Advertisement

ދިގު ވާހަކަ: އަލިފާން ކޮކާ

22 ސެޕްޓެންބަރު 2022 - 09:15 0


ދިގު ވާހަކަ: އަލިފާން ކޮކާ

22 ސެޕްޓެންބަރު 2022 - 09:15 0

(އެގާރަވަނަ ބައި)

ނަމަވެސް ހުރިހާ އިހުސާސްތަކެއްގައި ގޮށްޖަހައިލުމަށްފަހު ވެސް އަހަރެން ބޭނުންވީ ދޮންބެގެ ވާހަކަތައް އަޑު އަހާށެވެ. އެއީ ކިހައި ވަރެއްގެ ބޮޑު ވާހަކައެއްކަން ޔަގީން ކުރާށެވެ. އަހަންނަށް ވަދެވިފައި މިވާ ގޮތް ނޭނގޭ ޖަންގަލީގެ ތެރެއިން ނުކުންނާށެވެ. ކުރިން ވެސް ދޮންބެގެ އެތައް ވާހަކައެއް އަހަރެން އަޑު އެހީމެވެ. އެތައް ކަމެއް އަހަންނަށް ވެސް ދޮންބެ ކިޔައިދިނެވެ. މިފަހަރު ވެސް އަހަންނަށް އެ ވާހަކަތައް އަޑު އެހޭނެ އެވެ.

"ކޮންމެ ފަދަ ވާހަކައެއް ކަމުގައި ވިޔަސް އަހަންނަށް އަޑު އެހޭނެ. އިރާދަކުރައްވައިގެން އެ ޤާބިލުކަން އަހަރންގެ ހުންނާނެ." ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން އަހަރެން ބުނެލީމެވެ.

ވަށައިގެން ތިބި އެންމެގެން މޫނަށް ވަކިވަކިން އަހަރެން ބަލައިލީމެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ ދޮންބެއާ ދިމާއަށެވެ. ދޮންބެ ބަލައިލީ އާމިރާގެ މޫނަށެވެ. އާމިރާ ވެސް ދޮންބެއާ ދިމާއަށް ބަލައިލި އެވެ. އެ ބެލުމުގައި ތަފާތުތަކެއް ހުރިކަން އަހަންނަށް ފާހަގަކުރެވުނެވެ. އެއީ ކުރިން އާމިރާ އަހަންނާ ދިމާއަށް ބަލައި ގޮތެކޭ ހިތް ބުނެލި އެވެ.

އެހައި ހިސާބުން ބޮލަށް ގިނަވި ބައެއް ސުވާލަށް ޖަވާބު ލިބެން ފެށި އެވެ.

"މީ ދައްކަން ފަސޭހަ ވާހަކައެއް ނޫން. އެކަމަކު މިހާރު މިވާހަކަ ދައްކަން ލަސްވެސް ވެއްޖެ." ދޮންބެ ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލި އެވެ.

ދޮންބެދައްތަ އިސްޖަހައިލި އެވެ. މައްސަލަ ފެށެނީ ކިހައި ހިސާބަކުން ކަން އަހަންނަށް ކަށަވަރު ކުރެވުނެވެ. ޔަގީންކުރެވުނެވެ.

"އަހަރެންގެ ވެސް ކައިވެންޏެއް ކުރީ މީހަކު ދެކެ ހަގީގީ ލޯބިވެގެން. ލޯތްބަކީ ކިހައި މަތިވެރި، ކިހައި ބާރު ހުރި އެއްޗެއްކަން އޭރު އަހަންނަށް ޔަގީން ވެސް ކުރެވުނު. އަންހެން ކުއްޖާގެ މައިންބަފައިންނާ ދެކޮޅަށް އަހަރެން ނުކުތީ މި ބުނި ލޯބިން ލިބުނު ބާރުވެރިކަމުން. އޭރަކު އަހަންނަކަށް ފަހުން ވާނެ ގޮތަކާ މެދު ވިސްނައި ވެސް ނުލެވުނު،" ދޮންބެ ލަސްލަހުން ކިޔައިދިނެވެ. "ކާވެނީގެ ގުޅުމުން ގޮށްޖެހުމާއެކު އަހަރުމެންގެ ދިރިއުޅުން ފެށިގެން ދިޔައީ. އަމާންކަމާއި އޮމާންކަމާއެކު ދުވަސްތައް ގުނަމުން ދެވުނު. އަންހެން ކުއްޖާގެ މައިންބަފައިން ވެސް ހަމައަކަށް އެޅިގެން ދިޔަ. ނަފުރަތުގެ ބަދަލުގައި ދެ އާއިލާގެ ދެމެދުގައި އެޅުނު ފާލަމަކަށް އަހަރުމެންގެ ގުޅުން ވެގެންދިޔަ. މި ކިޔައިދޭ ހުރިހާ ވާހަކައެއް ކޮއްކޮއަށް ވަރަށް ސާފުކޮށް އެނގޭނެ."

