Advertisement

ބަސް ދަތުރަށް ފަސޭހަކުރަން ސޯސަން މަގު އުތުރުގައި ޕާކު ކުރުން މަނާކުރަނީ

15 ސެޕްޓެންބަރު 2022 - 11:21 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ސޯސަން މަގު އުތުރު ފަޅި: މި ސަރަހައްދުގައި މަގުގެ ދެ ފަރާތުގައި ވެސް އަންނަނީ ސައިކަލު ޕާކުކުރަމުން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބަސް ދަތުރަށް ފަސޭހަކުރަން ސޯސަން މަގު އުތުރުގައި ޕާކު ކުރުން މަނާކުރަނީ

15 ސެޕްޓެންބަރު 2022 - 11:21 0

މިނީ ބަހުގެ ހިދުމަތަށް ފަސޭހަކުރަން ސޯސަން މަގު އުތުރުގައި ވެސް ޕާކު ކުރުން މަނާކޮށް، މަގު ހުސްކުރަން ސަރުކާރުން އަންގާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނީ ބަހުގެ ހިދުމަތް ފަށަން ޕާކު ކުރުން, މަނާ ކުރަން މީގެކުރިން ހަމަޖެހިފައިވަނީ މަޖީދީ މަގާއި އަމީނީ މަގާއި އޯކިޑް މަގުގެ އިތުރުން ފަރީދީ މަގެވެ. އެ މަގުތަކުގެ ތެރެއިން މަޖީދީ މަގުގައި މިހާރު ވެސް ޕާކު ނުކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.

"ސޯސަން މަގުގެ މަޖީދީ މަގުގެ އުތުރުން، އެއީ ވެސް ބަސް ރޫޓުގެ އެއްބައި، އެ މަގުގަ ވަރަށް ގިނަ ސައިކަލު ޕާކުކުރޭ، މިހާރު އެ ތަން ހުސްކުރަން ޖެހިފައި މިއޮތީ،" މި ނޫހަށް ދިން އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވި އެވެ.

އެ މަގުގެ ދެ ފަރާތުގެ ޕާކު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ މަގު ހުސްކޮށްދޭން ސަރުކާރުން އެދިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެހެންނަމަވެސް, މުއިއްޒު ވިދާޅުވި ގޮތުގައި އެ ތަނުން ނަގާ ސަައިކަލުތައް ޕާކުކުރާނެ އެހެން ޖާގައެއް ނުލިބޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގުތަކުގައި ޕާކު ކުރުން މަނާކުރި ނަމަވެސް ޕާކުކުރާނެ އެކަށީގެންވާ ސަރަހައްދު އަދިވެސް ކަނޑައެޅިފައިނުވާ ކަަމަށެވެ.

"އޯކިޑު މަގުން ވެސް ނަގަން ޖެހޭ ސައިކަލުތައް އަދި ކާރުތައް، ދެން ސަރުކާރުން ނިންމަވާފައި އޮތީ ތީމުގޭ ގޯޅިތެރެއިގަ އޮންނާނެ ލާމީގެއާއި އަދި އެހެން ސަރުކާރުގެ ގޯއްޗެއް، އެ ތަން މިހާރު ހުސްކޮށްފި، އެ ތަނުގައި އޯކިޑުމަގުން ނަގާ ސައިކަލުތަކާއި ކާރުތައް ޕާކުކުރަން، އެކަމަކު މުޅި ސަރަހައްދުން ނަގާހާ ވެހިކަލަށް އެކަށީގެންވާ ޖާގައެއް ނޫން އެއީ،" މުއިއްޒު ވިދާޅުވި އެވެ.

ސިޔާސަތުތައް ކަނޑައަޅަނީ ސަރުކާރުން ކަން ފާހަގަކުރައްވައި މުއިއްޒު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލްގެ ލަފަޔާއި އެއްބާރުލުން ފުރިހަމައަށް ދެމުން އަންނަ ކަމަށެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހެދުމަށްފަހު، އިތުރު ޕާކިން ޒޯނުތައް ހެދުމަށް މާލެ ސިޓީ ކައުންސިލާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

ޕާކިން ޒޯނު ހަދާ ސަރަހައްދުތައް:

  • އެކުވެނި ޓްރެކް ކައިރިން
  • ދަރުބާރުގެ އިރަށް އޮތް ހުސް ބިމުގައި
  • މަޖީދީ މަގުގައި ހުރި ސަރުކާރުގެ ހުސް ބިމެއްގައި
  • ކޮރެލް ބުލެވާޑް ކައިރީ އޮތް ހުސް ބިމެއްގައި

ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45 އިން ދަންވަރު 12:15 އަށް ބަހުގެ ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައިވާއިރު، މާލޭގެ ތިން ރޫޓަކަށް ބަސް ދަތުރުކުރާނެ އެވެ. ސޯސަން މަގުގެ ރޫޓް އިން އަށް ތަނަކަށް ބަސް މަޑުކުރާނެ އެވެ. އަމީނީ މަގާއި އޯކިޑް މަގުގެ ރޫޓްގައި 18 ތަނަކަށް ބަސް މަޑު ކުރާނެ އެވެ.

މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމަށް އެމްޓީސީސީން ވަނީ 41 މިނީ ބަސް ގެނެސް، ބަސްތައް ދުއްވަން މުވައްޒަފުން ތަމްރީނުކޮށްފަ އެވެ. ކޮންމެ މުވައްޒަފަކު ވެސް ޑިއުޓީއަށް އަރާނީ ބްރީފިންއަކަށް ފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާލޭގައި ބޭނުން ކުރާނީ 18 ބަހެކެވެ. ދެން ހުރި ބަސްތައް ބޭނުންކުރަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގަ އެވެ.

މި ހިދުމަތް ފެށިއިރު މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީން ދަނީ ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަމުންނެވެ. އެގޮތުން، މާލޭގެ ބޮޑެތި މަގުތަކުގެ ޕާކިން ޒޯނުތައް ހުސްކޮށް، ބަސް ދުއްވޭނެ މާހައުލެއް ގާއިމުކުރުމަށް މެދުކެނޑުމެއް ނެތި ގެންދަނީ މަސައްކަތް ކުރަމުންނެވެ.