Advertisement

އުފަލެއް ނެތް، އެކަމަކު މަޖުބޫރު ކޯލިޝަން؛ އެހެން ގޮތެއް ނެތް؟

20 ސެޕްޓެންބަރު 2022 - 09:34 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އުފަލެއް ނެތް، އެކަމަކު މަޖުބޫރު ކޯލިޝަން؛ އެހެން ގޮތެއް ނެތް؟

20 ސެޕްޓެންބަރު 2022 - 09:34 0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރު ދެން ތިބި ސިޔާސީ ލީޑަރުންނަށް ކުރިމަތިވި "މަޖުބޫރީ" ހާލަތުގެ ސަބަބުން ރިޔާސީ އިންތިހާބަށް ޔާމީން ފިޔަވައި ދެން ތިބި ލީޑަރުން "ކޯލިޝަން ސަރުކާރު" ގެ ފަލްސަފާއަށް ރުހެން ޖެހުނެވެ. އޭރު ކުނޫޒާއި އެމްޑީޕީ ހަރުގޭގައި ބޭއްވި ކޮންމެ ޖަލްސާއެއްގައި ވެރިންގެ ވާހަކަތަކުގައި ފެނުނީ އެ ރޫހެވެ. އޭގެ ކުރީގެ ރިޔާސީ އިންތިހާބުތަކުގެ ތަޖުރިބާއިން ވެސް ސިޔާސީ ލީޑަރުންނަށް އެ ނޫން ގޮތެއް ނެތެވެ.

ސިޔާސީ ކުޅިބައިގެ އެންމެ މުހިންމު ގޮޅީގައި އޮންނަ ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުމުން ބޭއްވި ޖަލްސާ އެވެ; ތިނެއް އޮގަސްޓް، 2018 ގައި ބޭއްވި އެ ޖަލްސާ ތާރީހީ ގޮތުން ފާހަގަކޮށްލެވެނީ ދިވެހި ވެރިންނަށް ކުރިމަތިވި ހާލަތުން އާ ލީޑާޝިޕެއް ހޯދައިގެން ނުކުންނަން ޖެހުމެވެ. ގުޅިފައިވާ އެ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ހުންނެވި އެވެ. އެމަނިކުފާނުގެ ރަނިން މޭޓެއްގެ ގޮތުގައި ޖޭޕީގެ ފައިސަލް ނަސީމް ހަމަޖައްސައިފި އެވެ. މި ނިންމުމާ ހަމައަށް އައީ ވެސް ޕާޓީތަކުގެ މެދުގައި ބަހުގެ އެތައް ހަމާލައެއް ބަދަލު ކުރެވިގެން ދިޔަ ފަހުންނެވެ.

"ގައުމުގެ ހުރި މައްސަލަތަކަށް ހައްލެއް ހޯދޭނީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އިންކްލޫސިވް، އެންމެން ބައިވެރިވާ ޕްލެޓްފޯމެއްގައި މަސައްކަތް ކުރެވިގެން، އަޅުގަނޑުމެންގެ ކޯލިޝަންގައި މި ވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްހެން ބައިވެރިވެފައި،" ރައީސް ސޯލިހް އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި އެވެ.

ވެރިކަމަށް އައުމަށް ފެހި ގާނޫނުއަސާސީގައި ދަމާފައިވާ "50 އިންސައްތަ އަދި އިތުރު އެއް ވޯޓު" ގެ ރޮނގު އެއް ސިޔާސީ ޝަހްސިއްޔަތަށް އަދި ހުރަސް ކުރެވިފައެއް ނެތެވެ. ދެ ބުރެއް ބޭއްވި ފަހަރުތަކުގައި ފުރަތަމަ ބުރުގައި ފެއިލްވި ލީޑަރުންގެ ސަޕޯޓަރުންގެ ވޯޓު މުޅިންހެން ކަހަލަ ގޮތަކަށް ލިބެނީ އެ ލީޑަރުންގެ ތާއީދު ދިނުމަށް ނިންމާ ފަހު ލީޑަރަށެވެ. ދެން ގާއިމް މި ވަނީ ވެސް ގިނަ ޕާޓީތަކެއް ބައިވެރިވާ ކޯލިޝަން ސަރުކާރެކެވެ.

މި ނަތީޖާތަކާއި ތަޖުރިބާތަކާ އެކު، ސިޔާސީ މާހިރުންނާއި ލީޑަރުންގެ ނަޒަރިއްޔާތު ތަރުތީބު ކުރެއްވި އެއް ގޮތަކީ މިއީ އެވެ؛ ދިވެހިންގެ އަޣުލަބިއްޔަތު ބޭނުންވަނީ ތަފާތު ހިޔާލުތަކަށް ޖާގަ ދީގެން ދިވެހި ވެރިކަން ތަރުތީބު ކުރުމަށެވެ. ވެރިކަން ހިންގުމުގައި ވީހާ ގިނައިން، ވީ ވަރަކުން އެންމެން ބައިވެރިވާށެވެ. ކޮންމެ ސިޔާސީ ޖަމާއަތެއްގެ ފަލްސަފާއަށް ވެސް ޖާގަދެވިގެން، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލާށެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލުމުގައި ވެސް އިސްކޮށް އުޅުއްވި، އިބްރާހީމް "އިބްރާ" އިސްމާއީލްގެ ސިޔާސީ ތަޖުރިބާތައް ވެސް އެ ރޭ ބޭއްވި ޖަލްސާގައި ވިދާޅުވަމުން ގެންދެވި އެވެ. ސިޔާސީ މަސްރަހުގެ އޭރުގެ ހާލަތް ގޮތުން، އޭނާގެ މުޅި ސްޕީޗް ހާއްސަ ކުރަން ޖެހުނީ ވެސް އެ ވާހަކަތަކުގެ މައްޗަށެވެ. ދިވެހިންގެ ޒަމާންވީ އެއްބައިވަންތަކުގެ ރިވެތި ސިފަ، ދިވެހި ދައުލަތުގެ ވެރިކަމުގައި ވެސް އޮތުމަށް ދިވެހިން ބޭނުންވާ ކަމަށް ތަކުރާރުކޮށް އެކި ފަހަރު މަތިން އެ ރޭގެ ޖަލްސާގައި އިބްރާ ވިދާޅުވަމުން ގެންދެވި އެވެ.

"ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް ތިމަންނަމެން އެދެނީ ތި ހުރިހާ ވެރިން އެކީގައި މަސައްކަތް ކުރާށޭ، މި ދައްކަނީކީ ވަކި ކޯލިޝަންގެ ވާހަކައެއް ނޫން، ދިވެހިންނަކީ އެކުވެރި ބަޔަކަށް ވާތީ އެ ވިސްނުން ރައްޔިތުން އެބަ ގެންގުޅޭ، އެ ކަން ސިޔާސީ ބޭފުޅުން ގަބޫލުކުރައްވަންވީ،" އިބްރާ ވިދާޅުވެފައިވެ އެވެ.

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ނިމިގެން ދިޔައީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކާމިޔާބު ކުރައްވައިގެންނެވެ. ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް ޔާމީނަށް ކޯލިޝަން ދެމެހެއްޓިފައި ނެތަސް ރައީސް ސޯލިހު އަދި އެ ކަން ކާމިޔާބު ކުރައްވާފައިވެ އެވެ. ދެބަސްވުންތަކާއި ހިޔާލުތަފާތުވުންތަކާއި ހިތްހަމަނުޖެހުންތަކާއެކު ވެސް ސަރުކާރު ހިންގުމުގައި މި ހުރިހާ ޕާޓީއެއް އަދިވެސް ބައިވެރިވެ އެވެ.

ސޯލިހުގެ ކޯލިޝަން ދެމިއޮތަސް ކޯލިޝަނެއް ނެތް؟

ރިޔާސީ ދައުރުގެ ފަސް އަހަރަށް ދެމިގެންދާ ގޮތަށް ކޯލިޝަންގެ ހަތަރު ބައިވެރިން އެއްބަސްވުމެއް އެކުލަވާލި އެވެ. ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެސް "ގުޅިގެން" ވާދަކުރުމުގެ މަޝްވަރާތަކެއް ޕާޓީތަކުގެ މެދުގައި ކުރެވުނެވެ. ޕާޓީތަކުގެ ލީޑަރުން ބައިވެރިވެ ގެންދިޔަ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ. އެ ޕާޓީއަކަށް ދޫކޮށްލާނެ ގޮނޑީގެ އަދަދާއި، ދޫކޮށްލާނީ ވަކި ކޮން ދާއިރާތަކަކަށް ކަން އެއްބަސްނުވެވިގެންނެވެ.

ސަރުކާރުގެ ކެބިނެޓާއި ސިޔާސީ މަގާމުތައް ބައްސަވާނެ ގޮތުގެ "ފޯމިއުލާއެއް" ހޯދައި، އެ ގޮތަށް ބައްސަމުން ފުރަތަމަ ދިޔަ ނަމަވެސް މިހާރު އޭގައި ވެސް ހަމައެއް ނެތެވެ. އެއްބަސްވުމުގައި އޮތީ އެމްޑީޕީއަށް 40 ޕަސެންޓް އޮވެފައި، ދެން ތިބި ޕާޓީތަކަށް ބާކީ 60 ޕަސެންޓް ދިނުމަށެވެ. ކެބިނެޓާއި މަގާމުތައް ވެސް އެއްބަސްވެފައިވާ ގޮތަށް މިހާރު ބެހިފައި ނެތްއިރު، އަދި އެމްޑީޕީއަށް ވަނީ މަގާމުތައް އިތުރުކޮށްފަ އެވެ.

އެކަމަކު ވެސް ބައިވެރިވެވޭ އިންސައްތައާ މެދު އެންމެ ފުރަތަމަ ވެސް އަދި އެންމެ ގިނައިން ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އެކި މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެސް ހުންނެވި އެ ޕާޓީގެ ރައީސް ނަޝީދު ވެސް އެ ކަމުގައި އެކި ފަހަރު މަތިން ވާހަކަ ދައްކަވާފައިވެ އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ މަދު ބައެއްގެ ތާއީދު އޮތް ބަޔަކު ސަރުކާރުގެ ގިނަ ވުޒާރާތަކުގެ ގިނަ މަގާމުތައް ފުރަމުން ދިޔާމަ އޭގެ ސަބަބުން ނުކުންނަ ހިތްހަމަ ނުޖެހުމާއި އޮނިގަނޑުގެ މައްސަލަ،" ބަރުލަމާނީ ނިޒާމުގެ ބަހުސް ފަށަން ބޭނުންފުޅުވާތީ ނަޝީދު ބޭއްވި ޕްރެސް ކޮންފެރެންސެއްގައި ވިދާޅުވެފައިވެ އެވެ.

އެންމެ ފަހުން "ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ބައިވެރިވެވެވަޑައިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވިދާޅުވެފައިވަނީ ކޯލިޝަން މިހާ ހިސާބަށް ވެސް ރައީސް ސޯލިހަށް ދެމެހެއްޓިފައި އޮތަސް ކޯލިޝަން އޮތީ ނަމަކަށް ކަމަށެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވެފައިވާ ގޮތުގައި ސަރުކާރު އެކުލަވާލަން އެއްބަސްވެފައިވާ ގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.

"ކޯލިޝަނުން ވެރިކަން ކާމިޔާބު ކުރެވުނަސް، ވެރިކަމަށް ލިބުމަށް ފަހު ކޯލިޝަނެއް އޮތެކޭ، ނެތެކޭ އެއްފަދަ، އެއްބަސްވެގެން ސޮއިކުރި ކަންކަމުގެ 10 ޕަސަންޓު ވެސް އަޅުގަނޑުމެނަށް ނުލިބޭ،" ރައްޔިތުންގެ މަޖިލީހުގައި މާމިގިލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެފައިވެ އެވެ.

އަދާލަތު ޕާޓީގެ ސްލޮޓްގައި ތިބެން ޖެހޭ ވަޒީރުންގެ އަދަދު މަދުވުމާއެކު، އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވަނީ އެ ޕާޓީއަށް ކޯލިޝަން ސަރުކާރުން ލިބެން ޖެހޭ ހައްގު މިންވަރު ހޯދަން މަސައްކަތް ކުރައްވާ ކަމަށެވެ. ހޯމް މިނިސްޓަރުގެ މަގާމު މިހާރު ފުރުއްވާ އިމްރާން ވަނީ ރައީސް ސޯލިހް އެ ކަމުގައި ގޮތްތަކެއް ހޯއްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އަދާލަތު ޕާޓީއަށް ކޯލިޝަންގެ ތެރެއިން ލިބެން ޖެހޭ އެ ހައްގު މިންވަރު ލިބެން ޖެހޭ، އަދި އެ ކަމުގައި ކޮންމެ ވެސް ގޮތްތަކެއް ރާވާނެ ކަމަށް ރައީސް އޮތީ ވިދާޅުވެފައި، އެހެންވީމާ ލިބެން ޖެހޭ ހައްގު މިންވަރު ލިބިދިނުމަށްޓަކައި، އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް ބެލެވޭ،" އިމްރާން ވިދާޅުވެފައިވެ އެވެ.

