Advertisement

ޔުއެފާ ނޭޝަންސް ލީގު: ފްރާންސަށް ފުރަތަމަ މޮޅު، ކްރޮއޭޝިއާ ސެމީއާ ގާތަށް

23 ސެޕްޓެންބަރު 2022 - 05:39 0


ޔުއެފާ ނޭޝަންސް ލީގު: ފްރާންސަށް ފުރަތަމަ މޮޅު، ކްރޮއޭޝިއާ ސެމީއާ ގާތަށް

23 ސެޕްޓެންބަރު 2022 - 05:39 0

ޕެރިސް (ސެޕްޓެމްބަރު 23) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޑެންމާކް 2-1 އިން ބަލިކޮށް ކްރޮއޭޝިއާ ސެމީއާ ގާތަށް ޖެހިލިއިރު، އޮސްޓްރިއާގެ މައްޗަށް 2-0 އިން ކުރިހޯދައި, އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އިން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ފްރާންސް އިން މި ފަހަރުގެ ނޭޝަންސް ލީގު ފެށިއިރު، ފުރަތަމަ ހަތަރު މެޗު ނިންމާލީ މޮޅެއް ނުލިބި އެވެ. އެކަމަކު، ރޭ އޮސްޓްރިއާގެ މައްޗަށް ކުރިހޯދައި ފްރާންސުން މި ވަނީ ހިތްހަމަޖެހުމެއް ހޯދައިފަ އެވެ.

ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު ކްރޮއޭޝިއާ އެވެ. ދެ ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ޑެންމާކް އެވެ. ތިން ވަނައިގައި ފްރާންސް އޮތީ ފަސް މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް އޮސްޓްރިއާ އަށް ވަނީ ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ޕެރިހުގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ފްރާންސްގެ އެޓޭކްތައް ހުއްޓުވުމުގައި އޮސްޓްރިއާގެ ކީޕަރު ޕެޓްރިކް ޕެންޓްޒް މުހިންމު ރޯލެއް ކުޅުނެވެ. އެކަމަކު، ދެ ވަނަ ހާފް ފެށިގެން މެޗުގެ 55 ވަނަ މިނިޓްގައި ފްރާންސަށް ލީޑުނަގައިދިނީ ކީލިއަން އެމްބާޕޭ އެވެ. އޭނާ މި ގޯލު ޖެހީ އޮސްޓްރިއާގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާތެރެއިންނެވެ.

މެޗުގެ 65 ވަަނަ މިނިޓްގައި އޮލިވިއޭ ޖިރޫޑް ވަނީ ފްރާންސްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭނާ މި ލަނޑު ޖެހީ އެންޓޮއިން ގްރީޒްމަން ނެގި ހުރަހަކުން ބޮލުންނެވެ. މި ގޯލާ އެކު ޖިރޫޑް ވެފައިވަނީ ފްރާންސަށް ގޯލެއް ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

ޖިރޫޑް މި ގޯލު ޖެހިއިރު، އުމުރަކީ 35 އަހަރާއި 357 ދުވަހެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 1959 ވަނަ އަހަރު ސްޕެއިން ކޮޅަށް ގޯލު ޖެހި ފްރާންސްގެ ރޮޖާ މާޝް އަތުގަ އެވެ. ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދިނީ 51 ލަނޑު ޖެހި ތިއަރީ އޮންރީ އެވެ. ޖިރޫޑް ވަނީ މިރޭގެ ގޯލާ އެކު 49 ހަަމަކޮށްފަ އެވެ.

ކްރޮއޭޝިއާގެ ބޯނާ ސޯސާ ރޭގެ މެޗުގެ 49 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް މެޗުގެ 77 ވަނަ މިނިޓްގައި ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން އެ ޓީމަށް އެއްވަރުކޮށްދިނެވެ.

އެކަމަކު، އޭގެ ދެ މިނިޓް ފަހުން ކްރޮއޭޝިއާގެ ލޮވްރޯ މަޖެއާ ޖެހި ގޯލުން މޮޅުވެ، އެ ޓީމު ވަނީ ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފަ އެވެ.

އާދިއްތަ ދުވަހުގެރޭ އޮސްޓްރިއާ ދަނޑުގައި މޮޅެއް ހޯދައިގެން ކްރޮއޭޝިއާ އަށް ސެމީ ފައިނަލުގެ ޖާގަ ހޯދޭނެ އެވެ. ކްރޮއޭޝިއާ އަށް މޮޅެއް ނުލިބިއްޖެނަމަ، ދެން އެއް ވަނަ އަށް އަރަައި ސެމީގެ ފުރުސަތު ހޯދެން އޮތީ ޑެންމާކް އަށެވެ. ޑެންމާކް ފަހު މެޗުގައި އަމިއްލަ ދަނޑުގައި ފްރާންސާ ބައްދަލުކުރާނެ އެވެ.