ދޮންބެ އެ ދައްކަނީ ކޮން ވާހަކަތަކެއްކަން އަހަންނަށް ވަރަށް ސާފުކޮށް އެނގެމުން ދިޔަ އެވެ. އެއީ އަހަރެންގެ ކުރިމަތީގައި ހިނގައި ދިޔަ ކަންތައްތަކެއްވީމަ މިއަދު ވީ ކަމެއްހެން ހުރިހާ ކަމެއް އަހަންނަށް ފެންނަމުން ދާހެން ހީވަމުން ދިޔަ އެވެ.

ދޮންބެ އެ ވާހަކަތައް ކިޔައިދެމުންދާ ވަރަކަށް އަހަންނަށް އެ މަންޒަރު ސިފަކުރެވޭން ވެސް ފެށުނެވެ. މަންޒަރުތައް ރައްކާކުރެވިފައިވާ ސިކުނޑީގެ މަކާނުން ލޮލާހަމައަށް އެ މަންޒަރުތައް ނަގުލުވަމުން ދިޔަ އެވެ.

"ދަރިފުޅާ މަންމައާއި ބައްޕަ ބޭނުންވަނީ ހަމަ އެންމެ ކަމެއް. މަންމަމެން މިތިބީ އަދުތޯ މާދަންތޯ ވެފައި. މަންމަމެން ދުނިޔޭގައި ތިއްބާ މާމާއޭ ކިޔައިފަ ކުއްޖަކު ގޮވައިލާ އަޑު އަހައިލުން ނޫން ދުވަހެއް މިއަދު މަންމަމެން ބޭނުމެއް ނުވޭ." މަންމަގެ އެ ޖުމުލަ އަހަރެންގެ ސިކުނޑީގައި އަދިވެސް ހަރުލައިފައި ވާ ކަހަލަ އެވެ.

ދޮންބެ ކިޔައިދެމުންދާ ވާހަކަތަކުގެ މައްޗަށް މަންމަގެ އެ ޖުމުލަ އަތްގަދަކޮށްލި ކަހަލަ އެވެ. އެއާއެކު އެ ދުވަހު ކަންތައްވީ ގޮތް ވެސް މަންޒަރާ ގުޅިގެން މެހެމުން ދާން ފެށި އެވެ.

"މަންމާ!" ދޮންބެ ކަރު އެރުވައިލުމަށްފަހު މަންމަގެ މޫނަށް ބަލައިލި އެވެ.

އަހަރުމެން ތިބީ މަންމަގެ ކޮޓަރީގަ އެވެ. މަންމަ އިނީ އެނދުގެ ހެޑްބޯޑުގައި ބާލީސް ލައްކޮށްލައިގެން އެ ބާލީހުގައި ބުރަކަށި ޖައްސާލައިގެންނެވެ. ދޮންބެ އިނީ މަންމަގެ ފަޔާ ދިމާގަ އެވެ. އަހަރެން އިނީ އެނދުގެ އަނެއް ފަރާތުގަ އެވެ.

"ދަރިފުޅާ!" މަންމައަށް ވެސް ކަންތައް ވަމުންދާ ގޮތް އެނގޭ ކަހަލަ އެވެ.

