Advertisement

ޕައުންޑްގެ އަގު ރެކޯޑް މިންވަރަށް ވެއްޓިއްޖެ

26 ސެޕްޓެންބަރު 2022 - 15:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްޓާލިން ޕައުންޑުގެ އަގު ރެކޯޑް މިންވަރަށް ވެއްޓުނީ ޓެކްސް ކުޑަކުރަން ނިންމުމުން. -- ފޮޓޯ: ގެޓީ


ޕައުންޑްގެ އަގު ރެކޯޑް މިންވަރަށް ވެއްޓިއްޖެ

26 ސެޕްޓެންބަރު 2022 - 15:12 0

އިނގިރޭސިވިލާތުގައި ފާއިތުވި 50 އަހަރުގެ ތެރޭގައި ކުޑަ ނުކުރާ މިންވަރަށް ޓެކްސް ކުޑަ ކުރަަން ނިންމުމުން ޕައުންޑުގެ އަގު ރެކޯޑް މިންވަރަށް ވެއްޓިއްޖެ އެވެ.

އެ ނިންމުމާ އެކު ޕައުންޑުގެ އަގު 1.03 އެމެރިކާ ޑޮލަރަށް ވެއްޓުމަށް ފަހު، މިހާރު ހުރީ 1.07 ޑޮލަރުގަ އެވެ.

އިނގިރޭސި ޗާންސެލަރު ކްވާސީ ކްވާޓެންގް މިދިޔަ ހުކުރު ދުވަހު ވިދާޅުވީ ޓެކްސް އިތުރަށް ކުޑަ ކުރާނެ ކަމަަށެވެ. އަދި ދަރަނި ނެގުން އިތުރު ވާނެ ކަމަށް ބެލެވޭތީ ބޮޑު އިގްތިސާދީ ޕެކޭޖެއް އިއުލާން ކުރެއްވި އެވެ.

އެގޮތުން އާމްދަނީއިން ނަގާ ޓެކްސް އާއި ގެ ގަތުމުން ނަގާ ސްޓޭމްޕް ޑިއުޓީ ކުޑަކޮށް، ކޯޕޮރޭޝަން ޓެކްސް ވެސް މަތިނުކުރަން ނިންމި އެވެ. އަދި ގޭބިސީތަކާއި ވިޔަފާރިތަކުގެ ހަ މަހުގެ ކަރަންޓު ބިލަށް ސަބްސިޑީގެ ގޮތުން 60 ބިލިއަން ޕައުންޑް ހޭދަކުރަން ނިންމި އެވެ.

ޕައުންޑްގެ އިތުރުން ޔޫރޯގެ އަގު ވެސް ވަނީ 20 އަހަރުގެ ތެރޭގައި ދަށް ނުވާ މިންވަރަށް ދަށްވެފަ އެވެ. ފިނި މޫސުން ކުރިމަތިވާ އިރު ވެސް ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ހަކަތައިގެ ކާރިސާ ހައްލުވުމުގެ ނިޝާނެއް ފެންނަން ނެތުމުން، އިގްތިސާދު މަޑު ޖެހޭނެ ކަމަށް އިންވެސްޓަރުން ދަނީ ބުނަމުންނެވެ.

ޕައުންޑްގެ އަގު މިހާރު ހުރި ވަރުގައި ދެމިހުންނަ ނަމަ، ޑޮލަރުން ފައިސާ ދައްކައިގެން އިނގިރޭސިވިލާތަށް އިމްޕޯޓް ކުރާ ތަކެތީގެ އަގު އުފުލޭނެ އެވެ. އޭގެ ތެރޭގަައި ތެލާއި ގޭސް ހިމެނެ އެވެ.

އޭގެ އިތުރުން ޓެކްސް ކުޑަކޮށް ސަރުކާރުގެ ދަރަނި އިތުރުވާ ނަމަ އިންފްލޭޝަން މަަތިވެ، ބޭންކް އޮފް އިންގްލޭންޑުން އިންޓްރެސްޓް ރޭޓް މައްޗަށް ޖައްސާނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެ ނަމަ، އިނގިރޭސިވިލާތުގެ ގިނަ ބަޔަކު ގެއާއި އެޕާޓްމަންޓަށް ކޮންމެ މަހަކު ދައްކާ މޯގޭޖް ފީ ބޮޑުވާނެ އެވެ.

މިދިޔަ ހަފްތާގައި އެ ބޭންކުން ވަނީ އިންޓްރެސްޓް ރޭޓް 0.5 ޕަސެންޓުން މަަތިކޮށްފަ އެވެ. މިހާރު އިންފްލޭޝަން ހުރީ 40 އަހަރުގެ ތެރޭގައި މަތި ނުވާ މިންވަރަށް 9.9 ޕަސެންޓްގަަ އެވެ. އަދި އިންޓްރެސްޓް ރޭޓަކީ 2.25 ޕަސެންޓެވެ.