Advertisement

މާލޭ ސަރަހައްދުގެ ބިން ވަކި ބަޔަކަށް ދިނުން އިންސާފުވެރިއެއް ނޫން: ނާޒިމް

24 ސެޕްޓެންބަރު 2022 - 12:08 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އެމްއެންޕީގެ ކޮންގްރެސްގައި ނާޒިމް ރޭ ވާހަކަ ދައްކަވަނީ: ވިދާޅުވީ ރައްޔިތުކަން ސަރުކާރަށް ކަނޑަނޭޅޭނެ ކަމަށް -- ފޮޓޯ: އެމްއެންޕީ


މާލޭ ސަރަހައްދުގެ ބިން ވަކި ބަޔަކަށް ދިނުން އިންސާފުވެރިއެއް ނޫން: ނާޒިމް

24 ސެޕްޓެންބަރު 2022 - 12:08 0

ވެރިކަން ހިންގާ މާލެ ސަރަހައްދުގެ ބިން ވަކި ބަޔަކަށް ހާއްސަކޮށްގެން ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ފުރަތަމަ ކޮންގްރެސްގައި، ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓަށް ފާޑުވިދާޅުވެ ނާޒިމް ވިދާޅުވީ، މާލޭ ރައްޔިތުންނަށް ހާއްސަކޮށް މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ގެނައުން މަސައްކަތް ކުރުމަކީ އިސްލާހު ކުރަންޖެހޭ ވިސްނުމެއް ކަމަށެވެ.

"މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ގެނެވޭ ހައްލަކީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ހާއްސަ ކުރެވިގެން ކުރެވޭ މަސައްކަތެއްކަމުގައި ވެގެންނުވާނެ. އެއީ އިސްލާހު ކުރަންޖެހޭ ވިސްނުމެއް،" ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުގެ މަގާމުގައި ވެސް ހުންނެވި ނާޒިމް ވިދާޅުވި އެވެ. "ރާއްޖޭގެ ނިސްބަތުން އިގްތިސާދީ ގޮތުން އެންމެ އަގު ބޮޑު ބިމަކީ ވަކި ރަށަކަށް ނިސްބަތްވާ މީހުންނަށް ހިލޭ ދިނުމަކީ އެހެން ދިވެހިންނަށް ކުރެވޭ ބޮޑު ބޭއިންސާފެއް ކަމަށް މި ޕާޓީން އަޅުގަނޑުމެން ދެކެން."

ގޯއްޗާއި ފްލެޓު ދޫކުރުމުގެ ބޭނުމަށް، މާލޭގެ ރައްޔިތުންނަކީ ކޮބައިކަން ސަރުކާރުން ކަނޑައެޅުމުން އެކަމަށް ވެސް ނާޒިމް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުކަން ކަނޑައެޅުމަކީ އެމީހެއްގެ އިހްތިޔާރުގައި އޮންނަންޖެހޭނެ ކަމެކެވެ.

"މާލޭގެ ރައްޔިތުންނަކީ ކޮބައިކަން ސަރުކާރުގެ ވަކި މިނިސްޓަރަކު ކަނޑައަޅަމުންދާ ތަން ވެސް މިއަދު އަޅުގަނޑުމެންނަށް އެބަ ފެނޭ. މިއީ އަޅުގަނޑުމެން ގަބޫލު ކުރާ އުސޫލެއް ނޫން. ރަށްވެހިކަމަކީ ވަޒީރުކަން ލިބުނީމަ ހިތުހުރި ގޮތަކަށް، ބޭނުން އިރަކު ބަދަލު ކުރެވޭ އެއްޗަކަށްވެގެން ނުވާނެ. އެ ބާރު އޮންނަންވާނީ ރައްޔިތު މީހާގެ އަތްމަތީގައި. އެއީ އޭނާގެ އިހްތިޔާރީ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ދާއިމީ ލީޑާޝިޕާއި އަސާސީ ގަވާއިދު އެކުލަވާލުމާއި ކުރިއަށް އޮތް ފަސް އަހަރު ޕާޓީގެ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް އޮންނާނެ އެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ މިއަދެވެ.