Advertisement

ދިގު ވާހަކަ: އަލިފާން ކޮކާ

18 ސެޕްޓެންބަރު 2022 - 10:43 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: އަލިފާން ކޮކާ

18 ސެޕްޓެންބަރު 2022 - 10:43 0

ދިހަވަނަ ބަޔާ ގުޅޭ

އަހަރެން ދެއްކި ވާހަކަތައް ދޮންބެއަށް ފަހުމު ނުވާނެ ކަން ވިސްނުނީ މާ ފަހުންނެވެ. ވާނީ ވެސް އެހެންތާ އެވެ. ދޮންބެގެ ހަނދާނުން އެ ދުވަސްތައް ނާންނާނެ ނޫން ހެއްޔެވެ؟ އެ ހާދިސާއަށްފަހު ދޮންބެގެ ހަނދާނުން ގިނަ ދުވަސްތަކެއް އެ ވަނީ އެކުގައި ހަނދާން ނެތިފަ އެވެ.

"ދެން އެ ވާހަކަތައް ނުދައްކަމާދޯ." އަހަރެން ހިނިތުންވެލީމެވެ.

"ކޮއްކޯ ދެން ދޮންތަ ބުނި ކަންތައް ކޮށްލަ ދޭން ހިނގާ!" ދޮންބެދައްތަ ބުނެލި އެވެ.

"ކޮން ކަމެއް؟" އަހަރެން އަހައިލީމެވެ.

"މިހާރު ދެން އިރާދަކުރައްވައިގެން ހުރިހާ ކަމެއް ހަމައަކަށް އެޅެމުން އެ ދަނީ. ﷲގެ ރަހުމަތުން ދޮންބެގެ ހަނދާންތައް ވެސް އިއާދަވީ. ދޮންތަ ބޭނުންވަނީ ރަށަށް ދާން."

"އޭނ!" އަހަންނަށް ބުނެލެވުނެވެ.

"އެ ކީއްވެ؟ އޭރުން އަހަރުމެންގެ ވިޔަފާރިއޯ. ދެން؟" ހައިރާން ކަމާއެކު އާމިރާ ބުނެލި އެވެ.

އަހަންނަށް ބަލައިލެވުނީ އާމިރާގެ މޫނަށެވެ. އޭނާއަށް ކުއްލިއަކަށް އެހައި ބޮޑު ބަދަލެއް އެ އައީ ކީއްވެ ހެއްޔެވެ؟

"އާނ!" ދޮންބެދައްތަ ތުންފަތަށް ބާރުކޮށްލި އެވެ. "އަހަރެން ބޭނުމެއް ނޫން ތި ކުރާ ވިޔަފާރި ކުރިއަރުވާކަށް."

"ދޮންބެއަށް ރަށުން ވަޒީފާއެއް ވެސް ނުލިބޭ..." އާމިރާގެ ޖުމުލަ ފުރިހަމަ ނުވަނީސް ދޮންބެދައްތަ ފެށި އެވެ.

"އާމިރާ ހާދަ ބޮޑަކަށް ކަންބޮޑުވަނީ ތި؟" ދޮންބެދައްތަގެ ރާގުގައި ހުރީ ހަރުކަށި ކަމެވެ.

އަހަންނަށް ލިބުނު ސިހުމާއެކު ދޮންބެދައްތަގެ މޫނަށް ބަލައިލެވުނެވެ.

"ކީކޭތަ ތި ކިޔަނީ؟" އާމިރާ ހިތްހަމަ ނުޖެހުނެވެ.

"ކީކޭތަ އަހަރެން ކިޔާންވީ؟" ދޮންބެދައްތަ ރުޅި އިސްކުރި އެވެ.

"ކިހިނެއްވީ؟" އަހަންނަށް އަހައިލެވުނެވެ.

"ނުވަނީ ކީއްތަ؟" ދޮންބެދައްތަ ދެ ތުންފަތަށް ބާރުކޮށްލަމުން އާމިރާއާ ދިމާއަށް ޝަހާދަތް އިނގިލި ހިއްލައިލި އެވެ.

