Advertisement

ކްލަބް މޯލްޑިވްސް ކަޕް ފެށުން އޮކްޓޫބަރު އެއް ވަނަ ދުވަހަށް

17 ސެޕްޓެންބަރު 2022 - 20:58 0

ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި އާރްއާރްސީގެ ކުޅުންތެރިން ސަޕޯޓަރުންނާ އެކު.--- ފޮޓޯ: އިމޭޖަސް.އެމްވީ


ކްލަބް މޯލްޑިވްސް ކަޕް ފެށުން އޮކްޓޫބަރު އެއް ވަނަ ދުވަހަށް

17 ސެޕްޓެންބަރު 2022 - 20:58 0

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ، ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް، އަންނަ މަހު އެއް ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް ކްލަބް މޯލްޑިވްސް އިން އިއުލާނުކޮށްފި އެވެ.

މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ އިތުރުން ކްލަބް މޯލްޑިވްސް އިން އަންހެން ފުޓްބޯޅަ އަށް ހާއްސަކޮށް ބާއްވަމުން އަންނަ 18/30 ފުޓްސަލް ފިއެސްޓާގެ ތައްޔާރީތައް މިހާރު ފޯރީގައި ކުރިއަށްދެ އެވެ.

މީގެ ކުރިން ކްލަބް މޯލްޑިވްސް އިން މަސައްކަތް ކުރީ މި މަހު މުބާރާތް ފެށުމަށެވެ. އެކަމަކު، މުބާރާތުގެ މެޗުތައް ކުޅޭ ހުޅުމާލެ ރެހެންދި ޓާފް ދެ ދަނޑުގެ އެކިއެކި މަރާމާތުގެ މަސައްކަތްތައް ކުރުމާއި މުބާރާތް ވީހާވެސް ފުރިހަމަކޮށް ގެންދިއުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތަކަށް ޖާގަ ދިނުމުގެ ގޮތުން މުބާރާތް ފަސްކުރަން އޭރު ނިންމީ އެވެ.

ކްލަބް މޯލްޑިވްސް އިން އަންނަ މަހުގެ އެއް ވަނަ ދުވަހު މުބާާރާތް ފަށާއިރު، އޭގެ އެއް ދުވަސް ކުރިން މުބާރާތުގެ ކިކޮފް އިވެންޓެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފަ އެވެ. ކުޅިވަރާ ބެހޭ ވުޒާރާ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ގުޅިގެން ބާއްވާ މި ފަހަރުގެ މުބާރާތުގެ ސޯޝަލް ޕާޓްނަރަކީ ބީވިޒަމް އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކްލަބް މޯލްޑިވްސް އިން 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އައި ކްލަބް މޯލްޑިވްސް ކަޕަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މުބާރާތެވެ. މި މުބާރާތްތަކަށް އެކި ގޮތްގޮތުން ކުންފުނިތަކުން ތައްޔާރުވާއިރު، މުބާރާުތުގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުގައި ޓީމުތައް ކޭމްޕްކުރުން ވެސް މި ވަނީ އާންމުވެފަ އެވެ.

ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، މިދިޔަ އަހަރު އަލުން މުބާރާތް ބޭއްވި އެވެ. އެއީ މިދިޔަ ނޮވެމްބަރާއި ޑިސެމްބަރު މަހުގަ އެވެ.

އެންމެ ފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ. އެއީ ފައިނަލުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، 4-0 އިން ބަލިކުރުމަށް ފަހު އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ 7-4 ކްލަބް ވެމްކޯ ބަލިކޮށް، 18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން، ޖެހިޖެހިގެން ތިން ފަހަރު ހޯދައިފަ އެވެ.

ކްލަބް މޯލްޑިވްސް އިން 18/30 ފުޓްސަލް ފިއެސްޓާ، 2010 ވަނަ އަހަރު ބާއްވަން ފެށިއިރު މިހާތަނަށް، އިމިގްރޭޝަނާއި އެމްއެންޑީއެފް އިން ވަނީ ޖެހިޖެހިގެން ދެ އަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، ޖެހިޖެހިގެން ތިން ފަހަރު މުބާރާތުގެ ތަށި އުފުލާލުމުގެ ޝަރަފް ލިބުނީ ހަމައެކަނި އެމްޕީއެލް އަށެވެ.

އަހަރަކަށް ފަހު އަހަރެއް ކްލަބް މޯލްޑިވްސް ކަޕްގެ ފޯރިގަދަ ވަމުން އަންނައިރު، ސަޕޯޓަރުންގެ މެދުގައި ފެންނަ ހަރަކާތްތައް ވެސް ފެންނަނީ ކުލަގަދަކޮށެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" ނޫހެވެ. ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ސޮނީ ސްޕޯޓްސްއާ އެކު ސޮއިކޮށްފައިވާއިރު، އިތުރު ޕާޓްނަރުންތަކެއް ވެސް މުބާރާތާ ގުޅި، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ދަނީ ކުރިއަށެވެ.