Advertisement

ބޭހުގެ އަގު ކޮންޓްރޯލް ކުރުން "މަޝްވަރާ"ގައި ތާށިވެފައި

15 ސެޕްޓެންބަރު 2022 - 14:28 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އާސަންދަ ލިބޭ ބޭސްފިހާރައެއްގައި އެކަން އަންގަން ޖަހާފައިވާ ބޯޑެއް: ބޭހުގެ އަގު ކޮންޓްރޯލް ކުރުން ތަންފީޒުކުރުން ވަނީ މުއްދަތެއް ނެތް ގޮތެއް މަޑުޖެހިފައި-- ފޮޓޯ: އަދަދު


ބޭހުގެ އަގު ކޮންޓްރޯލް ކުރުން "މަޝްވަރާ"ގައި ތާށިވެފައި

15 ސެޕްޓެންބަރު 2022 - 14:28 0

ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ގަވަައިދު ދެވަނަ ފަހަރަށް ބަދަލުކޮށް، އެކަން ތަންފީޒު ކުރަން ކަނޑައެޅި މުއްދަތުތައް ފަހަނައަޅައިގެން ގޮސްފައިވާއިރު، އެކަން ކުރެވޭނެ ވަކި ތާރީހެއް ވެސް ސަރުކާރަށް ނުބުނެވުނެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހެދި "ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު" ފުރަތަމަ ގެޒެޓްކުރި އިރު އަގު ކޮންޓްރޯލްކުރަން އޮތީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެކަމަކު އޭގެ ފަހުން އެކަން މާޗްމަހާ ހަމައަށް ފަސްކޮށް ގަވައިދު ބަދަލު ކުރުމަށް ފަހު އޭގެ ފަހުން ވަނީ ޖުލައިމަހާ ހަމައަށް ވެސް ފަސްކޮށްފަ އެވެ.

އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ގަވައިދަށް އަމަލު ކުރަން ފެށިފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

"މިކަހަލަ ނިންމުމެއް ނިންމާއިރު ކޮންމެވެސް ވަރަކަށް ވިޔަފާރިވެރިންނާ ބޭހުގެ ވިޔަފާރި ކުރައްވާ ފަރާތްތަކާއި އަދި ބޭސްއެތެރެ ކުރަން ޖެހޭ ފަރާތްތަކާ ވެސް އެ ކުރަން ޖެހޭ މަޝްވަރާތަކެއް އެބަހުރި، އެ ބޭފުޅުންގެ ވިޔަފާރިއާ ގުޅުން ހުރި ކަމެއް ވީމާ،" މިއުވާން ވިދާޅުވި އެވެ.

މިކަމަކީ ރައްޔިތުންނާ ގުޅުން ހުރި ކަމަކަށް ވުމުން، ސަރުކާރުން އެދެނީ ވީހާ ވެސް އަވަހަކަށް އަމަލު ކުރަން ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނާ ގުޅިފައި އޮތް މިހާ މުހިންމު ކަމެއް ސަރުކާރުން ވީހާ ވެސް އަވަހަކަށް އެކަން ނިންމޭތޯ މަސައްކަތް ކުރަމުން މިދަނީ،" މިއުވާން ވިދާޅުވި އެވެ.

އެހެންނަމަވެސް މަޝްވަރާތައް ނިމި، މިކަން ތަންފީޒު ކުރެވެން ފަށާނެ ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.

ގާނޫނަށް އަމަލު ނުކުރެވި އާސަންދަ ބަޖެޓު ހުސްވެއްޖެ

މިއަހަރަށް ދައުލަތުގެ ބަޖެޓް ފާސްކުރި އިރު އާސަންދައަށް 730 މިލިޔަން ރުފިޔާ ކަނޑައެޅީ ބޭހުގެ އަގު ކޮންޓްރޯލްކުރާ އުސޫލު ތަންފީޒުކުރާ ގޮތަށެވެ. މިފަހަރު ކުޑަ ބަޖެޓެއް ކަނޑައެޅީ ބޭހުގެ އަގު ކުޑަކުރުމަށް ނިންމުމަށްފަހު، އެ ހިސާބުތަކަށް ބަލައިގެނެވެ. ނަމަވެސް ބޭހުގެ އަގަކަށް އަދި ބަދަލެއް ނުގެނެ އެވެ.

މި ގާނޫނަށް އަމަލު ނުކުރެވި މިދިޔަ މެއި މަހު އާސަންދައަށް ކަނޑައެޅި ބަޖެޓު ވަނީ ހުސްވެފަ އެވެ. ފިނޭންސުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުގައި މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 1.1 ބިލިއަން ރުފިޔާ ވަނީ އާސަންދައަށް ހަރަދުކޮށްފަ އެވެ.

އެއީ ބަޖެޓު ކުރި އަދަދަށް ވުރެ 371.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ބަޖެޓުގެ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި ދެ އަހަރު ވެސް، އާސަންދައަށް ކުރި ހޭދައިގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައި ހަރަދު ކުރީ ބޭހަށެވެ. އަދި 2014 ވަނަ އަހަރާ 2020 ވަނަ އަހަރާ ދެމެދު އަހަރަކު އެވަރެޖުކޮށް 23.7 އިންސައްތައިން ބޭހުގެ ހަރަދު ވަނީ ކޮންމެ އަހަރަކު ވެސް އިތުރުވެފަ އެވެ.