Advertisement

އަހަރަކު އެއް ފަހަރު ބައި-އިލެކްޝަން ބޭއްވުމާ އެލްޖީއޭ ދެކޮޅު

19 ސެޕްޓެންބަރު 2022 - 12:17 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އެލްޖީއޭގެ އިސް ބޭފުޅުން މިއަދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް


އަހަރަކު އެއް ފަހަރު ބައި-އިލެކްޝަން ބޭއްވުމާ އެލްޖީއޭ ދެކޮޅު

19 ސެޕްޓެންބަރު 2022 - 12:17 0

ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވެ އެކަމުގެ ހަރަދު ދައުލަތުގެ ބަޖެޓަށް ބުރަވާތީ، އެކަން ހައްލުކުރަން އަހަރަކު އެއް ފަހަރު އެ ފަދަ އިންތިހާބުތައް ބޭއްވުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފުކަމެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ބުނެފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި އެފަދަ ބައި-އިލެކްޝަންތައް އަތޮޅު ކައުންސިލުން ބޭއްވުން ހިމެނެ އެވެ.

ނަމަވެސް، އޭގެ ފަހުން ސިޔާސަތު އަނެއްކާވެސް ބަދަލުވެ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ވަނީ އިތުރު އިސްލާހުތަކެއް ގެނައުމަށް ހުށަހަޅައިފަ އެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ބަދަލު ގެނައުމުގެ ބިލުގައިވާ ގޮތުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް ބާއްވަން ވާނީ އަހަރަކު އެއް ފަހަރު އެވެ.

ރޮޒެއިނާ ހުށަހަޅުއްވާފައިވާ އިސްލާހު ދިރާސާކުރަމުންދާ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އެލްޖީއޭގެ ހިޔާލު ދެއްވަމުން، އެ އޮތޯރިޓީގެ ސީއީއޯ އަފްޝަން ވިދާޅުވީ ބައި-އިލެކްޝަންތައް ބޭއްވުން އަތޮޅު ކައުންސިލުތަކަށް ދޫކޮށްލަން އެލްޖީއޭއިން އަބަދުވެސް ތާއީދުކުރާ ކަމަށެވެ.

ނަމަވެސް، އަހަރަކު އެއް ފަހަރު ބައި-އިލެކްޝަންތައް ބާއްވަން މިހާރު ގެންގުޅޭ ވިސްނުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފުކަމެއް ކަމަށް އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުގެ ވަކި މިންގަނޑުތަކަކަށް ފެތޭ ގޮތަށް ބައި-އިލެކްޝަންތައް ބާއްވާތީ ހަރަދު ބޮޑުވި ނަމަވެސް، އެ މިންގަނޑުތައް ލުއިކޮށް އަތޮޅު ކައުންސިލުތަކުން އެ އިންތިހާބުތައް ބޭއްވުމުން ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ އެވެ.

"އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ހެދުމަކީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށް ގަބޫލެއް ނުކުރެވޭ،" އަފްޝަން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، އަވަސް އަވަހަށް އިންތިހާބުތައް ބޭއްވުމުން އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ހަރަދު ވެސް އިތުރުވެގެންދާ ކަމަށެވެ.

"އަޅުގަނޑުމެން އެބަވިސްނަންޖެހޭ ޕާޓީތަކުން ކުރަންޖެހޭ ހަރަދަށް ވެސް. އަވަސް އަވަހަށް އިންތިހާބު ބާއްވަން ޖެހުމުން މޯޓިވޭޝަނެއް ނެތް. މި ހަރަދަކީ ހަމައެކަނި ދައުލަތުން ކުރާ ހަރަދެއް ނޫން. ޕާޓީތަކުން ވެސް މި ބައި-އިލެކްޝަންތަކަށް އެބަޖެހޭ ހަރަދުކުރަން،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލުތަކުން ބައި-އިލެކްޝަން ބާއްވާ ގޮތަށް ގާނޫނު އިސްލާހުކުރަން އުޅުނީ އަވަސް އަވަހަށް އިންތިހާބުތައް ބާއްވަން ޖެހުމުން ހަރަދު ބޮޑުވާތީ ކަމަށެވެ. ނަމަވެސް، މުހައްމަދު އަބްދުالله ޝަފީގު ފަހުން ހުށަހެޅުއްވި އިސްލާހުތަކަށް އިޝާރާތް ކުރައްވަމުން އަލީ ނިޔާޒް ވިދާޅުވީ އަހަރަކު އެއް ފަހަރު އިންތިހާބު ބާއްވާ ގޮތަށް ހަދަން ސިޔާސަތު ބަދަލުވުމުން އިލެކްޝަންސް ކޮމިޝަނަށް ވެސް އިންތިހާބުތައް ބޭއްވޭނެ ކަމަށެވެ.

ގާނޫނުތައް މި ގޮތަށް އިސްލާހުކުރަން ހުށަހަޅާފައިމިވަނީ، ހާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުން އާންމުވެ، ބައި-އިލެކްޝަންތައް ބޭއްވުން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިގޮތުން، މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 20 ބައި އިލެކްޝަން ވަނީ ބާއްވަން ޖެހިފަ އެވެ.

އިންތިހާބުތަކަށް އީސީއަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓަށް ކަނޑައެޅިފައިވާއިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބާއްވައިގެން މި އަހަރު މިހާތަނަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.