Advertisement

އިރާން މުޒާހަރާގައި މަރުވި މީހުންގެ އަދަަދު 76 އަށް އަރައިފި

28 ސެޕްޓެންބަރު 2022 - 07:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގައި މުޒާހަރާ ކުރަނީ. -- ފޮޓޯ: ދަ އޮސްޓްރޭލިއަން


އިރާން މުޒާހަރާގައި މަރުވި މީހުންގެ އަދަަދު 76 އަށް އަރައިފި

28 ސެޕްޓެންބަރު 2022 - 07:03 0

އިރާނުގައި މީގެ 11 ދުވަސް ކުރިން ފެށި މުޒާހަރާތަކުގަައި މަރުވި މީހުންގެ އަދަދު 76 އަށް އަރާފައިވާ ކަމަށް އެކްޓިވިސްޓުން ބުނެފި އެވެ.

ނޯވޭގައި ހިންގާ އިރާން ހިޔުމަން ރައިޓްސް (އައިއެޗްއާރް) ޖަމިއްޔާއިން ބުނީ މުޒާހަރާ ރޫޅާލަން ބަޑި ޖަހައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާ ކަމަށެވެ.

ގިނަ ބަޔަކު މަރުވެފައިވާ އިރު، އެތައް ސަަތޭކަ ބަޔަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި 20 ނޫސްވެރިން ހިމެނެ އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ މުޒާހަރާ ކޮންޓްރޯލް ކުރަން އަމަލު ކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފުލުހުން ހައްޔަރު ކުރިތާ މާ ގިނައިރުތަކެއް ނުވަނީވެސް މަރުވި މަހްސާ އާމިނީގެ ޖަނާޒާއަށް ފަހު ފެށި މުޒާހަރާ ވަނީ 80 އަށް ވުރެ ގިނަ ސިޓީ އާއި އަވަށްތަކަށް ފެތުރިފަ އެވެ.

އުމުރުން 22 އަހަރުގެ މަހްސާ އާމިނީ ހައްޔަރު ކުރީ ބުރުގާ ނާޅާ ހުރުމުންނެވެ. ތުހުމަތު ކުރެވޭ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ އަނިޔާތަކުގެ ސަބަބުންނެވެ.

އިރާނުގައި އަންހެނުން ބުރުގާ އެޅުން މަޖުބޫރެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ފުލުހުން ވަނީ މަހްސާ އާމިނީގެ ބޮލުގައި މުގުރުން ތަޅައި، ފުލުހުންގެ އުޅަނދަށް ލުމަށް ފަހު، ބޯ ތަންތަނުގައި ޖައްސާފަ އެވެ.

އެކަމަކު ފުލުހުން ބުނީ އަނިޔާކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށެވެ.