Advertisement

ނުހައްގު މުއްސަނދިކަމުގެ ކުށް ގާނޫނުގައި ލިޔެފައި އޮތް ގޮތުން ދައުވާކުރަން އުނދަގޫ: އޭސީސީ

13 ސެޕްޓެންބަރު 2022 - 15:46 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އޭސީސީގެ ރައީސް ޝާމިލު އާދަމާއި އެ ކޮމިޝަނުގެ އެހެން މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވަނީ. ނުހައްގު މުއްސަނދިކަމުގެ ކުށް ގާނޫނުގައި އޮތް ގޮތުން ގޮންޖެހުންތައް އެބަހުރި ކަމަށް ޝާމިލް ވިދާޅުވި.


ނުހައްގު މުއްސަނދިކަމުގެ ކުށް ގާނޫނުގައި ލިޔެފައި އޮތް ގޮތުން ދައުވާކުރަން އުނދަގޫ: އޭސީސީ

13 ސެޕްޓެންބަރު 2022 - 15:46 0

ނުހައްގު މުއްސަނދިކަން ކުށަކަށް ހެދި އިރު، ގާނޫނުގައި އެކަން ބަޔާންކޮށްފައި އޮތް ގޮތުން، އެ ކުށުގެ ތަހުގީގުކޮށް ދައުވާ ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީީ)އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް ޝާމިލު އާދަމް ވިދާޅުވީ ނުހައްގު މުއްސަނދިކަމަކީ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ގޮތުގައި މައްސަލަތަކެއް ހުރިކަން ފާހަގަވީ މުއައްސަސާތަކުން ޓެކްނިކަލް ލެވެލްގައި ކުރި މަޝްވަރާތަކުން ކަމަށެވެ. އެ ކުށަށް ދައުވާކުރުމުގައި ކޮންމެވެސް ކަހަލަ ގޮންޖެހުންތަކެއް އެބަހުރިކަން އެ މަޝްވަރާތަކުން އެނގުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން، މުއައްސަސާތަކުގެ އެންމެ މަތީ ލެވެލް އިން، ޓެކްނިކަލް ލެވެލްގައި ވެސް ކުރެވުނު މަޝްވަރާތަކުގެ އަލީގައި އަޅުގަނޑުމެންނަށް އަންޑަސްޓޭންޑްވި އެކައްޗަކީ މިހާރު އެ ކުށް [ގާނޫނުގައި] ލިޔެވިފައި އޮތް ގޮތުން އޭގައި ދައުވާ ކުރުމާ މެދުގައި ކޮންމެވެސް ކަހަލަ ގޮންޖެހުންތަކެއް، ކަންބޮޑުވުންތަކެއް އެބަހުއްޓޭ،" ޝާމިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި މުއައްސަސާތަކުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އެބަހުރި ކަމަށާއި އެ ހިޔާލުތަފާތުވުންތައް އެއްގޮތްކުރަން ވެސް ޖެހޭ ކަމަށެވެ. ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައި އިރު، އޭސީސީއާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ގުޅިގެން، އެ އިސްލާހުގައި ހިމަނަން ޓެކްނިކަލް ބައެއް ކަންތައްތައް ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އެކަންތައްތައް ގާނޫނުގައި ހިމަނާފައި ނެތް ކަމަށް ވެސް ޝާމިލު ވިދާޅުވި އެވެ.

"އެހެން އަޅުގަނޑުމެން އަނެއްކާ އެ މަސައްކަތް [ކުރަން] ހަމަ ނިންމައިގެން މިތިބީ،" އޭނާ ވިދާޅުވި އެވެ.

ޝާމިލު ވިދާޅުވި ގޮތުގައި ގާނޫނު އޮތް ގޮތުން ހުރި ގޮންޖެހުންތައް ބަލައި، އިސްލާހުތައް ހުށަަހަޅަން ޖެހޭ ނަމަ އޭސީސީން އެ އިސްލާހުތައް ހުށަހަޅާނެ އެވެ.