ކޯލިޝަންގެ ލީޑަރުންގެ ވާހަކަތައް ބެލުމުން އެއްވެސް ލީޑަރަކު ހިތްހަމަޖެހޭ ގޮތަކަށް އަދި އެ ޕާޓީއަކަށް އެންމެ ލިބެން ޖެހޭ ހައްގު ހިއްސާގެ މިންވަރު ސަރުކާރުން ނުލިބޭ ކަމުގެ ޝަކުވާ އޮތް ކަން މިހާރު ވަރަށް ސާފުކޮށް ފެނެ އެވެ. ނަމަވެސް ސިޔާސީ ބައެއް ސަބަބުތަކަށް ޓަކައި އެކުގައި ތިބެނީ އެވެ.

ބަރުލަމާނީ ސިފައެއް؟ އެއަށް ތައްޔާރެއް ނޫން!

ސިޔާސީ ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ކޯލިޝަަނަކީ ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ. ހާއްސަކޮށް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ދެކެވަޑައިގަންނަވަނީ އެ ގޮތަށެވެ. އެކަމަކު އެ ނަޒަރިއްޔާތު ގަބޫލުނުކުރައްވާ ސިޔާސީ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގެ ކުރިއަށް ކޯލިޝަނެއް އުފައްދައިގެން ކުރިއަށްދާނަމަ މިހާރު މި ފެންނަމުންދާ މައްސަލަތައް އަބަދުވެސް ފެންނާނެ ކަމަށެވެ. އެއީ ތޮބީއީ ކަމެއްގެ ގޮތުގައި ހަސަން ސިފަކުރެއްވި އެވެ.

"އިންތިހާބުގެ ކުރިން އެބަ ކޯލިޝަން ހަދާ، އިންތިހާބުގައި ބައިވެރިނުވާ ޕާޓީތައް ވެސް އެބަ ބައިވެރިކުރެވޭ، އެހެން ތަރުތީބު ކުރާ ކޯލިޝަނެއްގައި ނޭނގޭނެ ކޮންމެ ޕާޓީއަކަށް ތާއީދު އޮތް ވަރެއް، އެހެންވެ ނުކުންނަ މައްސަލަތަކެއް، ދެބަސްވުންތަކެއް އެއީ،" ހަސަން ދެކެވަޑައިގަންނަވާ ގޮތް ކިޔައިދެއްވި އެވެ.

ގަނޫނީ ވަކީލުކަން ވެސް ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި އިންތިހާބުގެ ފަހުން ވެސް ކޯލިޝަން އުފެއްދޭތީ، އެ ނިޒާމުގެ ތޮބީއީ ސިފައަކީ ވެސް އެއީ ކަމަށެވެ.

"އެހެންވީމާ، އިންތިހާބުން ފެންނާނެ، އެ ޕާޓީއަކަށް ލިބުނު ވޯޓު ވެސް ފެންނާން އޮންނާނެ، ގޮނޑީގެ އަދަދު ވެސް، އޭރަށް ވަރަށް ފަސޭހައިން މިނެކިރޭނެ ފޯމިއުލާއެއް އޭގައި އޮންނާނެ، ބަރުލަމާނީ ނިޒާމުގެ މި ހަމަ ރިޔާސީ ނިޒާމެއްގައި ހިންގަން އުޅެން ހަދައިގެން ދިމާވާނެ މައްސަލަތައް މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ވިދާޅުވީ ރިޔާސީ ނިޒާމެއް ކަމަށް ބުންޏަސް ރާއްޖޭގައި ވެރިކަން ކުރަނީ ދެ ނިޒާމު މަސްހުނިކޮށްގެންނެވެ. އަދި ކޯލިޝަން އުފައްދައިގެން ކެބިނެޓް ބެހުމުގެ ކަންކަން ވެސް ހިންގަނީ ބަރުލަމާނީ ނިޒާމުގެ ސިފައާ އެއް ގޮތަށް ކަމަށެވެ.