"ކަލޭ މިހާރު އަހަންނާ ދިމާއަށް ހަޅޭއްލަވަން ވެސް ފެށީތަ؟" އާމިރާ ވެސް ރުޅި އިސްކުރި އެވެ.

"ސާފުކޮށް ވީގޮތް ކިޔައިދޭނީ ކާކުތަ؟" އަހަންނަށް އޮޅުންބޮޅުންވާ ގޮތްވި އެވެ.

"ހިޔަޅެއްގެ ބަހަށް ހެއްލެވިގެން އަހަންނަށް މި ތަނަށް އާދެވުން އެއީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯސް." ދޮންބެދައްތަ ދަތްކުނޑި ވިކައިލި އެވެ.

"ދޮންބެދައްތާ!" އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

"ތަޅާ! ތަޅާ! އަނިޔާ ކުރޭ! އަހަރެންގެ ގައިގާ ތަޅާ! ދޫ ނެރެ ބުރިބުރިކޮށްލާ! އެކަން ކުރުމަކުން ހަގީގަތެއް ބަދަލެއް ނުކުރެވޭނެ." ދޮންބެދައްތަ ވަރަށް ފޯރީގައި ބުނެލި އެވެ.

"ކޮން ހަގީގަތެއްތަ؟ މިއީ އުފާކުރާންވީ ވަގުތެއް ނޫންތަ؟" އަހަރެން ހިތްހަމަ ނުޖެހިގެން ބާރުބާރަށް ބުނެލީމެވެ. "އޭގެ ބަދަލުގައި މި ކުރަނީ ކޮން ޒުވާބެއްތަ؟ އެވެސް ވާނުވާ ނޭނގޭގޮތަށް ކުރާ ޒުވާބެއް. މި ކޮން ކަންތައް ގަނޑެއްތަ؟"

"އަހަންނަކީ ނިކަމެއްޗެއް. ފަގީރެއް. ކަލޭމެންހާ ފޯރާ މީހެއް ނޫން. މަޝްހޫރު މީހެއް ވެސް ނޫން. އެކަމަކު އަހަރެންގެ މި ހިތުގައި އޮތީ އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ތެދު ނިޔަތެއް. އަހަރެންގެ މި ހަށީގައި ހިނގަނީ އިއްފަތްތެރިކަން ރައްކާ ކުރާނެ ކަމުގެ ޖަޒުބާތީ ލޭ." ދޮންބެދައްތަ އަސަރާއެކު ބުނެލި އެވެ.

ދޮންބެދައްތަ ދައްކަމުންދާ ވާހަކަ ކޮންމެ ވެސް ވަރަކަށް އަހަންނަށް ފަހުމާން ފެށި އެވެ. އޭނާ އެ ކިޔަނީ ކޮން ވާހަކައެއްކަން އަހަންނަށް ސާފުވާން ފެށި އެވެ. ނަމަވެސް އެ ވާހަކަތައް ރައްދުވަނީ ކާކަށް ކަމެއް ނޭނގުނެވެ. ނިސްބަތްވަނީ ކޮން ފަރާތަކަށް ކަމެއް ނުވިސްނެ އެވެ.

"ދޮންބެދައްތަ ރުޅި އަންނަންވީ ސަބަބެއް އަހަންކަށް ނުވިސްނޭ." މަޑުމައިތިރި ރާގެއްގައި އަހަރެން ބުނެލީމެވެ.

"މާތް ކަމަނާ ގާތު އަހައިލަބަލަ. ކިތައް ދުވަހު ފެނުނީމަތޯ ސާފުވާނީ." ރުޅި އައިސް ފުފިފައި ހުރެ ދޮންބެދައްތަ ބުނެލި އެވެ. "ލޮލުން ދެކެ އަތުން ހިފީމަތޯ އަހައިބަލަ. ބުޅާ ގޯނީގައި އޮތީ ކިތައް ދުވަހުތޯ އަހައިބަލަ."

