Advertisement

ބްރުނާއީ އަތުން ރާއްޖެ މޮޅުވެއްޖެ

21 ސެޕްޓެންބަރު 2022 - 14:58 1

ބްރުނާއީ ކޮޅަށް ގޯލު ޖެހުމަށް ފަހު ރާއްޖޭގެ އިއްބެ (ވ) ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ބްރުނާއީ އަތުން ރާއްޖެ މޮޅުވެއްޖެ

21 ސެޕްޓެންބަރު 2022 - 14:58 1

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ގައުމީ ފުޓްބޯޅަ ޓީމުން މިއަދު 3-0 އިން ބްރުނާއީ ދާރުއްސަލާމް އަތުން މޮޅުވެއްޖެ އެވެ.

މިއީ ބްރުނާއީ އަތުން ރާއްޖޭން ހޯދި ފުރަަތަމަ މޮޅެވެ. މީގެ ކުރިން ބްރުނާއީއާ ދެކޮޅަށް ރާއްޖޭން ކުޅެފައިވަނީ 2003 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގެ މެޗެއްގަ އެވެ. ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބްރުނާއީ މި ވަގުތު ދުނިޔޭގެ 190 ވަނައިގައި އޮތްއިރު، ރާއްޖެ ރޭންކް ކުރެވިފައިވަނީ 156 ވަނައިގަ އެވެ.

ބްރުނާއީގެ ސުލްތާން ހަަސަނަލް ބޮލްކިއާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިން ވަނީ ޒުވާން ޑިފެންޑަރު، އަހުނަފް ރަޝީދު (އަހުއްކޮ) ކުޅެން އަރުވައިފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގައި އަހުއްކޮ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފަ އެވެ.

ބްރުނާއީއާ ދެކޮޅަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ: މިއީ ޒުވާން ޑިފެންޑަރު އަހުއްކޮ (މ.ވ3) ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗު.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ރާއްޖޭން ބްރުނާއީ ހާުފުގައި ބޯޅަ ހިފަަހައްޓައިގެން އެޓޭކްތަކެއް ކުރެވޭތޯ ބެލިއިރު، ހަމްޒާ މުހައްމަދު (ހަމްޕު) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ހަމްޕު އަށް ލިބުނު ބޯޅަ ފޮނުވާނުލެވެނިސް ބްރުނާއީ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.

އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 35 ވަނަ މިނިޓްގައި ރާއްޖޭން ލީޑުނެގީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ގޯލުންނެވެ. މި ގޯލުގައި ހަމްޕު އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އިއްބެގެ ކޮމްބިނޭޝަން ރަނގަޅެވެ. ހަމްޕު އޭރިއާތެރެއިން ފޭދޫ އިއްބެ އަށް ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭނާ ވަނީ ރަނގަޅު ވަގުތު އިއްބެ އަށް ދީފަ އެވެ. އިއްބެ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފަށް ކުޅެން އަރައި ބްރުނާއީ ކުޅުންތެރިން ކުރިއަށް ޖެހިގެން ނަތީޖާ އެއްވަރުކުރެވޭތޯ ކުރި މަސައްކަތުގައި ރަނުގެ ފުރުސަތެއް ހޯދި އެވެ. ބްރުނާއީ އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ރާމްލީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ބްރުނާއީ ކުޅުންތެރިއަކު ކައިރިން ހަމްޕު ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ރާއްޖެ އަށް ދެ ވަނަ ގޯލު ޖަހައިދިނީ ހަމްޕު އެވެ. މެޗުގެ 73 ވަނަ މިނިޓްގައި އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ހަމްޕު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ފަސް މިނިޓް ފަހުން، ރާއްޖޭގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅައެއް އޭރިއާތެެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ހަމްޕު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މި މެޗުގައި ރާއްޖޭގެ ގޯލު ބެލެހެއްޓި ކީޕަރު ހުސެއިން ޝަރީފް (ހުސެން) ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މިއީ ރަސްމީ މެޗެއްގައި ހުސެން މުޅި މެޗު އެއްކޮށް ކުޅުނު ފުރަތަމަ ފަހަރެެވެ.

ރާއްޖޭން ތިން ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރޭގަ އެވެ. އޭރިއާ ރޮނގުމަތިން ހަންނަ ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވިއިރު، އެ ބޯޅަ ހުއްޓުވަން ބްރުނާއީ ކީިޕަރަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަންނަ ޖެހި މި ގޯލަކީ ގައުމީ ޖޯޒީގައި އޭނާގެ ދެ ވަނަ ގޯލެވެ. ފުރަތަަމަ ގޯލު ޖެހީ މި އަހަރު ބަންގްލަދޭޝް ކޮޅަށެވެ.

މިއީ ރާއްޖޭގެ ކޯޗުކަމާ އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހަވާލުވި ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވި ތިން ވަނަ މެޗެވެ. މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖެ މޮޅުވީ މި އަހަރު މާޗް މަހު މާލޭގައި ބަންގްލަދޭޝް އަތުންނާއި ޖޫން މަހު އޭޝިއަން ކަޕް ކޮލިފައިންގައި ސްރީ ލަންކާ އަތުން އަދި މި މެޗުގައި ބްރުނާއީ އަތުންނެވެ.

ގައުމީ ޓީމު ދެން ކުޅޭ މެޗު އޮތީ ތިން ދުވަސް ފަހުން ލާއޯސްއާ އެކު އެވެ. އެ މެޗު ވެސް ކުޅޭނީ ބްރުނާއީގަ އެވެ.