މަންމައާއި ދޮންބެގެ ދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެ އެވެ. ނަމަވެސް ދޮންބެ ބުނާން ބޭނުންވި ވާހަކަ މަންމައަށް ފަހުވި އެވެ. މަންމަ ބުނާން ބޭނުންވި ވާހަކަ ވެސް ދޮންބެއަށް ފަހުމި ކަހަލަ އެވެ. އެ ދެމެދުގައި ކުރެވުނީ ބެލުމުން ކުރި މުއާމަލާތެއް އެކަންޏެވެ. އިތުރު ކަމެއް ނުކުރެ އެވެ. މަންޒަރު ބަލާން އިނީ އަހަންނެވެ. ވާނުވާ ނޭނގުނީ ވެސް އަހަންނަށެވެ. ދެ މީހުންގެ މަންމަން ބަހުރުވަ ދޭހާ ކުރާން ދަތިވީ ވެސް އަހަންނަށެވެ.

"ދެ މީހުން ބަލައިގެން ތިބެ ތި ރޮނީ ކީއްވެތަ؟" އަހަންނަށް ބުނެލެވުނެވެ.

ދޮންބެ ބަލައިލީ އަހަރެންގެ މޫނަށެވެ. އެއާއެކު މަންމަ ވެސް އަހަރެންގެ މޫނަށް ބަލައިލި އެވެ.

"ކުޑަކުދިންނަށް ނޭނގެނީ. ބޮޑެތި މީހުންނަށް މި ކަން ދޭހަވާނެ." ދޮންބެ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލި އެވެ.

"މަންމާ. އަހަރެން ވަރަށް މަސައްކަތްކޮށްފިން. އެކަމަކު... އެކަމަކު ހަމަ އޭނާ ބޭނުން ނުވަނީ. އަހަރުމެންނަކީ ދެ މަފިރީން ކަން އެކަނި. ދެން އަހަންނަކަށް މި ކަހަލަ ވާހަކަ މީހަކަށް ކިޔައިދޭކަށް ވެސް ނުކެރޭނެ،" ދޮންބެއަށް ގިސްލެވެން ފެށުނެވެ. "މަންމައަކީ އަހަރެންގެ ހުރިހާ ކަމެއް ހިއްސާކުރާ މީހާ. އެހެންވެ މި ވަރު ވެސް މި ބުނެދެވުނީ."

"ތިބުނީ ދޮންބެދައްތަ ކުއްޖަކު ހޯދަން ބޭނުން ނުވަނީއޭތަ؟" އަހަރެން އަހައިލީމެވެ.

އެއާއެކު މަންމަގެ ދެ ލޯ ބޮޑުވި އެވެ. އަހަންނަށް އެހެން އަހަން ކެރުނީތީ އެވެ. މަންމަ ފާޑަކަށް މޫނު ވެސް ހަދައިލި އެވެ. އަހަންނާ ދިމާއަށް ނުނަޒަރަކުން ބަލައި ވެސްލި އެވެ. މަންމަގެ އެ ބެލުމުގައި ވަނީ ކޮން ނުރުހުމެއްކަމެއް، ކޮން ވާހަކައެއް ކަމެއް އަހަންނަކަށް ނުވިސްނެ އެވެ.

"ނޫނޭ. ދޮންބެ އެހެން ނުބުނަމެއްނު،" ދޮންބެ މަސައްކަތް ކުރީ ދޮންބެދައްތަ ދިފާއު ކުރެވޭތޯ އެވެ. "ދޮންބެދައްތައަކީ ވަރަށް ރަނގަޅު މީހެއް. ކޮއްކޮއަށް ވެސް ފެންނާނެ ދޮންބެދައްތަ މިގެއަށް އައިފަހުން މަންމައަށް އެއްވެސް ކަމެއް ނުޖައްސައެއްނު. އެއްވެސް ޝަކުވާއެއް ވެސް ނުކޮށް ހުރިހާ ކަމެއް ބަރާބަރަށް ކުރަނީ ވެސް ދޮންބެދައްތަ އެއްނު. މަންމައަކީ ހިނގަން އުނދަގޫ މީހެއްވީމަ ހުރިހާ ކަމެއް އެ ކުރަނީ އޭނާ އެކަނި މާއެކަނި. ކުރާ ހިތުން."

ދޮންބެ އެ ބުނީ ވެސް ތެދުވާހަކައެކެވެ. ދޮންބެދައްތައަކީ މަންމައާ ވެސް ވަރަށް ގުޅޭ އަހަންނާ ވެސް ގާތް ގުޅުމެއް ބާއްވާ މަޑުމައިތިރި ހިތްހެޔޮ މީހެކެވެ. އޭނާއަކީ އެހައިމެ ގެވެހި ވެސް މީހެކެވެ. ކެއްކުމަށް މަރެއް ފަދަ މީހެކެވެ.

"ދެން ކާކުގެ ވާހަކައެއް ތި ދައްކަނީ؟" އަހަންނަށް ސުވާލު ނުކޮށް ނުހުރެވުނެވެ.

"ދަރިފުޅު އިނދެބަލަ ބޮޑެތި މީހުން ދައްކާ ވާހަކައަށް އަނގަނުލައި." މަންމަ ބޭނުންވީ އަހަރެން ހުއްޓުވާށެވެ.

"ދަރިފުޅާ ހަނީފޫ. މަލެއް ވިއްޔާ ގުރުނޑު ފިޔަ ވެސް ހުންނާނެ. އެކަމަކު ބަލައިބެލުމަށް ކޮންމެ މަލަކީ ވެސް ރީތި ފުރިހަމަ މަލެއް،" މަންމަ ވާހަކަފެށީ ފުން ގޮތަކަށެވެ. "މަލެއް ފުރިހަމަވާނީ އެ ގުރުނޑު ފިޔަ ވެސް ހިމެނޭ ނަމަ."

"ގުރުނޑު ފިޔައަކީ ބަލިފައި ކަމުގައި ވެއްޖެނަމަ؟" ދޮންބެ އަހައިލި އެވެ. "މި ބުނީ މާބުރެއްގައި އެއްފިޔަ ބިނދިފައިވާނަމަ ދެން ކިހިނެއް އެ ސޮރަށް ދިރިއުޅެވޭނީ. އުދުހެވޭނީ."

"ގުރުނޑު ފިޔައިގެ އުނިކަން ފޫބައްދައި ދޭނީ ރަނގަޅަށް ހުންނަ ފިޔަތަކުން. އެކަމަކު މަލަކަށް އެ ޤާބިލުކަމެއް ލިބިގެން ނުވާނެ. މަލުގައި ގުރުނޑު ފިޔައެއް އިން ކަމުގައި ވީނަމަވެސް، މަލަށް ޖެހޭނީ އެ ގޮތުގައި އިންނަން. ވައިރޯޅިއަކުން ނޫނީ މާބުރެއް އައިސް ތިރިކޮށްލައި މަލުން ލައްޒަތެއް ހޯދާން އުޅޭ ވަގުތު އެ ސޮރުގެ ފައިން ޖެހިގެން މަލުގެ ގުރުނޑު ފިޔައިގެ މައްޗަށް ރީތި ފިޔައެއް އަރައިފި ނަމަ އެ މާ ފެންނާނީ ފުރިހަމަ ފިޔައެއް ގޮތުގައި." މަންމަ ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

"އެކަމަކު މަންމާ! މަލަކާ މިކަމާ އޮތީ ކޮން ގުޅުމެއް؟" ދޮންބެ އަސަރާއެކު އަހައިލި އެވެ.

"ދަރިފުޅާ! މަންމައަށް ލިބުނީ މަލެއް ޖަވާހިރެއް ފަދަ ޅީދަރިއެއް. މަންމަ ނޭދެން އެ ދަރި މަންމަގެ ލޯމަތިން ގެއްލޭކަށް. ދަރިފުޅުމެންނަށް ވެސް އެނގޭނެ މަންމަގެ މިތިބީ ދެ ފިރިހެން ދަރީންކަން. މަންމަގެ އުނގަށް އަންހެން ކުއްޖަކު ނުލެވުނުކަން." މަންމަ ހިންދިރުވާލި އެވެ.

"މަންމާ! އަދި އަންހެން ކުއްޖަކު މަންމަގެ އުނގަން ވަންނާނޭ." އަހަރެން ވިސްނައި ނުލައި ބުނެލީމެވެ.

