Advertisement

ކްރޮއޭޝިއާ އާއި ނެދަލެންޑްސް ނޭޝަންސް ލީގުގެ ސެމީ އަށް

26 ސެޕްޓެންބަރު 2022 - 08:15 0

ލަނޑު ޖެހުމަށް ފަހު ނެދަލެންޑްސްގެ ކެޕްޓަން ވެން ޑައިކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ކްރޮއޭޝިއާ އާއި ނެދަލެންޑްސް ނޭޝަންސް ލީގުގެ ސެމީ އަށް

26 ސެޕްޓެންބަރު 2022 - 08:15 0

އަމްސްޓެޑަމް، ނެދަލެންޑްސް (ސެޕްޓެމްބަރު 26) - ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ނެދަލެންޑްސް އާއި ކްރޮއޭޝިއާ ފުރުސަތު ހޯދައިފި އެވެ.

ޑެންމާކް ވަނީ ރޭ ކުޅުނު ގްރޫޕްގެ ފަހު މެޗުން އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސް 2-0 އިން ބަލިކޮށްފަ އެކަމަކު، އެ ޓީމަށް ސެމީގެ ޖާގަ ނުލިބުނީ ގްރޫޕްގެ އަނެއް މެޗުން އޮސްޓްރިއާ އަތުން ކްރޮއޭޝިއާ 3-1 އިން މޮޅުވުމުންނެވެ. އަދި ނެދަލެންޑްސް ވަނީ 1-0 އިން ބެލްޖިއަމްގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ.

ޑިވިޝަން އެކެއްގެ ގްރޫޕް އޭ އިން އެއް ވަނަ ކްރޮއޭޝިއާ އަށް ލިބުނީ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ޑެންމާކަށް ވަނީ ހަ މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ފްރާންސް ތިން ވަނަ އަށް ދިޔައީ ހަ މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުން ރެލިގޭޓްވީ ހަ މެޗުން ހަތަރު ޕޮއިންޓް ލިބުނު އޮސްޓްރިއާ އެވެ.

ނެދަލެންޑްސް އިން ޑިވިޝަން އެކެއްގެ ގްރޫޕް ޑީގެ އެއް ވަނަ ހޯދީ މެޗަކުން ބަލިނުވެ، ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ ބެލްޖިއަމަށް ހަ މެޗުން ލިބުނީ 10 ޕޮއިންޓެވެ. މި ގްރޫޕްގެ ތިން ވަނަ އަށް ދިޔައީ ރޭ ވޭލްސް އަތުން 1-0 އިން މޮޅުވި ޕޮލެންޑް އެވެ. ޕޮލެންޑަށް ހަ މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، ވޭލްސް ރެލިގޭޓްވީ ހަ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އެވެ.

އޮސްޓްރިއާ ކޮޅަށް ރޭ ކްރޮއޭޝިއާގެ ގޯލުތައް ޖެހީ ލޫކަ މޮޑްރިޗާއި މާކޯ ލިވާޔާ އަދި ޑޭޔާން ލޮވްރެން އެވެ. އޮސްޓްރިއާގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ކްރިސްޓޮފް ބޯމްގާޓްނާ އެވެ. ޑެންމާކުން ފްރާންސް ބަލިކުރީ ފުރަތަމަ ހާފުގައި ޖެހި ދެ ގޯލާ އެކު އެވެ. ޑެންމާކްގެ ދެ ގޯލު ވެސް ފެނިގެންދިޔައީ ފަސް މިނިޓް ތެރޭގަ އެވެ. އެ ގޮތުން، މެޗުގެ 34 ވަނަ މިނިޓްގައި ކެސްޕާ ޑޯލްބާގްގެ ގޯލުން ޑެންމާކް ލީޑުނެގިއިރު، 39 ވަނަ މިނިޓްގައި އަންދްރެއަސް ސްކޯވް އޮލްސެން ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

ބެލްޖިއަމް ކޮޅަށް ނެދަލެންޑްސްގެ ހަމައެކަނި ގޯލު މެޗުގެ 73 ވަނަ މިނިޓްގައި ޖެހީ ކޯޑީ ގަކްޕޯ ނެގި ކޯނަރަކުން ޓީމުގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ބޮލުންނެވެ.

ނެދަލެންޑްސް އެންމެ ފަހުން ކުޅުނު 15 މެޗުން ވެސް ބަލިވެފައިނުވެ އެވެ. މި ފަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ނެދަލެންޑްސް ފުރުސަތު ހޯދިއިރު، އެ ޓީމު ވަނީ 2019 ވަަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅެފަ އެވެ.