"ފޭކް ބަރުލަމާނީ ނިޒާމެއް މި ތަނުގައި ހަގީގަތުގައި މި ހިންގަނީ، ކޯލިޝަނަކީ ވެސް ބަރުލަމާނީ ނިޒާމުގެ ސިފައެއް، ރައީސުލްޖުމްހޫރިއްޔާއެއް ހުންނަކަން، ބާރުތައް ބެހިފަ އޮތީ ވެސް މަސްހުނި ނިޒާމެއް ގޮތަށް،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން އިތުރަށް ވިދާޅުވީ ކޯލިޝަން އުފެއްދުމާއި ރޫޅާލުމާއި ސަރުކާރު ކެބިނެޓް އެކުލަވާލުމާއި ހިއްސާ ބެހޭނެ ގޮތްތައް ނިންމަނީ ޕާޓީތަކުގެ ލީޑަރުން ކަމަށެވެ. އޭގައި ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

"މިއީ ތި ހުރިހާ ކަމެއްގެ ޕޮއިންޓަކީ، ރައްޔިތުން ކައިރީ އަހާފައެއް ނޫން ދެއްތޯ، ކޯލިޝަން މި ހަދަނީ ވެސް، ޕާޓީތަކުގެ ލީޑަރުން ބޭނުންވެގެން،" އަލީ ހުސައިން ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކޯލިޝަނަކީ "ސިޔާސީ ސަގާފަތެއް" ކަމަށެވެ. އަބަދުވެސް އިންތިހާބު ކާމިޔާބުކުރަން މައި ޕާޓީތަކުން ކުދި އެހެން ޕާޓީތަކުގެ ތާއީދާއި ޖަމިއްޔާ ޖަމާއަތްތަކުގެ ތާއީދު ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި ވެސް، މައި ދެ ޕާޓީއެއް ކުރީގައި އުޅޭނީ، އެކަމަކު ދެ ޕާޓީގެ ފަހަތުގައި ވަރަށް ގިނަ ކުދި ޕާޓީ އޮވެގެން ކާމިޔާބެއް ލިބެނީ، ޖަމިއްޔާތަކެއް ވެސް އުޅޭނެ، ލޮބީ ގްރޫޕްތަކުގެ ސަޕޯޓް ވެސް ހޯދާނެ، އެއީ ހަމަ ކޯލިޝަން،" ޖަމީލު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމުން، މާ ބާރުގަދަ އިދިކޮޅު ފަރާތެއް ނޯންނާނެ ކަމަށެވެ. އެހެންވެ އޭގެ މުހިންމުކަމާއި ސިޔާސީ ހަމަޖެހުމަށް ކޯލިޝަންގެ ފައިދާ ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވާ ޕާޓީން ވަކިވިޔަސް، އިންތިހާބުވާ ކޯލިޝަނެއް ރޫޅުނަސް، ރައީސްގެ މަގާމު އެބަ ދެމިއޮވޭ ދައުރު ހަމަވަންދެކަށް، ސިޔާސީ ހަމަޖެހުމަށް ގާނޫނު އަސާސީގެ ރޫހު އަސްލު އެ އޮތީ،" ކޯލިޝަންގެ މަސްލަހަތު އޮތް ވާހަކައެއް ކަމުން، ނަން ނުޖެހުމަށް ޝަރުތުކޮށް އެ މެންބަރަކު ވިދާޅުވި އެވެ.

ހަގީގަތަކީ ރައީސް ނަޝީދުގެ އިތުރަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ސޯލިހާއި އިދިކޮޅު ލީޑަރަކަށް ހުންނެވި ރައީސް ޔާމީނަކީ ވެސް އެއް އިރެއްގައި ބަރުލާމާނީ ނިޒާމަށް ތާއީދު ކުރެއްވި ލީޑަރުންނެވެ.

ނަމަވެސް ސިޔާސީ ހަމަޖެހުން މި ވަގުތަށް ގާއިމުވާން އޮތީ ރިޔާސީ ނިޒާމުގައި ކަމަށް ގަބޫލު ކުރައްވަނީ އެވެ. ރައީސް ސޯލިހާއި ރައީސް ޔާމީން ވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވައިފަ އެވެ.

އެއީ މިއަދުގެ ސިޔާސީ މަސްރަހުގެ ހަގީގަތެވެ. ކޯލިޝަން ހަދައިގެން ނޫން ގޮތަކަށް ރިޔާސީ އިންތިހާބު ކާމިޔާބުނުވާނެކަން ތަޖުރިބާކުރެވިފައި ވާތީ އެ ތަޖުރިބާގެ މައްޗަށް ސިޔާސީ ވެރިން ރުހިގެން ތިބި ގޮތެވެ. ވެރިކަމުގެ މެދުތެރެއިން ކޯލިޝަން ރޫޅިއްޖެނަމަ ކުރިމަތިވާ ގެއްލުންތައް ވެސް ދަނެގެނެވެ.