Advertisement

އެސްޓީއޯއަށް އަަސާސީ މުދާ ގަންނަން އައިޓީއެފްސީން 189 މިލިއަން ޑޮލަރުގެ ކްރެޑިޓި ފެސިލިޓީއެއް

25 ސެޕްޓެންބަރު 2022 - 10:51 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދު ހޮޓެލް ޖެންގައި މި އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް މި އެއްބަސްވުމުން އެހީތެރިވެދޭނެ --- ފޮޓޯ: އެސްޓީއޯ


އެސްޓީއޯއަށް އަަސާސީ މުދާ ގަންނަން އައިޓީއެފްސީން 189 މިލިއަން ޑޮލަރުގެ ކްރެޑިޓި ފެސިލިޓީއެއް

25 ސެޕްޓެންބަރު 2022 - 10:51 1

އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގަތުމަށް 189 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ގެ ކްރެޑިޓް ފެސިލިޓީއެއްގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިސްލާމިކް ފައިނޭންސިންގެ ތެރެއިން ވިޔަފާރިތަކަށް ޓްރޭޑް ފައިނޭންސްކޮށްދޭ އިސްލާމިކް ޓްރޭޑު ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އަދި، އައިޓީއެފްސީން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ ހާނީ ސާލިމް ސޮންބޮލް އެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަދި އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު (އައިއެސްޑީބީ) ގެ ގަވަރުނަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ފެސިލިޓީ ހަމަޖައްސާފައި ވަނީ އިސްލާމިކް ފައިނޭންސިންގެ މޮޑެލްއެއް ކަމަށްވާ މުރާބަހާ ފައިނޭންސިންގެ ދަށުންނެވެ. އެގޮތުން، އެސްޓީއޯއަށް ބޭނުންވާ މުދާ ސަޕްލަޔަރުގެ އަތުން ގަތުމަށް ފަހު އައިޓީއެފްސީން ވިއްކާނީ ކުޑަ ފައިދާއެއް ލުމަށްފަހު އެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ގަންނާނީ ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި ސިއްހީ ދާއިރާގައި ބޭނުންކުރާ އާލާތްތަކެވެ. މިއީ ކޮވިޑާއެކު ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އިތުރު އެހީއަކަށް ވެގެންދާނެ އެވެ.

އެސްޓީއޯއިން މިދިޔަ ޖޫން މަހު ވެސް އައިޓީއެފްސީ އާއެކު މުރާބަހާ ފައިނޭންސިން އެގްރީމެންޓެއްގައި ސޮއިކުރި އެވެ. އެފަހަރު ސޮއިކުރީ 175 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ) ގެ އެގްރީމެންޓެއްގަ އެވެ.

މިއީ އައިޓީއެފްސީން ސޮއިކުރި އެންމެ ބޮޑު ވިޔަފާރި ފައިނޭންސިން އެއްބަސްވުމެވެ. އެ ކޯޕަރޭޝަނުން ވަނީ މިއަދު ރަސްމީކޮށް އެ ޖަމާއަތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އިއުލާނުކޮށްފަ އެވެ. މި ކޯޕަރޭޝަނާ ގުޅުމުގެ ސަބަބުން ރާއްޖެއަށް ވިޔަފާރީގެ ދާއިރާއިން އިތުރު ފައިނޭންސިން ހޯދަން މަގުފަހި ވާނެ އެވެ.