Advertisement

ކޮންމެ ސްކޫލެއްގައި 11، 12 އުފެއްދުމަކީ ފީސިބަލް ކަމެއް ނޫން: ސަރުކާރު

28 ސެޕްޓެންބަރު 2022 - 10:34 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މާލޭގައި 11، 12 އަށް ކިޔަވައިދޭ ސަރުކާރުގެ ހަމަ އެކަނި ސްކޫލް، ސެންޓަ ފޯ ހަޔަ އެޑިއުކޭޝަން ސެންޓަރުގައި ދަރިވަރުންތަކެއް ހަރަކާތްތެރި ވަނީ. ސަރުކާރުން މިއަދު ބުނީ ކޮންމެ ސްކޫލެއްގައި 11، 12 އުފެއްދުމަކީ ފީސިބަލް ކަމެއް ނޫން ކަމަށް. ފޮޓޯ:ސީއެޗްއެސްސީ


ކޮންމެ ސްކޫލެއްގައި 11، 12 އުފެއްދުމަކީ ފީސިބަލް ކަމެއް ނޫން: ސަރުކާރު

28 ސެޕްޓެންބަރު 2022 - 10:34 0

ކޮންމެ ސްކޫލެއްގައި ގްރޭޑް 11 އާއި ގްރޭޑް 12 އުފެއްދުމަކީ ކުރަން އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ 11، 12 އަށް ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. މާލޭގައި ކުރާނެ ކަަމަކީ ސެންޓަފޯ ހަޔަ އެޑިއުކޭޝަން ސެންޓަރު (ސީއެޗްއެސްސީ)ގެ ޖާގަ އިތުރުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ސްކޫލެއްގައި 11، 12 ތައާރަފް ކުރުމަކީ އަސްލު، ފީސިބަލް ކަމެއް ނޫން. އެއީ އަޅުގަނޑުމެން 11، 12 ތައާރަފްކުރާ ކަމަށް ވެއްޖެއްޔާ ވަރަށް ރަނގަޅު ލެބޯޓްރީއެއް އެތާ ޑިވެލޮޕްކުރަން ޖެހޭ. ވަރަށް ރަނގަޅު މުދައްރިސުން އެތަންތަނަށް ފޯރުކޮށްދޭން ޖެހޭ. އެހެންވީމާ ވީހާވެސް އެންމެ ގާތަކުން ކޮންމެ އަތޮޅެއްގައި 11، 12 ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ މިހާރު އަޅުގަނޑުމެންގެ ފޯކަސް ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ މަގަށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މިމޭރުމުން ވާހަކަދެއްކެވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ސަނީފުގެ ސުވާލުގައި އެއްސެވީ، މާލޭގައި 11، 12 އަށް ވަންނަން ބޭނުންވާ ކުދިންނަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވާއިރު، ވިލާ ހައި ސްކޫލުން ނަގާ ފީ ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރޭ ތޯ އެވެ.

"އެގާރަ ބާރަ ކިޔަވަން ބޭނުންވާ ވަރަށް ގިނަ ކުދިން އެބަ ތިބި ރާއްޖޭގައި. އެހެން ނަމަވެސް މާލޭގައި އަމީނިއްޔާ، މަޖީދިއްޔާ މިއިން އެއްވެސް ސްކޫލެއްގައި އެގާރަބާރަ ނެތުމުގެ ސަބަބުން، ހަމަ އެކަނި ސީއެސްއެޗްސީ ހުރުމުގެ ސަބަބުން އެ ކުދިންނަށް، ޖާގަ ލިބުމުގައި ދަތިތަކެއް [ކުރިމަތިވެފައި] މިއޮތީ،" ސަނީފު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސީއެޗްސީގައި މިހާރު އަޅަމުން އަންނަ އާ އިމާރާތުގެ މަސައްކަތް ނިމުމުން އެ ސްކޫލުގައި ކިޔަވައިދޭ ކުދިންގެ އަދަދު ދެގުނައަށް އިތުރުކުރެވޭނެ ކަމަށެވެ. އެ އިމާރާތުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.