Advertisement

އެމްޓީސީސީގެ ބޮޑު ޖައްރާފުއާއެކު ދާންދޫ ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި

19 ސެޕްޓެންބަރު 2022 - 08:12 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރޭ ދާންދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީން އަލަށް ގެނައި ބޮޑު ޖައްރާފު ދައްކާލަނީ-- ފޮޓޯ: އެމްޓީސީސީ


އެމްޓީސީސީގެ ބޮޑު ޖައްރާފުއާއެކު ދާންދޫ ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި

19 ސެޕްޓެންބަރު 2022 - 08:12 0

އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރު، "ބޮޑު ޖައްރާފު" އިފުތިތާހުކޮށް، އޭގެ ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ގއ. ދާންދޫ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ރޭ ފަށައިފި އެވެ.

ދާންދޫގެ ފަޅުން ހިއްކާ 25 ހެކްޓަރުގެ "އާ ދާންދޫ"ގެ 30 ޕަސެންޓް ހިއްކައި ނިމިފައިވާއިރު، ޖައްރާފު އިފުތިތާހު ކުރުމާއި ބިން ހިއްކަން ފެށުމުގެ ޖަލްސާ ބޭއްވުން ލަސްވެގެން ދިއުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ސިފަކުރެއްވީ ސަރުކާރުގެ ސްޕީޑު ހަލުއިވުމެއްގެ ގޮތުގަ އެވެ.

"ލަސްވެފައި މިއޮތީ އިފުތިތާހީ ޖަލްސާ. މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގާލެއް ބާރުކަމުން ފަހަތަށް މި ޖެހެނީ ޖަލްސާ. އޭގެ ބަދަލުގައި ކުރިއަށް މި ޖެހެނީ ހަމަ ގައިމުގެ ވެސް މަޝްރޫއުގެ އަމަލީ މަސައްކަތް،" އާޒިމް ވިދާޅުވި އެވެ.

ދާންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ "ބޮޑު ޖައްރާފު" ފުރަތަމަ ފަހަރަށް ދައްކައިލި އެވެ. ދާންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމާއި، ބޮޑު ޖައްރާފާ އިފްތިތާހުކޮށް ދެއްވީ ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރު، ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިފުތިތާހު ކޮށްދެއްވަނީ-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


ކަނޑުގެ 18 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރެޖަރަކީ އައިއެޗްސީ ބީވާގެ އެންމެ ފަހުގެ މޮޑެލްގެ ކަޓާ ޑްރެޖަރެކެވެ.

މި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ދާންދޫ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޓަނޭޝަނަލް ފައިނޭސިންގެ ދަށުން އެ ކުންފުނިން ކުރިއަށްގެންދާ ފުރަތަމަ މަޝްރޫއު ކަމަށެވެ.

"އެމްޓީސީސީގެ ހަޔާތުގެ މިހާތަނަށް އިންޓަނޭޝަނަލް ފައިނޭސިންއެއްގެ ދަށުން ލިބިފައިވާ އެންމެ ބޮޑު ޕްރޮޖެކެޓް ލިބިފައިވަނީ މިނިސްޓަރު އަސްލަމް އަޅުގަނޑުމެންނަށް ދެއްވާފައިވާ ސިޓީއެއްގެ ސަބަބުންނާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ރިކޮމެންޑޭޝަންގެ ސަބަބުން،" އާޒިމް ވިދާޅުވި އެވެ.

ދާންދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ.


ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު

ސަތޭކަ އައްޑިހަ ހަ މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ހިއްކަނީ ދާންދޫގެ ފަޅުން ވަކި ރަށެކެވެ. ފަންސަވީސް ހެކްޓަރުގެ އެ ފަސްގަނޑު ދާންދޫއާ ގުޅުވާލަނީ 300 ފޫޓުގެ ފާލަމަކުންނެވެ. އެ ފާލަމުގެ ދަށުން އޮއި ދެމޭނެ އެވެ. މިހާރު ދާންދޫގެ ބޮޑުމިނަކީ 28 ހެކްޓަރެވެ.

އަލަށް ހިއްކާ ބިމުގައި 833 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓު ޖެހުމާއި، 375 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާ އާއި 180 މީޓަރު ބޮޑު ހިލައިގެ ގްރޮއިން އަދި 345 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓު ޖަހާނެ އެވެ.

ގޮނޑުދޮށެއް ނެތް، އެރިލާނެ މޫދެއް ނެތް ދާންދޫގެ ރައްޔިތުންނަށް "އާ ދާންދޫ" ލިބުމުން އެހެން ރަށަކަށް މޫދަށް އެރެން ދާން ނުޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ބިން ހިއްކުމާއި ބަނދަރުގެ މަޝްރޫއު ނިމުމުން ލުއި ފަސޭހަ ރަށަކަށް ދާންދޫ ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާ ބިން ވެގެންދާނީ ޒަމާނީ ދާންދޫގެ އާ ހަޔާތެއްގެ ފެށުމަކަށް،" އާޒިމް ވިދާޅުވި އެވެ.

ދާންދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމައި އޮކްޓޯބަރު މަހު ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.