Advertisement

ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރަކަށް ވަލީއަހުދު މުހައްމަދު އައްޔަން ކުރައްވައިފި

28 ސެޕްޓެންބަރު 2022 - 05:48 0

ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު، ވަލީއަހުދު މުހައްމަދު ބިން ސަލްމާން. -- ފޮޓޯ: އޭއެފްޕީ


ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރަކަށް ވަލީއަހުދު މުހައްމަދު އައްޔަން ކުރައްވައިފި

28 ސެޕްޓެންބަރު 2022 - 05:48 0

ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު ކަމަށް ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ދަރިކަލުން، ވަލީއަހުދު، މުހައްމަދު ބިން ސަލްމާން އައްޔަން ކުރައްވައިފި އެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ބޭރުކުރާ، އަދި މުސްލިމުންގެ ދެ ހަރަމްފުޅު ހުންނަ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ޝާހީ ގަރާރަކުން ބޮޑުވަޒީރުގެ މަގާމަށް ވަލީއަހުދު މުހައްމަދު އައްޔަން ކުރައްވައި، ކެބިނެޓަށް ބަދަލުތައް ގެންނެވުމުގެ ކުރިން އޭނާއަކީ ބޮޑުވަޒީރުގެ ނައިބުގެ އިތުރުން ޑިފެންސް މިނިސްޓަރެވެ.

އާ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި ރަސްގެފާނުގެ ދަރިކަލުން ހާލިދު ބިން ސަލްމާނެވެ. އެނާޖީ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ދަރިކަލުން އަބްދުލްއަޒީޒް ބިން ސަލްމާން އެވެ.

ބޮޑުވަޒީރަކަށް ވަލީއަހުދު މުހައްމަދު އައްޔަން ކުރެއްވުމުގެ ކުރިން ވެސް ރަމްޒީ ގޮތެއްގައި ސައުދީ އަރަބިއްޔާގެ ސަރުކާރު ހިންގަވާ ލީޑަރެއްގެ ގޮތުގައި ހުންނެވީ އޭނާ އެވެ. ބޮޑުވަޒީރުގެ މަގާމާއެކު އެ ހައިސިއްޔަތު ރަސްމީ ވެގެން ދިޔައީ އެވެ.

ތިރީހަށް ވުރެ ގިނަ މިނިސްޓަރުންގެ މައްޗަށް އެކުލެވޭ ކެބިނެޓަށް ބަދަލުތައް ގެންނެވި ނަމަވެސް، ފޮރިން މިނިސްޓަރާއި ފިނޭންސް މިނިސްޓަރު އަދި އިންވެސްޓްމެންޓް މިނިސްޓަރުގެ މަގާމަށް ބަދަލެއް ނުގެންނަވަ އެވެ. ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރަކީ ފައިސަލް ބިން ފަރުހާން އަލް ސައުދެވެ. ފިނޭންސް މިނިސްޓަރަކީ މުހައްމަދު އަލް ޖަދާން އެވެ. އިންވެސްޓްމަންޓް މިނިސްޓަރު ހާލިިދު އަލް ފާލިހް އެވެ.