Advertisement

ބިދޭސީއަކަށް ޑީއީޑީ ފުލުހުން އަނިޔާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

13 ސެޕްޓެންބަރު 2022 - 15:48 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސުޕްރީމް ކޯޓު ހިންގާ އިމާރާތް؛ ބިދޭސީއަކަށް ޑީއީޑީ ފުލުހުން އަނިޔާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި


ބިދޭސީއަކަށް ޑީއީޑީ ފުލުހުން އަނިޔާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

13 ސެޕްޓެންބަރު 2022 - 15:48 1

މާފަންނު އުޖާލާގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި ބިދޭސީއަކަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ އަށް ފުލުހަކު އަނިޔާ ކުރި މައްސަލާގައި ހިންގާފައިވާ ތަހުގީގު ގޯސް ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ޖުލައި 5، 2019 ގައި ފުލުހުންގެ ޑީއީޑީން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު އެ ގެއަށް މަސްތުވާތަކެއްޗާއެކު އައި ބަންގްލަދޭޝް މީހަކަށް އަނިޔާކުރުމަށް ފަހު ހައްޔަރުކުރި އެވެ. އޭގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، ތުހުމަތު ކުރެވޭ 11 ފުލުހަކަށް ދައުވާ ކުރަން ފޮނުވި އެވެ. ނަމަވެސް ހުރި ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ އޭގެ ތެރެއިން އަށް ފުލުހަކަށް ދައުވާ ކުރުމަށެވެ.

މި މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން، ދައުވާ ކޮށްފައިވާ ފުލުހުންގެ ފަރާތުން ވަނީ އެ ފުލުހުންގެ މައްޗަށް ދިވެހި ފުލުުހުންގެ ހިދުމަތުން ހިންގާފައިވާ ތަހުގީގު ރަނގަޅު ނޫން ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅައިފަ އެވެ.

ކްރިމިނަލް ކޯޓުން ނިންމީ އެ ހުށަހެޅުން ބަލައިނުގަތުމަށެވެ. އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އެ ތަހުގީގު ބާތިލް ކަމަށެވެ. މިހާާރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ޔަގީންކޮށްދީފަ އެވެ.

"ސުޕްރީމް ކޯޓުގައި ވާނެ އިސްތިއުނާފު ކޮށްފަ، އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާ ކަން ވެސް ޕީޖީ އޮފީހަށް ކޯޓުން އެބަވޭ އަންގައިފަ،" ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މި ނޫހަށް ވިދާޅުވި އެވެ.

ހައި ކޯޓުން ތަހުގީގު ބާތިލްކަމަށް ނިންމި އަސާސް

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާގައި އޮންނަނީ ގާނޫނު ތަންފީޒުކުރާ އެއް އިދާރާއިން ތަހުގީގުކުރަމުންދާ ކުށަކީ އެހެން އިދާރާއަކުން ތަހުގީގުކުރުމުގެ ބާރު ލިބިދޭ ބާވަތުގެ ކުށެއްނަމަ، އެ ކުށެއްގެ ތަހުގީގު ގެންދަންވާނީ ދެ އިދާރާ ގުޅިގެން، ނުވަތަ ހާއްސަ ބާރު ލިބޭ އިދާރާއިން ކަމަށެވެ.

މިއީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހިންގި އަމަލަކާ ގުޅޭ ތުހުމަތެއް ކަމަށްވާތީ މިމައްސަލަ ބެލުމުގެ ބާރު ހިއުމަންރައިޓްސް ކޮމިޝަނަށާއި، އިންޓެގްރިޓީ ކޮމިޝަނަށްވެސް ލިބެ އެވެ. އެހެންނަމަވެސް ފުލުހުން މި މައްސަލައިގެ ތަހުގީގު ހިންގީ އެއިން އެއްވެސް އިދާރާއެއް ބައިވެރި ކުރުމެއް ނެތި އެވެ.

ކްރިމިނަލް ކޯޓުގައި ދިފާއުން އެ ނުކުތާ ހުށަހެޅުއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެ މާއްދާއަށް ރިއާޔަތްކޮށްފަ އެވެ. ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލާގައި ހުށަހަޅާފައިވާ މައިގަނޑު އިސްތިއުނާފީ ނުކުތާއަކީ ވެސް އެއީ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރެފައިވާ ހުކުމުގައި ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއަކީ، މި ބާވަތުގެ މައްސަލަތަކުގައި އަމަލުކުރުން ލާޒިމު މާއްދާއެއް ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އެ މާއްދާއަށް އަމަލުކޮށްފައި ނުވާތީ އެ މައްސަލާގައި ފުލުހުން ކޮށްފައިވާ ތަހުގީގު ބާތިލް ކަމަށެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.