Advertisement

އިޓަލީގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ކަމަށް ޖިއޯޖިއާ މެލޯނީ

27 ސެޕްޓެންބަރު 2022 - 05:46 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖިއޯޖިއާ މެލޯނީ. -- ފޮޓޯ: އޭއެފްޕީ


އިޓަލީގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ކަމަށް ޖިއޯޖިއާ މެލޯނީ

27 ސެޕްޓެންބަރު 2022 - 05:46 0

އިޓަލީގެ އާއްމު އިންތިހާބުން ކަނާއަތު ފިޔައިގެ ޕާޓީއަށް ކާމިޔާބު ލިބިފައިވާ ކަމަށް ނަތީޖާއިން ދައްކާތީ އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ކަމަށް ޖިއޯޖިއާ މެލޯނީ ވަޑައިގަންނަވާނެ ކަމަށް ބެލެވިއްޖެ އެވެ.

އެނެލިސްޓުން ބުނާ ގޮތުގައި ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު އިޓަލީގައި ކަނާއަތު ފިޔައިގެ ވިސްނުން އެންމެ ބޮޑަށް އޮތް ސަރުކާރު މެލޯނީ ގާއިމްކުރައްވާާނެ އެވެ.

އިޓަލީއަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ތިން ވަނައަށް އެންމެ ބޮޑު އިގުތިސާދަށް ވާއިރު، އެ ގައުމަށް ކަނާއަތު ފިޔައިގެ ސަރުކާރެއް އައުމުން އީޔޫއިން ކަންބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ނަތީޖާ އާއްމު ކުރަން ފެށުމުން މެލޯނީ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވިދާޅުވީ އެކަމަނާގެ ބްރަދާޒް އޮފް އިޓަލީ ޕާޓީއިން ވެރިކަން ކުރާނީ ހުރިހާ އެންމެންގެ ހައްގުގައި ކަމަށެވެ.

"އިޓަލީގެ ރައްޔިތުން މި ވަަނީ ބްރަދާޒް އޮފް އިޓަލީ ޕާޓީގެ އިސްނެގުމުގެ ދަށުން ކަނާއަތު ފިޔައިގެ ސަަރުކާރެއް ބޭނުންވާކަމުގެ ސާފު މެސެޖެއް ދީފައި،" ރޯމްގައި ނޫސްވެރިންނަށް މެލޯނީ ވިދާޅުވި އެވެ.

ލަފާކުރެވޭ ގޮތުގައި ވޯޓުގެ 26 ޕަސެންޓު އެކަމަނާއަށް ލިބިވަޑައިގަންނަވާނެ އެވެ. މެލޯނީއާ އެންމެ ގާތުން ވާދަކުރައްވަނީ އެންރީކޯ ލެޓާ އެވެ.

ހޯމަ ދުވަހު ލެޓާ ނޫސްވެރިންނަށް ވިދާޅުވީ ކަނާއަތު ފިޔައިގެ ޕާޓީއަކަށް ކާމިޔާބު ލިބުމަކީ "އިޓަލީ އާއި ޔޫރަޕަށް ބޮޑު ދެރައެއް" ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ޕާޓީއިން ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މެލޯނީގެ ކަނާއަތު ފިޔައިގެ ކޯލިޝަނުގައި ހިމެނެނީ ބްރަދާޒް އޮފް އިޓަލީ ޕާޓީގެ އިތުރުން މެޓިއޯ ސަލްވީނީގެ ލީގް ޕާޓީ އާއި ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބެރްލަސްކޯނީގެ ފޯރްޒާ އިޓާލިއާ ޕާޓީ އެވެ.

އެ ކޯލިޝަނަށް ޖުމްލަ 44 ޕަސެންޓް ވޯޓު ލިބި، ޕާލިމެންޓުގެ ސެނެޓު އަދި ޗެމްބާ އޮފް ޑެޕިއުޓީޒް ވެސް ކޮންޓްރޯލް ކުރާނެ ކަމަށް ބެލެވެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ބޭއްވި އިންތިހާބުގައި ބްރަދާޒް އޮފް އިޓަލީއަށް ލިބުނީ އެންމެ ހަތަރު ޕަސެންޓު ވޯޓެވެ. މި ފަހަރު އެ ޕާޓީއަށް ތާއީދު ބޮޑުވީ މިދިޔަ ޖުލައި މަހު ރޫޅުނު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިނުވެ އޮތުމުންނެވެ.

އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ބޮޑު ވަޒީރު ކަމަށް ވަޑަައިގަންނަވާނީ މެލޯނީ އެވެ. ނަމަވެސް އެ މަގާމަށް އެކަމަނާގެ ނަން ހުށަަހަަޅުއްވަން ޖެހެނީ ރައީސް ސާޖިއޯ މަަޓަރެއްލާ އަށެވެ. އެކަމަނާގެ ނަން ހުށަހަޅުއްވާނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ޔޫކްރެއިން ހަނގުރާމައަށް ތާއީދުކޮށް، އީޔޫއާ ދެކޮޅު ވިސްނުން މާ ބޮޑަށް ހާމަނުކުރެއްވި ނަމަވެސް، މެލޯނީގެ ޕާޓީއަކީ ހަނގުރާމައަށް ފަހު ކުރީގެ ޑިކްޓޭޓަރު ބެނީޓޯ މުސޯލިނީ ފާޝިސްޓް ހަރަކާތުގެ ތެރެއިން އުފަންވި ޕާޓީއެކެވެ.

މި އަހަރުގެ ކުރީކޮޅު ދެއްވި ސްޕީޗެއްގައި މެލޯނީ ވަނީ ކަނާއަތު ފިޔައިގެ ވިސްނުންތައް ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަަށް ވިދާޅުވެފަ އެވެ. އެގޮތުން އެއް ޖިންސުން ގުޅުން ހިންގުމާއި، އިސްލާމްދީނުގެ ނަމުގައި ހަމަނުޖެހުން ހިންގުމާއި، ގިނަ އަދަދެއްގެ ރެފިއުޖީންނަށް މަރުހަބާ ކިޔުމާ ދެކޮޅު ކަމަށް ވިދާޅުވި އެވެ.