Advertisement

އާމްދަނީއަށް އަސަރެއް ނުކުރޭ، އެކަމަކު ބަހުގެ ހިދުމަތާ ދެކޮޅު: ޓެކްސީ އެސޯސިއޭޝަން

13 ސެޕްޓެންބަރު 2022 - 12:37 7

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލޭގައި ދުއްވާ މިނީ ބަހަކާއި ޓެކްސީއެއް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އާމްދަނީއަށް އަސަރެއް ނުކުރޭ، އެކަމަކު ބަހުގެ ހިދުމަތާ ދެކޮޅު: ޓެކްސީ އެސޯސިއޭޝަން

13 ސެޕްޓެންބަރު 2022 - 12:37 7

މާލޭގައި މިހާރު މިނީ ބަހުގެ ހިދުމަތް ފެށި ނަމަވެސް ޓެކްސީ ތަކަށް ލިބޭ އާމްދަނީ ދަށް ނުވާ ކަމަށް ޓެކްސީ އެސޯސިއޭޝަނުން ބުނެފި އެވެ.

ރާއްޖޭ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) މިނީ ބަހުގެ ހިދުމަތް މާލޭގައި ފަށާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ.

ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް "އަދަދު" އަށް ވިދާޅުވީ މިނީ ބަހުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ބަދަލެއް ނާންނާނެ ކަމަށެވެ. ލިބޭ ދަތުރުތައްވެސް މާ ބޮޑުތަން މަދު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މީގެ ކުރިންވެސް އެ އެސޯސިއޭޝަނުން ވަނީ މާލޭގެ މަގުތައް ތޮއްޖެހޭނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފަ އެވެ.

އެ ކަންބޮޑުވުން ތަކުރާރުކުރައްވަމުން އަބްދުﷲ ވިދާޅުވީ މިނީ ބަހާއެކު މާލޭގެ މަގުތަކުގައި ކުރިއަށްވުރެ ޓްރެފިކް މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.

"އެއްވެސް އިރަކު މާލޭގަ ބަސް ދުއްވާކަށް ގަބޫލެއް ނޫން. ދެން އަންނަ ސަރުކާރެއްގައި މި ބަސްތައް ހުއްޓުވާނަން. މާލޭގަ މިހާ ބޮޑެތި ބަސްތައް ދުއްވުމަކީ ޓެކްސީ ދުއްވާ މީހުނަށްވާ އެންމެ ބޮޑު އުނދަގޫ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މާލޭގައި ބަސް ދުއްވަން ނަގާ ފީ ވެސް ނިސްބަތުން ބޮޑު ކަމަށެވެ.

"ހުޅުމާލެ އެއްކޮޅުން ފޭސް 2 އަށް ދާން މި ނަގަނީ 5ރ. މާލެ އެއްކޮޅުން އަނެއްކޮޅަށް މި ނަގަނީ 7ރ. މިވަރު ބޮޑު. އެއް ބަސް ސްޓޮޕުން އަނެއް ބަސް ސްޓޮޕަށް ދާންވެސް 7ރ. ދެން މަގުތަކުގަ ވަރަށް ބާރުބޮޑު. ވަރަށް ބޮޑަށް ތާށިވޭ،" އޭނާ ވިދާޅުވި އެވެ.

މި ހިދުމަތް ފެށުމަށް ގެނައި 41 ބަހުގެ ތެރެއިން މާލޭގައި 18 ބަހެއް ދުއްވަ އެވެ. އޭގެ ތެރެއިން އަށް ބަހަކީ ފުރޮޅުލީ ގޮނޑީގައި ވެސް އެރޭނެ ގޮތަށް ހުންނަ ބަހެވެ.

މިފަދަ ބަހުގައި 20 މީހުންގެ ޖާގައިގެ އިތުރުން ކޮޅަށް ތިބެ 10 މީހުންނަށް ދަތުރުކުރެވެ އެވެ. އަދި، ވީލްޗެއާ އެކްސެސް ނެތް ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި 10 މީހުންނަށް ކޮޅަށް ތިބެ ދަތުރުކުރެވެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ.