Advertisement

ރުއްގަހުގެ ގަވައިދުން އިސްތިސްނާވާން ރިސޯޓު ވިޔަފާރިވެރިން ހުށަހަޅައިފި

22 ސެޕްޓެންބަރު 2022 - 11:11 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މަޓީއިން މި ގާނޫނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެންވައިރަމެންޓް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: އެންވައިރަމެންޓް މިނިސްޓްރީ އ


ރުއްގަހުގެ ގަވައިދުން އިސްތިސްނާވާން ރިސޯޓު ވިޔަފާރިވެރިން ހުށަހަޅައިފި

22 ސެޕްޓެންބަރު 2022 - 11:11 1

ރުއްގަސް ކެނޑުން ހަރުކަށިކޮށް, ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރު ކުރުމަށާއި ގަސްކަރަ ހިމާޔަތް ކުރަން ހަދާފައިވާ ގަވައިދުގެ ބައެއް މާއްދާތަކުން ރިސޯޓުތައް އިސްތިސްނާކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެދިއްޖެ އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި މަޓީން ވަނީ މި ގަވައިދުގެ 13 މާއްދާއަކުން ރިސޯޓުތައް އިސްތިސްނާކޮށްދިނުމަށް އެދި މި މަހުގެ 11 ވަނަ ދުވަހު މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފަ އެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މި ގަވާއިދު ރިސޯޓްތަކަށް ނުވަތަ ބިން ހިއްކައިގެން ތަރައްގީކުރާ ރިސޯޓުތަކަށް ތަންފީޒުކުރެވިގެން ނުވާނެ ކަމަށް، މިގޮތަށް އަމަލު ކުރުމަކީ މި ގަވައިދުގެ މަގުސަދު ހާސިލް ނުވާނެ ކަމަށް ކަމުގައި ދެކެން،" މަޓީއިން އެންވައިރަމެންޓް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.

މަޓީއިން ވަނީ ރިސޯޓުތަކަކީ މިހާރު ވެސް ތިމާވެށީގެ ކަންކަމަށް އިސްކަންދޭ، އަދި އެ އުސޫލުތަކުގައި ހިފަހައްޓާ ބައެއް ކަން ވެސް ފާހަގަކޮށްފަ އެވެ.

"މި ގަވާއިދުގެ ސަބަބުން ގަވާއިދުން ހިންގާ ރިސޯޓުތަކަށް ހިންގުމަށް ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ،" މަޓީން އިތުރަށް ބުނެފައިވެ އެވެ.

ރިސޯޓުތައް އިސްތިސްނާކޮށްދިނުމަށް މަޓީން އެދުނު މައިގަނޑު ކަންކަން

  • 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަސްތަކުގެ މައުލޫމާތު އީޕީއޭއަށް ކޮންމެ އަހަރަކު އަންގަން ޖެހޭނެ ކަމަށް ބުނާ މާއްދާ
  • ނެތި ދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި ހިމާޔަތް ކޮށްފައިވާ ގަސްތައް އެއް ތަނަށް އަނެއް ތަނަށް ގެންދިއުން މަނާކުރާ މާއްދާ
  • ރުއްގަސް އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި މޫގަނޑުގައި ހަރުލާފައިވާ ވެލި ނޫން އެހެން ވެލި ނުގެންދެވޭނެ ކަމަށް ބުނާ މާއްދާ
  • ރަށްރަށުން ނަގާ ރުއްގަސް އިންދަން ވާނީ އެ ރަށެއްގެ ނުވަތަ އަތޮޅު ކައުންސިލެއްގެ އިހުތިސޯސް ތެރޭގައި ކަމަށް ބުނާ މާއްދާ
  • ބިން ހިއްކައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ރުއްގަސް ހޯދާނެ ގޮތުގެ ޕްލޭން ހުށަހަޅަން ޖެހޭނެ ކަމަށް ބުނާ މާއްދާ
  • އެއް ތަނުން އަނެއް ތަނަށް ގެންދާ ރުއްގަހުގައި ނަންބަރު ޖެހުމަށް މަޖުބޫރުކުރާ މާއްދާ
  • ވަކި ހާލަތްތަކެއްގައި ރުއްގަސް ނެގުމަށް ހުއްދަ ހޯދަން ޖެހުން މަޖުބޫރުކޮށްފައިވާ މާއްދާ، ހިމެނެ އެވެ.

މިނިސްޓްރީން ރިސޯޓުތަކަށް މި ހުއްދަ ދީފިނަމަ، ގަވައިދުގެ މި މާއްދާތަކަށް ރިސޯޓުތަކުގެ ވެރިން އަމަލު ކުރަން ނުޖެހޭނެ އެވެ.

ރާއްޖޭގެ ފެހިކަން ހިމާޔަތްކުރުމުގެ އިތުރަށް ރުއްގަސް އިތުރަށް އިންދަން ހިތްވަރު ދިނުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި މި ގަވައިދަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ.

ގަވައިދުގައިވާ ގޮތުން އެއްވެސް ރަށަކުން އާންމު ތަނެއްގައި ހެދިފައި ހުންނަ ރުއްގަސް ކެނޑޭނީ އަދި އުފުރައިގެން ގެންދެވޭނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ލިބިގެންނެވެ.

އެޗްޕީއޭގެ ހުއްދަ ހޯދުމަށް ފަހުގައި އެ ރުއްގަސް ކެނޑެނީ ވެސް ރުއްގަސް ހިމެނޭ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ މުވައްޒަފެއްގެ ހާޒިރުގައި އޭނާގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ.

ގަވައިދާ ހިލާވާ ފަރާތްތަކާ މެދު ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.