Advertisement

ބީއެމްއެލުން ރާއްޖޭގެ 3 އެތުލީޓުންނަށް ސްޕޯޓްސް ސްކޮލާޝިޕް ދެނީ

27 ސެޕްޓެންބަރު 2022 - 10:15 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ގައުމީ އެތުލެޓިކްސް މުބާރާތުގެ އިވެންޓެއްގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން /އަދަދު


ބީއެމްއެލުން ރާއްޖޭގެ 3 އެތުލީޓުންނަށް ސްޕޯޓްސް ސްކޮލާޝިޕް ދެނީ

27 ސެޕްޓެންބަރު 2022 - 10:15 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ތިން އެތްލީޓަކަށް ސްޕޯޓްސް ސްކޮލަޝިޕް ދޭން ނިންމައިފި އެވެ.

އެ ބޭންކުން މިގޮތަށް ނިންމާފައި ވަނީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެނެވެ. އެގޮތުން އަހަރީ ދުވަހާ ހަމަޔަށް މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތެއް ކުރުމަށް ނިންމާފައިވެ އެވެ.

ބީއެމްއެލްއިން ބުނީ އަންނަ ނޮވެމްބަރު މަހު ފާހަގަކުރާ އެ ބޭންކުގެ އަހަރީ ދުވަހާ ދިމާކޮށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގައި ތިބި އެންމެ މޮޅު އެތުލީޓުންގެ ތެރެއިން ތިން އެތުލީޓަކަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުން ކަމަށް ބޭންކުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިންގް އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި އެކިއެކި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅިގެން ބީއެމްއެލުން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ.

"މޮޅު އެތުލީޓުންނަށް ރާއްޖޭގައި އާއި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ކާމިޔާބީ ހާސިލްކޮށްދިނުމުގެ ބޭނުމުގައި މިއަދު ސްޕޯޓްސް ސްކޮލާޝިޕް އިއުލާން ކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ކޮންމެ މަހެއްގައިވެސް ބޭންކުން ތައާރަފްކުރަމުންދާ ހަރަކާތްތަކަކީ މުޖުތަމައަށް އެހީތެރިވުމަށާއި ރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓެއްވެސްމެ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އެ ސްކޮލާޝިޕް އަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކަމަށް ވެސް ބޭންކުން ބުންޏެވެ.