Advertisement

އެޗްޑީސީ އޮއްވައި އެއް މަސައްކަތެއް ކުރަން ފަހި ދިރިއުޅުން އުފެއްދުމުން ސުވާލެއް

30 ސެޕްޓެންބަރު 2022 - 17:46 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓުތައް އަޅަމުންދާ ސަރަހައްދު. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެޗްޑީސީ އޮއްވައި އެއް މަސައްކަތެއް ކުރަން ފަހި ދިރިއުޅުން އުފެއްދުމުން ސުވާލެއް

30 ސެޕްޓެންބަރު 2022 - 17:46 2

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުން ދަނިކޮށް، ހަމަ އެ މަސައްކަތް ކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އުފެއްދުމުގެ ބޭނުމާމެދު ވާލްޑް ބޭންކުން ސުވާލު އުފައްދައިފި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް ބުނެ އެފްޑީސީ އުފެއްދީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އޭގެ ފަހުން، އެ ކޯޕަރޭޝަނުން ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ވާލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތައް ފާހަގަކޮށްފަ އެވެ.

ވާލްޑް ބޭންކުން ބުނާ ގޮތުގައި، އެފަދަ ކުންފުނިތަކަށް ސަރުކާރުން ދޭ ސަބްސިޑީ އާއި ލޯނާއި އެހެނެހިން މާލީ އެހީތަކުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކުން ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ހިރާސް ބޮޑެވެ.

އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުން ޒިންމާވާ ގޮތަށް ނަގާފައިވާ ލޯނުތަކާއި ސަބްސިޑީ ދިނުމާއި ކެޕިޓަލްއަށް ކުރާ ހަރަދު ހިމެނޭގޮތަށް، ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ހިރާސް 2.5 ބިލިއަން އެމެރިކާ ޑޮލަރު (38.5 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ދަރަނި ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އޭގެ ތެރެއިން ދެ ބައި ކުޅަ އެއް ބައި އެޗްޑީސީއިން ހިއްސާކުރާއިރު، ކައިރި މުސްތަގުބަލެއްގައި ދަރަނި އަނބުރާ ދެއްކުމަށް އެ ކުންފުންޏަށް ހުރި ގޮންޖެހުންތައް ބޮޑެވެ.

އަދި، އެފްޑީސީ އުފެއްދުމުގެ ސަބަބުން ބޯހިޔާވަހިކަމާ ގުޅޭ ދަރަނިން ކުރިމަތިވެފައިވާ ހިރާސް އިތުރަށް ގޯސްވެދާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

"ނަމަވެސް، ބިން ވިއްކުމާއި ކުއްޔަށް ދީގެން ޒަމާނުއްސުރެ އެޗްޑީސީއަށް އާމްދަނީ ލިބެން އޮތް ފަދަ މަގެއް އެފްޑީސީއަށް ނެތް،" ވާލްޑް ބޭންކުން ބުންޏެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ، އެޗްޑީސީއާ ހިލާފަށް އެފްޑީސީއިން ތަރައްގީކުރާ ހައުސިން މަޝްރޫއުތަކަށް ބިމު ކުލި ދައްކަންޖެހުމުގެ ސަބަބުން، އެކަން ދެކޮޅު ޖެއްސުމަށް ސަރުކާރުން ދޭ ކެޕިޓަލްއަށް ބަރޯސާވާންޖެހޭ މިންވަރު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި މި ކަމުގެ ސަބަބުން އެޗްޑީސީއަށް ދިމާވެފައިވާ ކޭޝްފްލޯގެ މައްސަލަތައް އެފްޑީސީއަށް ވެސް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ވާލްޑް ބޭންކުން ބުންޏެވެ.