"އާނ! އެ ދުވަހަކަށް މި އިންތިޒާރުކުރަނީ،" މަންމަ ހިނިތުންވެލި އެވެ. "ރަޔާނަށް ނޭނގެދޯ ދޮންބެ ވަރަށް ބޮޑު ވާހަކައެއް ދައްކާކަން. އިހަށް އަނގަމަޑުން ލައިގެން އިނދެބަލަ. ނޫނީ ކޮޓަރިން ބޭރަށް ނުކުމެލަބަލަ."

އަހަންނަށް ބުނުވުނު އެއްޗަކާ މެދު ވިސްނައިލެވުނީ މަންމަ އެހެން ބުނުމުންނެވެ. މަންމަބުނި ގޮތަށް އަހަރެން ބޭނުންވީ އަނގަމަޑުން ލައިގެން އިންނާށެވެ. ދޮންބެގެ އުދާސްތަކުގެ އަޑު އަހައިލަން ވެސް ބޭނުންވާތީ އެވެ.

"މަންމާ!" އާދޭހުގެ ރާގެއްގައި ދޮންބެ ބުނެލި އެވެ.

"މަންމަ މި ބުނަނީއެ ހުރިހާ ކަމެއް ހައްލުކުރެވޭނީ ދަރިފުޅަށޭ. އޭނާއާ ވާހަކަދައްކައިގެން ވެގެން އުޅޭ ގޮތެއް އިހަށް ހޯދަބަލަ." އޯގާތެރިކަމާއެކު މަންމަ ބުނެލި އެވެ.

"އެކަމަކު އެއީ ވެސް ފުރިހަމަ މީހެއް. ބުއްދި ސަލާމަތުން ހުރި އަންހެނެއް. އަހަންނަކީ ހިއްސުތައް ބަރާބަރަށް މަސައްކަތް ކުރާ ފިރިހެނެއް. އެހެންވީމަ ނުބުންޏަސް އަހަންނަށް ބޭނުންވާނެ ކަންކަން އޭނާއަށް އެނގެންވާނެ. ވިސްނެންވާނެ." ދޮންބެ އަސަރާއެކު ބުނެލި އެވެ.

"މަންމަ ގާތުގައި ތި ވާހަކަދައްކަން ކެރޭ. ދެން ކީއްވެ ހަލާލު އަނބިމީހާއަށް ތިކަން ބުނެ ނުދެވެނީ؟" މަންމަ ފުން ނޭވާއެއް ބޭރުކޮށްލަމުން އެނދުގައި އޮށޯވެލަމުން ނިތްކުރިއަށް އަތް ހިއްލައިލި އެވެ. "މަންމައަށް ހީވަނީ ދަރިފުޅު މާ ފިނޑީހެން. އަމިއްލަ އިހުސާސްތަކާއި ބޭނުންތަކުގެ ވާހަކަ އަނބިމީހާއަށް ހިއްސާކުރަން ނުކެރެނީހެން."

"ބުނަމޭ. އެކަމަކު މަންމާ!" ދޮންބެ ޝަކުވާގެ ރާގުގައި ބުނެލި އެވެ.

"ބުނާނަމަ މަންމަގެ ޅީދަރި ދެކޮޅެއް ނުހަދާނެ. އޭނާ ދަރިފުޅު ދެކެ ވާ ލޯތްބެއް ނޫންތަ މަންމަމެންނަށް މިފެންނަނީ؟ އޭނާ ދަރިފުޅަށް ކުރާ އިހުތިރާމެއް ނޫންތަ މަންމަމެންނަށް މި ކުރަނީ؟ މަންމައަކަށް ހަމަ ނުވިސްނޭ. މައްސަލައަކީ ދަރިފުޅު ކަމަށް މަންމަ ހިތްބުނަނީ." މައްޗަށް ބަލަހައްޓައިގެން އޮވެ މަންމަ ބުނެލި އެވެ.

އަހަންނަށް ބަލައިލެވުނީ ދޮންބެގެ މޫނަށެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ހާސްވުމެވެ. ލަދުވެތިކަމެވެ. އުއްމީދު ގެއްލި މަގު އޮޅިފައިވާ މުސާފިރެއް ފަދައިން ކަރު އެލުވާލައިގެން އިން މަންޒަރެވެ.

(ނުނިމޭ)