރަކު" ނެތީމަ އެވެ.

ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރަން ހުޅުވައިލި ފުރުސަތަށް ފަހުގައި ވެސް އީވާއަށް ތަކުރާރުކުރައްވަން ޖެހިވަޑައިގެންނެވީ ކުރިން ވިދާޅުވި އިބާރާތެވެ.

"ވާހަކަފުޅު ދައްކަވަން އެދިވަޑައިގަންނަވާ އިއްޒަތްތެރި މެމްބަރަކު" ނެތެވެ.

މިއަދަށް އޮތް އެންމެ ފަހު ބަހުސަށް ހުޅުއްވައިލެއްވުމަށް ފަހުގައި ވެސް ހަމަ އެ އިބާރާތެވެ.

މަޖިލީހުގެ ތަޅުމުގައި ކުރާ ބަހުސްގައި ބައިވެރިވާނެ މެމްބަރުން ނެތަސް، އެކިއެކި ކަންކަމާ ގުޅޭ ޓްވީޓްތައް ކުރެއްވުމުގައި މެމްބަރުންގެ މަސައްކަތް ވަރަށް އަވަހެވެ. ކޮންމެ 10 މިނެޓަކުން ޓްވީޓް ކުރައްވާ މެމްބަރުން ވެސް އުޅުއްވާ ކަމަށް ޓްވިޓާގައި އެކްޓިވްކޮށް އުޅޭ މީހުން ބުނެ އެވެ.

"ޓްވީޓް ކުރައްވާނެ އިއްޒަތްތެރި މެމްބަރަކު" ނެތިގެން އުޅޭކަށް ނުޖެ އެވެ.