އަހަންނަށް ބަލައިލެވުނީ އާމިރާގެ މޫނަށެވެ. އޭނާ އިސްޖަހައިލި އެވެ. ލަދުން ގޮސް މީހާ ރަކިވާ ގޮތްވާން ފެށި އެވެ. ދެ އަތުގެ އިނގިލިތަކާ ކުޅެން ފެށި އެވެ. މޫނުމަތިން ހާސްވުމުގެ އަސަރުތައް ފެންނާން ފެށި އެވެ.

"ރަޔާން!" އާމިރާ ބަލައިލީ އަހަރެންގެ މޫނަށެވެ.

"ދެން ބުނާނީ ސޮރީއޭ. ގަސްތަކު ނޫނޭ." ދޮންބެދައްތަ ރުޅި ގަދަވި އެވެ.

"ކަލޭގެ ފިރިމީހާ ވަކި ސަހަލުތަ؟" އާމިރާ ވެސް ހިތްހަމަ ނުޖެހިގެން ހަޅޭއްލަވާ ގަތެވެ.

"ސަހަލު މީހަކީ ކަލޭއެއް ނޫންތަ؟ ބަލަ ކަލޭ ހީކުރީ މަޝްހޫރުވީމަ ދެން ހުރިހާ ކަމެއް އެ ވީ ކަމަށްތަ؟" ދޮންބެދައްތަ ދަތްކުނޑި ވިކައިގަތެވެ. "ބަލަ މަގޭ ފިރިމީހާއަކީ ބުއްދި ހަމަ ނުޖެހޭ މީހެކޭ."

"ބުއްދި ހަމަ ނުޖެހުން." މަލާމާތުގެ ރާގުގައި އާމިރާ ތުންފަތަށް ގޮތެއް ހަދައިލި އެވެ. "ބުއްދި ހަމަ ނޫނީ ކަލޭއެއް ނޫންތަ؟"

އަހަންނަށް ބަލައިލެވުނީ ދޮންބެގެ މޫނަށެވެ. އޭނާ އިން ގޮތަށް އިނީ އެވެ. އިސް އުފުލާ ބަލައިލަން ވެސް ނުލަ އެވެ. ހީވަނީ ސޯފާގައި ބުދެއް އިންހެންނެވެ.

"ބުއްދި ހަމަ ނުޖެހޭ މީހަކާ ކަލޭ ތިޔަ މަޝްހޫރު މީހާއާ އެއްވަރުވޭތަ؟" ދޮންބެދައްތަ ކުރިއަށް ޖެހިލި އެވެ.

"އަނގައިގަ ހިފައި ދަމަންޏާ ނުބުނަން ހުންނަ ވާހަކަ ވެސް ޖެހޭނީ ބުނަން." އާމިރާ ހިތްހަމަ ނުޖެހުނެވެ. "އަޑުއަހަން ކެރޭނެތަ؟ ހުރިހާ ވާހަކައެއް ގޮވާލަންވީތަ؟ ތިމާ ފަލީހަތްކޮށްލަންވީތަ؟"

"ކަލޭއަކީ އަނތްބެއްތަ؟ ނޫނީ އަނތްބެއްގެ މަގާމަށް ކުފޫ ހަމަވާ މީހެއްތަ؟ ނިކަން މި ސުވާލަށް ޖަވާބު ދީބަލަ. ފިރިއަކަށް އެންމެ ބޭނުންވާނީ ކޮންކަމެއްތަ؟ އެކަން ކަލޭއަށް އެނގޭތަ؟" އާމިރާ ހިތްހަމަ ނުޖެހިގެން ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ.

ދޮންބެދައްތަ ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލި އެވެ. އޭނާ ދެ ލޮލުން ކަރުނަތައް އޮހިގަތެވެ. ކުއްލިއަކަށް އޭނާގެ މޫނަށް އެހައި ބޮޑު ބަދަލެއް އެ އައީ ކީއްވެ ހެއްޔެވެ؟ އާމިރާ އެ ބުނަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެ ވާހަކައާއި ދޮންބެދައްތައާ ގުޅުމެއް އެބަ ވެޔެއެވެ.

"އަހަރެން ގަބޫލުކުރަން އަހަންނަކީ އުނި މީހެއްކަން." ދޮންބެދައްތަ ގިސްލަމުން ގިސްލަމުން ކަހަލަ ގޮތަކަށް ލަސްލަހުން ބުނެލި އެވެ.

