Advertisement

ޕޯޗުގަލް ކަޓުވާލައި ސްޕެއިނުން ސެމީގެ ފަހު ޖާގަހޯދައިފި

28 ސެޕްޓެންބަރު 2022 - 02:05 0

ލަނޑު ޖެހުމަށް ފަހު ސްޕެއިން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޕޯޗުގަލް ކަޓުވާލައި ސްޕެއިނުން ސެމީގެ ފަހު ޖާގަހޯދައިފި

28 ސެޕްޓެންބަރު 2022 - 02:05 0

ބްރާގާ، ޕޯޗުގަލް (ސެޕްޓެމްބަރު 28) - ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ޕޯޗުގަލް 1-0 އިން ބަލިކޮށް ސްޕެއިނުން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އަންނަ އަހަރު ކުޅޭ ނޭޝަންސް ލީގުގެ ސެމީގައި ޖާގަތަށް ދެން ހޯދީ ނެދަލެންޑްސް، ކްރޮއޭޝިއާ އަދި އިޓަލީ އެވެ. އެންމެ ފަހުން ކުޅުނު ނޭޝަންސް ލީގު ފައިނަލުގައި ސްޕެއިން ބަލިކޮށް ތަށި އުފުލާލީ ފްރާންސް އެެވެ. ފްރާންސް ހިމެނުނު ގްރޫޕުން ސެމީ އަށް ދަތުރުކުރީ ކްރޮއޭޝިއާ އެވެ.

ސްޕެއިނުން އެންމެ ފަހުން ކުޅުނު މެޗުން ސްވިޒަލެންޑް އަތުން ބަލިވުމުން މިރޭ ޕޯޗުގަލް ދަނޑުގައި މޮޅުވެގެން ނޫން ގޮތަކަށް އެ ޓީމަށް ސެމީގެ ޖާގަ ހޯދެން ނެތެވެ. އަނެއްކޮޅުން، އެއްވަރުކޮށްލައިގެން ވެސް ސެމީ އަށް ދެވެން އޮތް ޕޯޗުގަލް ބަލިވީ ފަހު ވަގުތު ވަން ގޯލުންނެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ގްރޫޕް ބީގެ އެއް ވަނަ ސްޕެއިނުން ހޯދީ ހަ މެޗުން 11 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމި ޕޯޗުގަލް އަށް ހަ މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ ހޯދީ މިރޭ ޗެކް ރިޕަބްލިކް އަތުން 2-1 އިން މޮޅުވި، ސްވިޒަލެންޑް އެވެ. ސްވިޒަލެންޑަށް ވަނީ ހަ މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގެ ފުލަށް ދިޔައީ ހަ މެޗުން ހަތަރު ޕޮއިންޓް ލިބުނު ޗެކް ރިޕަބްލިކް އެވެ. އެ ޓީމު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.

ސްޕެއިންގެ ކާވަހާލް (ކ) ކައިރިން ރޮނާލްޑޯ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ


ބްރާގާގެ މުނިސިޕަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން މާގިނައިރެއްނުވެ، ސްޕެއިނުގެ ޕަބްލޯ ސަރާބިއާ ޖެހި ބޯޅައެއް ޕޯޗުގީސް ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. ޕޯޗުގަލް އަށް ލީޑުނަގައިދޭން އެ ޓީމުގެ ޑިއޯގޯ ޖޮޓާ ޖެހި ބޯޅައެއް ސްޕެއިންގެ ކީޕަރު އުނާއި ސިމޯން މަތަކުރިއިރު، ބްރޫނޯ ފެނާންޑޭސް އޭރިއާބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ސްޕެއިނުން ބަދަލުތަކެއް ގެނެސްގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔައިރު، އެ ޓީމުގެ ފޯވާޑް އަލްވާރޯ މޮރާޓާ ޖެހި ޝޮޓެއް ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސްޕެއިން އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައެއް ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެވެ. އޭގެ ކުރިން ރޮނާލްޑޯ ޖެހި ބޯޅައެއް ސްޕެއިން ކީޕަރު އުނާއި ސިމޯން ވަނީ ހުއްޓުވައިފަ އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސްޕެއިނުން ޖެހީ 87 ވަނަ މިނިޓްގަ އެވެ. މިއީ ޑެނީ ކާވަހާލް އޭރިއާތެރެއަށް މަތިން ނަގައިދިން ބޯޅައެއް އެ ޓީމުގެ ނީކޯ ވިލިއަމްސް ބޮލުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް އޮތް ގޯލަށް ވައްދާލައިގެން މޮރާޓާ ޖެހި ލަނޑެވެ.

ޕޯޗުގަލް އަށް އެއްވަރުކޮށްދޭން ސްޕެއިން އޭރިއާތެރެއިން ރޮނާލްޑޯ ޖެހި ބޯޅަ ކީޕަރު އުނާއި ސިމޯން ވަނީ މަތަކޮށްފަ އެވެ.