Advertisement

މިސްރު އިންގިލާބުގެ ބާނީ އިލްމުވެރިޔާ ޔޫސުފް އަލް ގަރްދާވީ ނިޔާވެއްޖެ

26 ސެޕްޓެންބަރު 2022 - 17:48 5

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޔޫސުފް އަލް ގަރްދާވީ: އޭނާއަކީ މުޅި ދުނިޔެއަށް މަޝްހޫރު އައް ޝަރިއްޔާ ވަލް ހަޔާތު ޕްރޮގްރާމް ގެނެސްދެއްވި ޕްރެޒެންޓަރު -- ފޮޓޯ: އޮފިޝަލް ޓުވިޓާ


މިސްރު އިންގިލާބުގެ ބާނީ އިލްމުވެރިޔާ ޔޫސުފް އަލް ގަރްދާވީ ނިޔާވެއްޖެ

26 ސެޕްޓެންބަރު 2022 - 17:48 5

މިސްރަށް މީގެ 11 އަހަރު ކުރިން ގެނައި އިންގިލާބުގެ އެއް ބާނީ އަދި އިސްލާމް ދީނުގެ މަޝްހޫރު އިލްމުވެރިޔާ ޔޫސުފް އަލް ގަރްދާވީ މިއަދު ނިޔާވެއްޖެ އެވެ.

ގަރްދާވީ، 96، ނިޔާވިކަން އެމަނިކުފާނުގެ ރަސްމީ ޓުވިޓާ އެކައުންޓުން ވަނީ ހާމަކޮށްފަ އެވެ. މުހައްމަދު މޮރްސީގެ ސަރުކާރު 2013 ގައި ވައްޓާލި ފަހުން ގަރްދާވީ ދިރިއުޅުއްވަމުން ދިޔައީ ގަތަރުގަ އެވެ. ނިޔާވީ ވެސް ގަތަރުގައި ހުންނަވަނިކޮށެވެ.

"މުނާފިގުން، އެމީހުން އެއިރަކު ކުރަން ބޭނުންވާ ކަމެއް ހާސިލް ކުރުމަށް، އާ މޫނުތައް ދައްކަމުންދާނެ. މި އިންގިލާބު އެއްވެސް މީހަކު، ކަލޭމެން، ރައްޔިތުންގެ އަތުން އަތުލިޔަނުދޭތި،" ފެބްރުއަރީ 18، 2011 ގައި މިސްރުގެ ގާހިރާގެ ތަހުރީރު މައިދާނަށް އެއްވެ ތިބި އާންމުނާ މުހާތަބު ކުރައްވާ ގަރްދާވީ ވިދާޅުވެފައިވެ އެވެ.

ގަރްދާވީއަކީ މިސްރުގައި ހަރުކަށި ވެރިކަމެއް ކުރި ހުސްނީ މުބާރަކްްގެ ވެރިކަން އިންގިލާބުކޮށްފި މުސްލިމް ބްރަދާހުޑްގެ މުހިންމު މެމްބަރެކެވެ. އެ ޖަމިއްޔާގެ މަސައްކަތުގައި އުޅުއްވައިގެން 1950 ވަނަ އަހަރު، މިސްރުގެ އެއިރުގެ ރައީސް ގަމާލް އަބްދުއްނާސިރުގެ ވެރިކަމުގައި ޖަލުގައި ބަންދު ކުރި އެވެ.

އޭގެ ފަހުން 1960 ގެ އަހަރުތަކުގެ ތެރޭގައި މިސްރު ދޫކުރައްވައި ގަރްދާވީ ގަތަރަށް ވަޑައިގެންނެވި އެވެ. އެއިރު އަލަށް އުފެއްދި ގަތަރު ޔުނިވާސިޓީގެ މުހިންމު މަގާމުތަކެއް އަދާ ކުރެއްވި އެވެ. އަދި 1968 ވަނަ އަހަރު ގަތަރުގެ ސިޓިޒަންޝިޕް ވެސް ގަރްދާވީ ހޯއްދެވި އެވެ.

ގަރްދާވީ ނިޔާވިއިރު އެމަނިކުފާނު ވަނީ 120 ފޮތް ލިޔުއްވައިފަ އެވެ. އެހެންނަމަވެސް އެންމެ ބޮޑަށް މަގްބޫލުކަން ހޯއްދެވީ 1960 ވަނަ އަހަރު ލިޔުއްވި "އަލް ހަލާލް، ވަލް ހަރާމް ފިލް އިސްލާމް" މި ފޮތުންނެވެ. އަދި 1973 ވަނަ އަހަރު ލިޔުއްވި "ފިގްހު އަލް ޒަކާތު" ފޮތަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. އިސްލާމް ދީނުގެ މުހިންމު ތަފާތު ދާއިރާތަކަށް އެމަނިކުފާނު ވަނީ ފޮތް ލިޔުއްވައިފަ އެވެ.

ނަމަވެސް ގަރްދާވީ މުޅި ދުނިޔެއަށް މަޝްހޫރުވީ އަލް ޖަޒީރާގެ "އައް ޝަރިއްޔާ ވަލް ހަޔާތު" މި ޕްރޮގްރާމުގެ ބައިވެރިއެއްގެ ގޮތުގަ އެވެ. މުޅި ދުނިޔޭގެ ގާތްގަނޑަކަށް 40 މިލިއަން މީހުން އެ ޕްރޮގްރާމް ބެލި އެވެ.