Advertisement

ޗައިނާ އާއި ރާއްޖެއާ ދެމެދު އަންނަ މަހު ސީދާ ދަތުރުތައް އަލުން ފަށަނީ

24 ސެޕްޓެންބަރު 2022 - 17:17 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެއާޕޯޓުގައި ފަތުރުވެރިންތަކެއް. ކޮވިޑް-19 ފެނުމާ އެކު ވައިގެ ދަތުރުފަތުރުތައް އޮތީ ދެ ގައުމުގެ މެދުގައި ހުއްޓާލާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޗައިނާ އާއި ރާއްޖެއާ ދެމެދު އަންނަ މަހު ސީދާ ދަތުރުތައް އަލުން ފަށަނީ

24 ސެޕްޓެންބަރު 2022 - 17:17 0

ކޮވިޑް-19 ފެނުމާ އެކު ހުއްޓާލާފައިވާ ރާއްޖެ އާއި ޗައިނާއާ ދެމެދު ބާއްވާ ފްލައިޓުތައް އަންނަ މަހު އަލުން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދިޔަ ގައުމަކީ ޗައިނާ އެވެ. އެގައުމުގެ އެތައް ސިޓީއަކުން ރާއްޖެއަށް ގިނަ ފްލައިޓުތަކެއް ދިޔައީ ބާއްވަމުންނެވެ. އަދި، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ވެސް އެގައުމަށް ބޭއްވި އެވެ.

ނަމަވެސް، ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު ބޯޑަރު ބަންދުކޮށް ފްލައިޓުތައް އޮތީ މެދުކަނޑާލާފަ އެވެ. މިއަދާ ހަމައަށް ވެސް ސީދާ ޗައިނާ އިން ރާއްޖެއަށް ވައިގެ ދަތުރުފަތުރުތައް އަލުން ފަށާފައެއް ނުވެ އެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީންނެވެ. ޗައިނާއާ ދެމެދު ބާއްވަމުންދިޔަ ފްލައިޓުތައް ރާއްޖެއިން މެދުކަނޑާލީ ޖެނުއަރީ 30، 2020 ގަ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވަނީ އަލުން އަނބުރާ ފްލައިޓުތައް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަން ހާމަކުރައްވާފަ އެވެ.

"[ޑައިރެކްޓް ފްލައިޓްތައް] އަންނަ މަހު ފެށޭނެ ކަމަށް އުންމީދުކުރަން. އެއީ ދެ ގައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިވެގެންދާނެ ކަމެއް،" އެ އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.

ޗައިނާގައި މިހާރު ވެސް އަމަލުކުރަމުން އަންނަނީ ޒީރޯ ކޮވިޑްގެ ސިޔާސަތަށެވެ. އެއް ކޭސް ފެނިއްޖެނަމަ ވެސް ސިޓީތަކާއި ޓައުންތައް ލޮކްޑައުންކޮށް މާސް ޓެސްޓިން ކުރިއަށްގެންދެ އެވެ. އަދި، އެ ގައުމަށް އެތެރެވުމާއި ބޭރުވުމުގައި ވެސް ހަރުކަށި ޕްރޮޓޮކޯލްތަކެއް ވަނީ އެކުލަވާލަފަ އެވެ.

ކޮވިޑް ފެނުމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ދަތުރުކުރި އެވެ. އޭގެ ތެރެއިން 267،875 ޓޫރިސްޓުންނަކީ ޗައިނާ ރައްޔިތުންނެވެ. އެއީ، އެ އަހަރު ރާއްޖެ އައި ޓޫރިސްޓުން 17.5 އިންސައްތަ އެވެ.