Advertisement

އެމެރިކާގެ ކޯސްޓުގާޑު އެންމެ ބޮޑު އެއް އުޅަނދު ރާއްޖޭގައި

25 ސެޕްޓެންބަރު 2022 - 22:50 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމެރިކާ ކޯސްޓްގާޑުގެ ބޯޓު: މިއަދު އެ ބޯޓު ދައްކާލުމަށް ވަނީ ނޫސްވެރިންނާއި ސްކައުޓު ކުދިން ގެންގޮސްފައި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެމެރިކާގެ ކޯސްޓުގާޑު އެންމެ ބޮޑު އެއް އުޅަނދު ރާއްޖޭގައި

25 ސެޕްޓެންބަރު 2022 - 22:50 0

އެމެރިކާގެ ކޯސްޓްގާޑްގެ އުޅަނދެއް ކަމަށްވާ މިޖެޓް (ޑަބްލިއުއެމްއެސްއެލް 757) ރާއްޖެއަށް އަތުވެއްޖެ އެވެ.

އިއްޔެ ރާއްޖެ އައި މި އުޅަނދަކީ 2009 ވަނަ އަހަރު އެގައުމުގެ ކޯސްޓްގާޑް ބޯޓެއް ކަމަށްވާ ބޫޓްވެލް ކުރި ޒިޔާރަތަށް ފަހު އެމެރިކާގެ ކޯސްޓްގާޑް ބޯޓެއް ރާއްޖެއަަށް އައި ފުރަތަމަ ފަހަރެވެ.

މިޖެޓްގެ ފަޅުވެރިން ބަނދަރުގައި، ރާއްޖޭގެ ޑިފެންސް މިނިސްޓަރާ އެކު "އޮން ޕޯޓް އެންޑް އެޓް ސީ އެކްސްޗޭންޖަސް" (އެއްގައުމުގެ ކޯސްޓްގާޑް އުޅަނދެއް އަނެއް ގައުމަކަށް ޒިޔާރަތްކުރާ އިރު އޮން ރަސްމީ މުއާމަލާތްތައް) ކުރިއަށް ގެންދާނެ އެވެ.

މާދަމާ ފުރުމަށް ހަމަޖެހިފައިވާ ބޯޓު މިއަދު ވަނީ ދިވެހި ނޫސްވެރިންނަށާއި ސްކައުޓުގެ ދަރިވަރުންނަށް ދައްކާލާފަ އެވެ.

ޔޫއެސް އެމްބަސީގެ ޗާޖް ޑި އެފެއާސް އޯންޑްރިއާ އަޕެލް ވާހަކަދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޗާޖް ޑި އެފެއާޒް އޯންޑްރެއާ އަޕެލް ވިދާޅުވީ މި ދަތުރަކީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިކަހަލަ ފުރުސަތުތައް ވަރަށް މަދުން މި ލިބެނީ. ނަމަވެސް އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އާއި އެމެރިކާގެ ގުޅުން ބަދަހިވެގެން ދާނެ ކަމަށް. މި ޒިޔާރަތުގައި ދިވެހިރާއްޖެއާ، ރާއްޖޭގެ ޑިފެންސް މިނިސްޓަރާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ކޯސްޓްގާޑާ ގުޅުންބަދަހިކުރަން އުއްމީދުކުރަން. އެއީ އިންޑޯ ޕެސިފިކް ސަރަހައްދަކީ ހުޅުވައިލެވިފައިވާ މިނިވަން ސަރަހައްދަކަށް ހެދުމަށް ބޭނުންވާ ބައިބެރިވުން އުފެއްދުމަށް ޓަކައި،" އޭނާ ވިދާޅުވި އެވެ.

ބޯޓު ނޫސްވެރިންނަށް ދައްކާލުމަށް އެ ބޯޓުގެ ފަޅުވެރިން ހަރަކާތްތެރިވަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެންމެ ފަހުގެ ވަސީލަތްތަކާއެކު ސާޗް އެންޑް ރެސްކިއު މިޝަންތަކުގައި ވެސް ބޭނުން ކުރާ މިޖެޓްގެ ކޮމާންޑިން އޮފިސަރު ކެޕްޓަން ވިލީ ކާމިޝޭލް ވިދާޅުވީ މި ދަތުރުގައި ރާއްޖޭގެ ކޯސްޓުގާޑާއެކު ގާތް ގުޅުމެއް ގާއިމު ކުރެވޭނެ ކަމަށެވެ.

"ރާއްޖޭގެ ކޯސްޓުގާޑާއި ސަލާމަތީ ބާރުތައް ހުރިހާ ކަމެއްގައިވެސް ވަރަށް ޕްރޮފެޝަނަލް. މި ދަތުރު ނިންމާލާނީ ރާއްޖެ އާއި ރަނގަޅު ގުޅުމެއް ގާއިމު ކުރުމަށް ފަހު. މިކަހަލަ ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ސަލާމަތީ ކަންކަން ހިއްސާކޮށް ކުރިއަށްވުރެ ރަނގަޅު ކުރެވޭނީ ކިހިނެތްކަން ހިއްސާކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އެ ބޯޓުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ ޑްރޯން-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ގަޑިއަކު 28 ނައުޓިކަލް މޭލުގެ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޔޫއެސް ކޯސްޓުގާޑުގެ ލެޖެންޑް-ކްލާސް ކަޓާ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ މިޖެޓަކީ 418 ފޫޓު ދިގު، 54 ފޫޓު ފުޅާ އުޅަނދެކެވެ. މި އުޅަނދުގައި ސާވެއިލަންސް ޑްރޯން އާއި ހެލިކޮޕްޓަރުގެ އިތުރުން، ރެސްކިއުއަށް ބޭނުންކުރާ އެހެނިހެން އުޅަނދުތައް ވެސް ހިމެނެ އެވެ.