Advertisement

އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ހަމަނުޖެހުން

22 ސެޕްޓެންބަރު 2022 - 07:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ބީބީސީ


އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ހަމަނުޖެހުން

22 ސެޕްޓެންބަރު 2022 - 07:51 0

އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި މަޝްރަހު ހޫނުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހިންދޫންނާއި މުސްލިމުންނާ ދެމެދު މައްސަލަ ފެށުނީ އޯގަަސްޓް މަހުގެ ފަހުކޮޅު އިންޑިއާ އާއި ޕާކިސްތާނުން ކުޅުން ކްރިކެޓް މެޗަކަށް ފަހު އެވެ.

މިދިޔަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެ ސިޓީގައި މުސްލިމުންނާއި ހިންދޫން އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދީ މުދަލަށް ގެއްލުންދެމުން ގެންދިޔަ އެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 47 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ ހުކުމްކޮށްފަ އެވެ.

ހަމަނުޖެހުންތަކާ ގުޅޭ އެކި ޕޯސްޓުތައް ސޯޝަލް މީޑިއާގައި ފެތުރެމުންދާ އިރު، އޭގެ ތެރޭގައި ގިނަ ދޮގު މައުލޫމާތު ހިމެނެ އެވެ. އެހެންވެ، ފުލުހުން ވަނީ އިތުރު ހަމަނުޖެހުން އުފެދިދާނެ ފަދަ އެއްވެސް އެއްޗެއް ނުފެތުރުމަށް އަންގާފަ އެވެ.

އެ ސިޓީގައި ދިރިއުޅޭ މީހުން ބުނީ މީގެ ކުރިން ދުވަހަކު ވެސް ހިންދޫންނާއި މުސްލިމުންނާ ދެމެދު މިފަދަ ކުރިމަތިލުންތަކެއް ހިނގި މަންޒަރު ނުފެންނަ ކަމަށެވެ.

މިސްކިތްތައް ކައިރިން މުސްލިމުންނަށް ފުރައްސާރަ ކުރުމާއި މުސްލިމުންގެ ވިޔަފާރިއަށް ގެއްލުންދީފައިވާ އިރު، ހިންދޫ ފައްޅިތަކަށް ގެއްލުންދީ ހަދާފައިވެ އެވެ.

ހިންދޫންނާއި މުސްލިމުންނާ މެދު މިފަދަ ބޮޑެތި ކުރިމަތިލުންތައް އާއްމުކޮށް ފެންނަނީ ހިންދޫންގެ މެޖޯރިޓީ އޮންނަ އިންޑިއާގައި އެކަންޏެވެ.

އިންޑިއާގެ ވެރިކަމަށް ހިންދޫ ދީނުގެ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އައި ފަހުން އެ ކުރިމަތިލުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.