"އަހަންނަކަށް ނުވިސްނޭ ވެގެން މި އުޅޭ ގޮތެއް. ކޮންމެ ވެސް އެކަކު ސާފުބަހުން ރީތިކޮށް ވެގެން މި އުޅޭ ގޮތެއް ކިޔައިދޭން ވެއްޖެއްނު." އަހަރެން ބަލައިލީ އާމިރާގެ މޫނަށެވެ.

"ދެމަފިރިންގެ ދެމެދުގައި ހުންނަ އުނިކަންކަން ސިއްރުގެ ގޮތުގައި ބެހެއްޓުމަށް ދީނުގައި އަންގަވާފައި ވަނީ ހިކުމަތެއް އޭގައި ވާތީ. އަހަރެންގެ ފިރިމީހާއަކީ އަހަރެން ބަދުނާމު ކުރަމުން ދުވާ މީހެއްކަން މިއަދު އަހަންނަށް ވަރަށް ސާފުކޮށް އެނގިއްޖެ." ދޮންބެދައްތަ އަޑުން އަޑުނަގާ ރޯން ފެށި އެވެ.

"އަމިއްލައަށް މާ މާތް މީހަކަށް ވެގެން އުޅެންފެށީމަ ނުބުނަން ހުންނަ ވާހަކަ ވެސް ބުނެވޭނެ. އިންސާނުންވީމަ ކެތްތެރިވެވޭނީ ވަކި ވަރަކަށް." އާމިރާ ޖެއްސުމުގެ ރާގުގައި ބުނެލި އެވެ.

"އާމީ ޕްލީޒް، މި ވާގޮތެއް އަހަންނަށް ކިޔައިދީބަލަ." އަހަރެން އާދޭހުގެ ރާގުގައި ބުނެލީމެވެ.

"މާ ދޮންބެދައްތަ ހެދިގެން އެ އުޅޭ ކަމަނާ ގާތުން އަހައިބަލަ." އާމިރާ ރުޅި އިސްކުރި އެވެ.

"އަހަންނަކަށް ނޭނގޭ މި ވާގޮތެއް. ރުއިމާ ގިސްލުމާއި ހަޅޭއްލެވުން ނޫންކަމެއް މި ކަމަކުން އަހަންނަށް ސާފެއް ނުވި. ދޭހައެއް ނުވި. ދެން ކޮން ވާހަކައެއްތަ މި ދެކެވެނީ؟ ކުށްވެރި ނުވާ ހަމަ އެކަކު ވެސް މި ތަނަކުން ނުފެނޭ! ކޮންމެ މީހަކު ވެސް އިނގިލި ދިމާ މި ކުރަނީ އަނެއްކާއާ ދިމާއަށް!" އަހަންނަށް ހަމަ ރަނގަޅަށް ވެސް އޮޅުނެވެ.

"ހުރިހާ ކަމެއް ސާފު ބަހުން އަހަރެން ކިޔައިދީފާނަން! ކޮއްކޮއަށް އަޑުއަހަން ކެރޭނެތަ؟" ދޮންބެ ކޮޅަށް ތެދުވެލި އެވެ.

އަހަންނަށް ބަލައިލެވުނީ ދޮންބެގެ މޫނަށެވެ. އެއަށްފަހު އާމިރާގެ މޫނަށެވެ. އެންމެ ފަހުން ދޮންބެދައްތަގެ މޫނަށެވެ. ދޮންބެދައްތަގެ މޫނު ދެ ފަރާތަށް ހަރަކާތްކޮށްލި އެވެ. ނޫނެކޭ ބުނާ ފަދައަކުންނެވެ. އޭނާގެ ދެ ތުންފަތަށް ބާރުކޮށްލި އެވެ. ލޮލަށް ގިނަވި ކަރުނަތައް ރޮނގެއްގައި ސިފައިގައި ކޯތާފަތަށް އޮހިގަތެވެ. އަހަންނަށް ކުރެވުނީ މުޅީން ތަފާތު އިހުސާސެކެވެ.

(ނުނިމޭ)