23 ސެޕްޓެންބަރު 2022 - 06:24 0
މުހައްމަދު ޝަހްޒާން
އެލިއާއިން ކުރިއަށް ގެންދާ ވައިޓީއޭ ބްރޯންޒު ސެޓިފިކެޓު ލެވެލް ކޯހައި ކިޔަވައި ދެނީ -- މިރާޝް ނާޝިމް / އަދަދު
23 ސެޕްޓެންބަރު 2022 - 06:24 0
ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑެމީ (ވައިޓީއޭ)ގެ ކޯސްތައް އެލިއާ އިންވެސްޓްމެންޓުން މާލޭގައި ހިންގަން ފަށައިފި އެވެ.
މީގެ ކުރިން މި ކޯސްތައް ފުރިހަމަ ކުރަން ޖެހެނީ ޔަމަހާއިން ދޭ މަދު ޖާގައަކަށް ޖަޕާނުގަ އެވެ.
ޔަމަހާ ބްރޭންޑުގެ ސައިކަލާއި، އައުޓް ބޯޑު އިންޖީނާއި ވޯޓާ ވެހިކަލްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު، އެލިއާ އިންވެސްޓްމެންޓާއި ޔަމަހާ ޓެކްނިކަލް އެކަޑެމީ ގުޅިގެން ކުރިއަށް ގެންދާ ބްރޯންޒު ސެޓިފިކެޓު ލެވެލްގެ ކޯސް މި މަހުގެ 29 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
އެލިއާގެ މާކެޓިން މެނޭޖަރު އަހްމަދު އަސީލް ވިދާޅުވި ގޮތުގައި މި ކޯހުގައި ކިޔަވައި ދެނީ ވައިޓީއޭގެ ތަމްރީންތައް ފުރިހަމަކޮށް ޔަމަހާ ގަބޫލުކުރާ ދިވެހި ލެކްޗަނާއިންނާއި ޓެކްނީޝަނުންނެވެ. ކޯހުގައި އައުޓް ބޯޑު އިންޖީނުގެ އަސާސީ ހުނަރުތަކުން ފެށިގެން އިންޖީނުގެ ތަފާތު ބައިތަކާ ބެހޭ ކަންކަން ދަސްކޮށްދޭނެ އެވެ،
"މި ކޯސް މިގޮތަށް ހިންގުމުގެ މަގުސަދަކީ އައުޓްބޯޑުގެ އިންޖީނުތަކުގެ ސާވިސްތައް ދޭ ޓެކްނީޝަނުންނަކީ ފެންވަރު ރަނގަޅު ބަޔަކަށް ހެދުން. އަދި ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތަކަށް ހެދުން،" އަސީލް ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 18 ބައިވެެރިންނާއެކު ކުރިއަށް ގެންދާ ކޯހަކީ ހިލޭ ކުރިއަށް ގެންދާ ކޯހެކެވެ. ކޯސް ފުރިހަމަ ކުރާ ބައިވެރިންނަަށް ދޭނީ ޖަޕާނުގެ ޔަމަހާ ގަބޫލުކުރާ ސެޓްފިކެޓެކެވެ.
އެލިއާއިން ކުރިއަށް ގެންދާ ވައިޓީއޭ ބުރޯންޒު ސެޓިފިކެޓު ކޯހުގެ ބައިވެރިން -- މިރާޝް ނާޝިމް / އަދަދު
ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ތަފާތު ތަމްރީނު ކޯސްތައް ކުރިއަށް ގެންދާނެ ކަމަށް އަސީލް ވިދާޅުވި އެވެ.
ރާއްޖޭގައި ޔަމަހާގެ އިންޖީނު ބޭނުންކުރާ ގިނަ ބަޔަކު އުޅޭއިރު، ކޮންމެ އަހަރަކު ވެސް އެލިއާއިން ހިލޭ ސާވިސް ދޭ ކޭމްޕްތައް އެކި ސަރަހައްދުތަކުގައި ބާއްވަ އެވެ. އަދި ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުނު ކުރުމާއި، ނިޔަމި ކަމާއި، ކުއްލި ހާލަތުގައި ފަރުވާ ދޭނެ ގޮތާއި ބޯޓު މެއިންޓެނެންސް ފަދަ ތަމްރީނުތައް އެލިއާ ދެއެވެ.
އެލިއާއިން ޔަމަހާގެ އުފެއްދުންތައް ވިއްކާތާ 40 އަށް ވުރެ ގިނަ އަހަރު ވަނީ ވެފަ އެވެ.
Comment