Advertisement

ނަދީމްގެ މަރު މައްސަލައިގެ ހުކުމް އަނެއްކާ ވެސް ފަސްވެއްޖެ؛ މި ފަހަރު ދިފާއީ ވަކީލަކު އެދިގެން

26 ސެޕްޓެންބަރު 2022 - 13:00 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ނަދީމްގެ މަރު މައްސަލައިގެ ހުކުމް އަނެއްކާ ވެސް ފަސްވެއްޖެ؛ މި ފަހަރު ދިފާއީ ވަކީލަކު އެދިގެން

26 ސެޕްޓެންބަރު 2022 - 13:00 0

މާލޭގެ ހެންވޭރުގައި އޭރު ހުންނަ ޓާމިނަލް ކެފޭގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލައިގެ ހުކުމް އިއްވަން އެންމެ ފުރަތަމަ މާޗު މަހު ފަހު ދުވަހު ތާވަލުކުރުމަށް ފަހު، ފަސްވަމުން އައިސް މިއަދަށް ތާވަލުކުރި އަޑުއެހުން ވެސް ފަސްކޮށްފި އެވެ.

ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް (ނަޑޭ) މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ހުލާސާ ބަޔާން އިއްވިއިރު، ހުކުމް ކުރުން މާޗު މަހުގެ 31 ވަނަ ދުވަހަށް ތާވަލު ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އެ ދުވަހު ވިދާޅުވެފައިވެ އެވެ.

އެ ތާރީހުގެ ހަތަރު މަސް ފަހުން ޖުލައި މަހުގެ ތެރޭގައި އަޑުއެހުމެއް ބޭއްވީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގައި ހުރި ކަންކަމާ މެދު ސާފު ކުރަން ޖެހޭ އޮތް ކަމެއް އޮވެގެނެވެ. އެ އަޑުއެހުމުގައި ގާޒީ ވިދާޅުވި ގޮތުގައި ހުކުމް ކުރަން ސެޕްޓެމްބަރު 15 ވަނަ ދުވަހު އަޑުއެހުމެއް އޮންނާނެ އެވެ. އެ ދުވަހު ނުބޭއްވި، ދެން މިއަދަށް އަޑުއެހުން ތާވަލުކުރަން ނިންމި އެވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދު ބަލަހައްޓަވާ ކްރިމިނަލް ކޯޓުގެ ބީ7 ސެކްޝަނުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި، ހުކުމް ކުރަން މިއަދަށް ތާވަލުކުރަން ބޭއްވި އަޑުއެހުން ފަސްކުރަން ޖެހުނީ މައްސަލާގައި ހިމެނޭ ފަރާތެެއްގެ ދިފާއީ ވަކީލަކު އެދިގެން ކަމަށެވެ. އެއީ ކޮން ވަކީލެއްކަން ހާމައެއް ނުކުރެ އެވެ.

ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދީ މަރާލީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން 29 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.