Advertisement

މިއީ ބިރުވެރި ދުވަސްވަރެއް، އުންމީދު އޮތީ އެމްއެންޕީގެ ވެރިކަމެއްގައި: ނާޒިމް

23 ސެޕްޓެންބަރު 2022 - 22:14 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްއެންޕީގެ ރައީސް ނާޒިމް؛ ރާއްޖޭގެ ހާލަތު، ބިރުވެރި ދުވަސްވަރެއްގެ ގޮތުގައި ސިފަކުރެއްވި - ފޮޓޯ: އަދަދު


މިއީ ބިރުވެރި ދުވަސްވަރެއް، އުންމީދު އޮތީ އެމްއެންޕީގެ ވެރިކަމެއްގައި: ނާޒިމް

23 ސެޕްޓެންބަރު 2022 - 22:14 0

ރާއްޖެ މި އޮތީ "ބިރުވެރި ދުވަސްވަރެއް" ގައި ކަމަށާއި އުންމީދު އޮތީ އެމްއެންޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިގެން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ކުރިއަށްދާ ޖަލްސާ ފައްޓަވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީ އުފައްދަން މަޖިލީހުގެ މެންބަރުންތަކެއް ވިސްނެވީ ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ސަގާފަތެއް ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ.

"ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަނީ ވަކި ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރަން، މި ޕާޓީއަކީ އެ ސަގާފަތް ބަދަލުކުރާނެ ޕާޓީއެއް، މި ޕާޓީގައި ޕާޓީގެ ރައީސްކަން ކުރެވެނީ ދެ ދައުރަށް، މުޅި އުމުރު ޕާޓީގެ ލީޑާޝިޕްގައި އެއް ބޭފުޅަކަށް ހުންނަން އަޅުގަނޑުމެން ފުރުސަތު ނުދޭނަން،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީ އުފެއްދީ ނާޒިމްގެ އިތުރަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްވެ ހުންނަވައިގެންނެވެ.

ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް އިޝާރާތް ކުރައްވައި ނާޒިމް ސިފަކުރެއްވީ މިހާރު ފެންނަމުން ދަނީ "ބިރުވެރި ދުވަސްވަރެއް" ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ބިރުވެރިކަމާއި އެ ގޮންޖެހުންތައް ގިނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް އިޝާރާތް ކުރެއްވީ ފުލުހުންގެ ރައްކާތެރިކަން ގެއްލި، ކުށްތައް ގިނަވުމާއި ގޭންގްތަކުގެ ބާރުގަދަވުމުގެ އިތުރަށް މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވަމުންދާ ދިއުމެވެ.

"ވަރަށް ބިރުވެރި ދުވަސްތަކެއް މި ފެންނަނީ، ދިވެހި ފުލުހުންނަށް ގޭންގްތަކުން ހަމަލާދެމުން އެބަދޭ، އެ މީހުންގެ މައްސަލަ ތަހުގީގު ކުރަން ފެށުމުން އެ ކަން ކުރާ ޕޮލިސް ސްޓޭޝަނެއް ވަދެ އިންޒާރު ދޭން ފަށައިފަ،" ރާއްޖޭގައި ހިނގަމުންދާ ކަންކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ގިނަ ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ.

ހާއްސަކޮށް މާލެއަށް މީހުން ޖަމާކުރުމާއި، މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ ސިޔާސަތުތަކަށް ނާޒިމް ފާޑުވިދާޅުވި އެވެ. ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާވާ ގޮތަށް ޚާރިޖީ ސިޔާސަތުތައް ބައްޓަންކުރާތީ އެ ކަމަށް ވެސް ފާޑުވިދާޅުވި އެވެ.

"ގައުމީ ޖަލްސާގައި ކުރާނެ އެންމެ މުހިންމު ކަމަކީ މި ހާލަތްތަކުން ގައުމު ސަލާމަތް ކުރުމަށް ސިޔާސަތުތަކެއް އެކުލަވާލުން،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓަށް ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ނާޒިމް ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ނިންމުން ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެމްއެންޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ދާއިމީ ލީޑާޝިޕާއި އަސާސީ ގަވާއިދު އެކުލަވާލުމާއި ކުރިއަށް އޮތް ފަސް އަހަރު ޕާޓީގެ ސިޔާސަތުތައް އެކުލަވާލާނެ އެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދާނީ މާދަމާ އެވެ.