Advertisement

ޔުއެފާ ނޭޝަންސް ލީގު: ބެލްޖިއަމް އާއި ނެދަލެންޑްސް ގަދަހިފުމަކަށް

23 ސެޕްޓެންބަރު 2022 - 08:08 0

ލަނޑު ޖެހުމަށް ފަހު ބެލްޖިއަމްގެ ކެވިން ޑިބްރޭނާ (ކ) އާއި ޓީލަމަންސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ޔުއެފާ ނޭޝަންސް ލީގު: ބެލްޖިއަމް އާއި ނެދަލެންޑްސް ގަދަހިފުމަކަށް

23 ސެޕްޓެންބަރު 2022 - 08:08 0

ބްރުސެލްސް (ސެޕްޓެމްބަރު 23) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ބެލްޖިއަމް އާއި ނެދަލެންޑްސް އިން ގްރޫޕްގެ އެއް ވަނަ ހޯދާ ޓީމެއް ކަނޑައަޅަން ގަދަހިފުމަކަށް ދާން ޖެހިއްޖެ އެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގެ ހަތަރު ވަނަ ގްރޫޕްގައި ރޭ ބެލްޖިއަމުން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ވޭލްސް ބަލިކޮށްފަ އެވެ. ޕޮލެންޑް ދަނޑުގައި ކުޅުނު މެޗުން ނެދަލެންޑްސް މޮޅުވީ 2-0 އިންނެވެ.

ރޭގެ މެޗުތަކަށް ފަހު ހަތަރު ވަނަ ގްރޫޕްގެ އެއް ވަނައިގައި ނެދަލެންޑްސް އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބެލްޖިއަމަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުން އެއް ވަނަ ހޯދާ ޓީމެއް ކަނޑައަޅާނީ ދެން އޮތް މެޗުންނެވެ.

އަންނަ އާދިއްތަ ދުވަހުގެރޭ ނެދަލެންޑްސް އިން އަމިއްލަ ދަނޑުގައި ބެލްޖިއަމް ކައިރިން އެއްވަރުކޮށްލައިގެން ވެސް ސެމީ ފައިނަލަށް ދެވޭނެ އެވެ. ބެލްޖިއަމަށް ފުރުސަތެއް އޮތީ ނެދަލެންޑްސް ބަލިކޮށްގެންނެވެ.

ނެދަލެންޑްސްގެ ކެޕްޓަން ވެން ޑައިކް (ކ) އާއި ގަކްޕޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ


ބްރުސެލްސްގެ ކިންގް ބުއޮޑެން ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި ބެލްޖިއަމަށް ލީޑުނަގައިދިނީ އޭރިއާ ރޮނގުމަތިން ކެވިން ޑިބްރޭނާ ޖެހި ގޯލުންނެވެ. މިއީ ބެލްޖިއަމަށް ކުޅެދިން 92 މެޗުން ޑިބްރޭނާ ޖަހައިދިން 25 ވަނަ ގޯލެވެ. ވޭލްސް ކޮޅަށް ދެ ވަނަ ގޯލެއް ޖަހަން ޑިބްރޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 37 ވަނަ މިނިޓްގައި ބެލްޖިއަމުން ދެ ވަނަ ގޯލު ވެސް ޖެހީ ޑިބްރޭނާގެ ދައުރާ އެކު އެވެ. އޭރިއާތެރެއިން ޑިބްރޭނާ ނެގި ހުރަހަކުން މި ގޯލު ޖެހީ މިޝީ ބަޓްޝުއާޔީ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް ވަނަ މިނިޓްގައި ވޭލްސް އިން ގޯލު ޖެހީ ކެއިފާ މޯ އެވެ. މިއީ ބްރެނަން ޖޯންސަން ނެގި ހުރަހަކުން މޯ ބޮލުން ޖެހި ގޯލެކެވެ.

ޕޮލެންޑް ދަނޑުގައި ރޭ ކުޅުނު މެޗުގެ 13 ވަނަ މިނިޓްގައި ނެދަލެންޑްސް އަށް ލީޑުނަގައިދިނީ ކޯޑި ގަކްޕޯ އެވެ. މިއީ އޭރިއާތެރެއިން ޑެންޒެލް ޑަމްފްރީސް ނެގި ހުރަހަކަށް އަރައި ގަކްޕޯ ޖެހި ގޯލެކެވެ. މެޗުގެ 60 ވަނަ މިނިޓްގައި ނެދަލެންޑްސްގެ ދެ ވަނަ ގޯލު ޖެހީ ސްޓީވެން ބާގްވެއިން އެވެ. މިއީ ބަދަލަކަށް އެރި ވިންސެންޓް ޔެންސަން ދިން ބޯޅައަކަށް އަަރައި، ބާގްވެއިން ޖެހި ގޯލެކެވެ.

މި މެޗުގައި ނެދަލެންޑްސްގެ ގޯލު ބެލެހެއްޓީ އަޔަކްސް ޓީމަށް ކުޅޭ އުމުރުން 38 އަހަރުގެ ރެމްކޯ ޕަސްވިއޭ އެވެ. މިއީ ސީނިއާ ޓީމަށް ޕަސްވިއޭ ކުޅުނު ފުރަތަމަ މެޗެވެ. އޭނާ އަކީ 2006 ވަނަ އަހަރު ނެދަލެންޑްސް އިން 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިއެކެވެ.