Advertisement

ސުލްހައިގެ އަގަކީ ކޮބާ؟

20 ސެޕްޓެންބަރު 2022 - 12:42 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ސުލްހައިގެ އަގަކީ ކޮބާ؟

20 ސެޕްޓެންބަރު 2022 - 12:42 1

21 ސެޕްޓެންބަރަކީ ދުނިޔޭގެ ސުލްޙައިގެ ދުވަހެވެ. އަހަރެމެން ދިވެހިން، އަހަރެމެންގެ ޤައުމު ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކުރަނީ އަމަން އަމާންކަމާއި ސުލްޙައިގެ މަންޒިލެއްގެ ގޮތުގައެވެ. ރީތި ފަރުތަކާއި ސާފު ގޮނޑުދޮށްތަކާ އެއް އަގެއްގައި މި ޤައުމުގެ "ސުލްޙަމަސަލަސްކަން” ވެސް އަހަރެމެން ދުނިޔެއަށް ވިއްކަމެވެ. އެހެންނަމަވެސް ދިވެހި ޤައުމުގައި ސުލްޙަ އެބައޮތްކަމަށް، އިޚުލާސްތެރިކަމާއެކު ބަލައިގަންނަ ދިވެހިންގެ ޢަދަދު، މިހާރު ކުރިއަށްދާ ބޯހިމެނުމުގެ ޤައުމީ ހަރަކާތުގެ ތެރެއިން ހިސާބުކުރެވިގެންދާނެ ބާވައެވެ؟

އަހަރެމެންނީ، ޖަޒީރާ ޤައުމެއްކަމަކު، އެއްބައިވަންތަމާއި އެއްބައެއްވަންތަކަން ދެއްކިދާނެކަމަށް ދުނިޔެއަށް ނަމޫނާ ދައްކާހިތްވާ ބަޔަކީމުއެވެ. އެއްބަހަކުން ވާހަކަ ދައްކާ، އެއް ދީނެއްގެ، އެއް ނަޞްލެއްގެ ބައެއްކަމަށް ދުނިޔެއަށް ދެއްކޭތޯ މަސައްކަތްކުރާ ބަޔަކީމުއެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟ ބަހާއި ދީނާއި ނަޞްލުން މި މަތިއަޅަނީ އަހަރެމެންގެ މުނާފިޤުކަމުގައިހެއްޔެވެ؟ ދިވެހިންގެ ތެރޭ ސަރަޙައްދީ ނުވަތަ ޖިއޮގްރަފިކަލް އިމްތިޔާޒުތަކާއި ތަފާތުކުރުންތަކާއި ތަޢައްޞަބުތައް އެބަހުއްޓެވެ. ނަޞްލީ ތަފާތުތައް އެބަހުއްޓެވެ. ދީނީ ޤަބޫލުކުރުންތަކުގައި ތަފާތުތައް އެބަހުއްޓެވެ. މުއްސަނދިންނާއި އެ ނޫން މީހުން، ނުފޫޒު ގަދަ މީހުންނާއި އެ ނޫން މީހުންގެ މެދުގައި ތަފާތުތައް އެބަހުއްޓެވެ. ސިޔާސީ މައިދާނުގައި ވައަތުފިޔަ އާއި ކަނައަތުފިޔައާއި ދެއަތުފިޔަވެސް ފާޅުވެއްޖެއެވެ. މައްސަލައަކީ މި ހުރިހާ ކަމެއް އޮއްބައި މަތިއޮމާންކުރަން މަސައްކަތްކުރާކަމެވެ. އެހެންނަމަވެސް ބަތްތަވާގައިވެސް ފެންގިނަވެއްޖިއްޔާ އުތުރޭ ފަދައިން، މި ހުރިހާ ތަފާތުތައް ބޮޑުވެ، އުތުރު އަރަން ފަށައިފިއެވެ. ދުނިޔެއަށް ދެއްކި "ސުލްޙަމަސަލަސްކަމުގެ" އަނދުން ފޭދެން ފަށައިފިއެވެ. ޙަޤީޤީ ކުލަތައް ފާޅުވާން ފަށައިފިއެވެ.

ސުވާލެއް އެބައޮތެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ފަދަ ނަންއިތުރުތަކާއި ނަންއިތުރުގެނަންތަކާ ނުލައި ދިވެހި ޤައުމީ ޝަޚުޞިއްޔަތު ސިފަކޮށްދޭނީ ކިހިނެއްހެއްޔެވެ؟ ޝިޢާރުތަކުގެ ގިރިޓީއިން ޝުޢޫރުތައް ފޮރުވާ ޒަމާން މާޒީއާ އެކުވެ ހިނގައްޖެއެވެ. އެހެންކަމަށް ވާނަމަ، ދިވެހިންގެ ތެރޭ ހުރި ނަޞްލީ، ދީނީ، ސަރަޙައްދީ، ޘަޤާފީ އަދި ބަހަވީ ތަފާތުތަކާއެކު ސުލްޙަ ހޯދޭނީ ކިހިނެއްހެއްޔެވެ؟ އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަން ނޫން ސިފަކުރުންތަކެއް ހޯދަންޖެހިއްޖެއެވެ.

ތިލަވަނީ މި ފަހަކަށް އައިސް އެ ލަފުޒުތަކާމެދު އިންތިހާޔަށް ބަހުޘްކުރެވޭ ދެ ލަފުޒެކެވެ. "ތަހައްމަލުކުރުން" އަދި "ގޮތްދޫކުރުން" މިއެވެ. އެއްބަޔަކު ދައުވާކުރަނީ ސުލްޙަ މަސަލަސްކަމަށޭ ކިޔާ ތިމާގެ އަގުކުރުންތަކަށް ބަދަލެއް ގެނައުމަކީ އިޚުތިޔާރެއް ނޫންކަމަށެވެ. އެހެންބަޔަކު ޤަބޫލުކުރަނީ އޮތް ހަމައެކަނި ޙައްލަކީ ތަފާތުތައް އޮންނާނޭކަން ބަލައިގަނެ، އެކަކު އަނެކެއްގެ ތަފާތުތައް ތަހައްމަލުކުރުން ނޫންގޮތެއް ނެތްކަމުގައެވެ. އެހެންނަމަވެސް، މި ދެ ފެކްޝަނަށްވެސް "ގޮތްދޫކުރުން" އެއީ އޮތް އިޚުތިޔާރެއްކަމަކަށް ނުވެއެވެ.

މިހުރިހާ ކަމެއްގެ ތެރޭ ދެން އާކުރަނީ މާޒީގެ ހަނދާންތަކެވެ. އޭރު ރާއްޖެ ދުއް ސުލްޙައިގެ ވާހަކައެވެ. އޭރު ދިވެހިން ދެއްކި އެއްބައިވަންތަކެމެވެ. އާ ވިސްނުމަކުން މާޒީއަށް ނަޒަރު ހިންގާލަމާހެއްޔެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް ސުލްޙަ ބާވައެވެ؟ ނުވަތަ ކަސްތޮޅުއެޅިފައިވާ މިނިވަންކަން، ނިކަމެތިކަމުގެ ލޮލުގައި އެޅުވި އަނދުނެއްބާވައެވެ؟ މިހުރިހާ މައްސަލަތައް އުތުރެން ފެށުމުގެ ސަބަބަކީ މި ހުރިހާ ބަނދެވުންތަކުން ކުއްލިއަކަށް ވީއްލުންބާވައެވެ؟

ޒާތީ ތަޢައްޞަބުތަކާ ދުރުވެ ތިބެގެން ބޮޑުމަންޒަރަށް ބަލާލަމާހެއްޔެވެ. ޤައުމުގައި ސުލްޙައަށްޓަކައި ފުދޭ ވަރަށް މަސައްކަތްތައް ކުރެވޭހެއްޔެވެ؟ ދެހާހުގެ އަހަރުތަކުގައި އަލަށް ލިބުނު ޙައްޤުތަކާއި މިނިވަންކަން ސުލްޙަވެރިގޮތުގައި ބޭނުންކުރާނޭ ގޮތް ރައްޔިތުންނާއި ވެރިންނަށް ދަސްކޮށްދިނުމަށް ކުރެވިފައިވަނީ ކޮން މަސައްކަތެއްހެއްޔެވެ؟ އެ މަސައްކަތްތައް ބަލައިގަނެވިފައިވަނީ ކޮން މިންވަރަކަށް ހެއްޔެވެ؟ ހަމަޖެހުމަށް، ހޭލުންތެރިކަމަށް، ތަޢުލީމަށް ކުރާ ޚަރަދާއި، ހަމަނުޖެހުމަށް ކުރާ ޚަރަދު އަޅައިކިޔާލިޔަސް ފުދޭނެއެވެ. އިންތިޚާބުތަކަށް ކުރާ ޚަރަދާއި، ކެމްޕެއިންތަކަށް ކުރާ ޚަރަދާއި، ސިޔާސީ ލީޑަރުން "އެމީހުންގެ ނަން ފަނޑުވިޔަ ނުދިނުމަށް" ކުރާ ޙަރަދުތަކާއި، ސިޔާސީ ޕާޓީތައް "ވައިވިޔަނުދިނުމަށް" ކުރާ ޚަރަދަށް ވިސްނާލަމާހެއްޔެވެ؟

އެހެންވިއްޔާ އަހަރެންނަށް މި ބުނެވެނީ ސުލްޙައަށް ދައްކާންވީ އަގަކީ މިނިވަންކަމޭ ހެއްޔެވެ؟ މިނިވަންކަމާ ސުލްޙައަށް އެކުއެކުގައި ދެމިނޯވެވޭނެޔޭހެއްޔެވެ؟ މިއީ އަހަރެން އެހާ ގަޔާވާ ވިސްނުމެއް ނޫނެވެ. ޤަބޫލުކުރާހިތްއޮތީ ފުރިހަމަ މިނިވަންކަމާއެކު، ސުލްޙަމަސަލަސްކަންވެސް ޤައުމުގައި ދެމެހެއްޓޭނޭ ކަމަށެވެ. އެހެންނަމަވެސް އެ ކަން ވާން އޮތީ، މައްސަލަތައް ހުރިކަންވެސް ބަލައިގަނެ، އެ މައްސަލަތަކަށް ހައްލު ހޯދުމަށް އިޚުލާސްތެރިކަމާއެކު މަސައްކަތްތަކެއް ކުރެވިގެންނެވެ. ސުލްޙައަށްޓަކައި މިނިވަންކަން ޤުރުބާންކުރާކަށް އަހަރެންގެ ހިތް ހެވެއްނޫނެވެ.