Advertisement

ޔޫރަޕަށް ގޭސް ފޮނުވާ ހޮޅިތަކަށް ރަޝިއާއިން ގެއްލުން ދިންކަމުގެ ތުހުމަތު

28 ސެޕްޓެންބަރު 2022 - 05:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހޮޅިތަކުން ގޭސް ލީކުވި ކަމަށް ޑެންމާކްގެ ޑިފެންސް މިނިސްޓްރީން ބުނޭ. -- ފޮޓޯ: ޑީޑަބްލިއު


ޔޫރަޕަށް ގޭސް ފޮނުވާ ހޮޅިތަކަށް ރަޝިއާއިން ގެއްލުން ދިންކަމުގެ ތުހުމަތު

28 ސެޕްޓެންބަރު 2022 - 05:50 0

ޔޫރަޕަށް ގޭސް ފޮނުވާ މައި ދެ ހޮޅިއަށް ރަޝިއާއިން "ޓެރަރިސްޓް ހަމަލާއެއް ދިނުމުން" ގޭސް ލީކުވެފައިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފި އެވެ.

ޔޫކްރެއިން ރައީސްގެ އެޑްވައިޒަރު މީކާއިލޯ ޕޮޑޯލިޔަކް ވިދާޅުވީ ނޯޑް ސްޓްރީމް އެކެއް އަދި ދޭކަށް ގެއްލުން ދިނުމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެކޮޅަށް ހިންގި "ހަނގުރާމައިގެ އަމަލެއް" ކަމަށެވެ.

ރަޝިއާއިން ބޭނުން ވަނީ ފިނި މޫސުމުގެ ކުރިން އީޔޫގައި ހާސްކަން ފަތުރަން ކަމަށް ތުހުމަތުކޮށް، އީޔޫއިން ޔޫކްރެއިން ފޯރުކޮށްދޭ އަސްކަރީ އެހީ އިތުރު ކުރަން އޭނާ ގޮވާލެއްވި އެވެ.

ސިސްމޮލޮޖިސްޓުން ބުނީ ގޭސް ލީކުވުމުގެ ކުރިން ކަނޑުގެ އަޑިން ގޮވުންތަކެއް ގޮވި ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް މިންވަރަށް އެއީ ގޮވުންތަކެއްކަން ސާފު،" ސްވިޑަންގެ ނޭޝަނަލް ސިސްމޮލޮޖީ ސެންޓަރުގެ ބިޔޯން ލުންޑް އެ ގައުމުގެ ނޫސްތަކަަށް ވިދާޅުވި އެވެ.

ނޯޑް ސްޓްރީމް ދޭއް އޮޕަރޭޓް ކުރާ ފަރާތްތަކުން ބުނީ ހޮޅީގެ ޕްރެޝަރު ވެއްޓޭނެ ކަމަށެވެ. އެހެންވެ، ޑެންމާކުގެ އިދާރާތަކުން ވަނީ ބޯންހޯމް ރަށް ކައިރިއަށް އެއްވެސް ބޯޓެއް ނުދިޔުމަށް އަންގާފަ އެވެ.

ނޯޑް ސްޓްރީމް އެކެއް އޮޕަރޭޓް ކުރާ ފަރާތުން ބުނީ ކަނޑު އަޑީގެ ހޮޅިތަކަށް އެއް ދުވަަހުގެ ތެރޭގައި އަންދާޒާ ކުރަން ނޭނގޭ ވަަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ޑެންމާކްގެ ޑިފެންސް ކޮމާންޑުން އާއްމުކުރި ފޮޓޯތަކުން ފެންނަނީ ބޯންހޯމް ރަށް ކައިރިން ބޯލްޓިކް ކަނޑުން ބޮކިތައް އަރާ މަންޒަރެވެ. އެންމެ ބޮޑަށް ބޮކި އަރަމުންދާ ސަރަހައްދުގެ ވަށުނިމުގައި އެއް ކިލޯމީޓަރު އެބަ ހުރި ކަމަށް އެ އިދާރާއިން ބުނެ އެވެ.

ޔޫކްރެއިންގެ އިތުރުން އީޔޫގެ ބައެއް ލީޑަަރުން ވެސް ވަނީ މިއީ ގަސްދުގައި ދިން ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ އެ ހާދިސާއާ މެދު "ވަރަށް ކަަންބޮޑުވާ" ކަމަށާއި މިއީ ބަޔަަކު ގަސްދުގައި ދިން ހަމަލާއަކަށްވުން އެކަށީގެންވާ ކަމަށެވެ.

މީގެ ކުރިން އީޔޫއިން ބުނެފަައި ވަނީ ރަޝިއާއިން ގޭހުގެ ސަަޕްލަައިއަށް ހުރަސް އަޅައި، އިގްތިސާދީ ހަތިޔާރެއްގެ ގޮތުގައި ގޭސް ހޮޅިތައް ބޭނުން ކުރަމުންދާ ކަމަަށެވެ.

އެކަން ދޮގުކޮށް ރަޝިއާއިން ބުނީ ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ގޭސް ހޮޅިތަައް މެއިންޓެއިން ނުކުރެވޭ ކަމަށާއި ސަޕްލައިއަށް އަަސަަރު ކުރަނީ އެހެންވެ ކަމަށެވެ.

ގޭސް ހޮޅިތަކަށް ކުއްލިއަކަށް ގެއްލުން ލިބުނު އިރު، އޭގެ ސަބަބުން އީޔޫއަށް ފޮނުވާ ގޭސް ސަޕްލައި ވަގުތުން ވަގުތަަށް އެއްވެސް އަަސަރެއް ނުކުރާނެ އެވެ. އެއީ އެ ހޮޅިތައް އޮޕަރޭޓް ކުރުން ހުއްޓާލާފަައި ވާތީ އެވެ.

ނޯޑް ސްޓްރީމް އެކަކުން ގޭސް ސަަޕްލައި ކުރުން ހުއްޓާލީ އޯގަސްޓު މަހު އެވެ. އެއީ 745 މޭލު ދިގު ހޮޅިއެކެވެ. ރަޝިއާގެ ސެއިންޓް ޕީޓާޒްބާގް ކައިރިން ފެށިގެން ކަނޑުގެ އަޑިން ލާފައި ގޮސް އެ ހޮޅި ގުޅެނީ ޖަރުމަނުގެ އިރުއުތުރަށެވެ.

ނޯޑް ސްޓްރީމް ދޭއް އޮޕަރޭޓް ކުރުން ހުއްޓާލީ މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިން ހަނގުރާމަަ ފެށުމާ އެކު އެވެ. އެ ދެ ހޮޅި އޮޕަރޭޓް ކުރުން ހުއްޓާލާފައިވި ނަމަވެސް، އޭގައި އަދިވެސް ގޭސް އެބަ ހުއްޓެވެ.

ހޮޅިތަަކަށް ގެއްލުން ލިބުނު ގޮތުގެ ތަހުގީގު ޖަރުމަނުވިލާތާއި، ޑެންމާކް އަދި ސްވިޑަންއިން ވެސް ދަނީ ކުރަމުންނެވެ.