Advertisement

ޒާހިރާ: ނަމުން ވެސް، ކަމުން ވެސް ނަލަ، މި ދައްކަނީ އަންހެން ހިތްވަރު!

14 ސެޕްޓެންބަރު 2022 - 09:19 5

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ނަލަ ޒާހިރާ: އޭނާ އަކީ މިހާރު މާލޭގައި ޓެކްސީކުރާ ދެ އަންހެން ޑްރައިވަރުންގެ ތެރޭން އެކަކު އަދަދު ފޮޓޯ/މުހައްމަދު ޝާބިން


ޒާހިރާ: ނަމުން ވެސް، ކަމުން ވެސް ނަލަ، މި ދައްކަނީ އަންހެން ހިތްވަރު!

14 ސެޕްޓެންބަރު 2022 - 09:19 5

ގަލޮޅު އާކާޝްވިލާ އާމިނަތު ޒާހިރާގެ ތައާރަފެއް ބޭނުންވެގެން އެކަމަށް އެދުނު ގޮތަށް އޭނާގެ ނަމާއި ޝަހުސިއްޔަތު ގެންގޮސް، މާ ވަރުގަދަ ސިޔާސީ ލޯތްބެއްގެ ތެރެއަށް ފައްތާލިޔަސް، މި އާޓިކަލްގައި ދޭން މި އުޅެނީ އެއަށްވުރެ ވަކި ދެރަ ތައާރަފެއް ނޫނެވެ. ދެހާސްވަނަ އަހަރު ނިއުޅެން ފެށި އިރު މާލޭގައި ކުރި ލައި ފޯދެމުން އައި "ނަލަކުރި" އިންވެސްޓްމެންޓް ގެ ފިހާރަ ޗެއިންއާ އެކު ނަމުގެ ފަހަތަށް މި "އިންވެސްޓްމަންޓެއް"ގެ ޝަރަފު ގުޅުވިގެން އެންމެން، "ނަލަ ޒާހިރާ"ގެ ނަމުން އޭނާ ދަތަސް، އެ ދުވަސް ވެސް އޮތީ މާޒީގަ އެވެ.

މިހާރު، ޒާހިރާއަކީ ރާއްޖޭގައި މިވަގުތު ތިބި ދެ އަންހެން ޓެކްސީ ޑްރައިވަރުން ކުރެ އެކެކެވެ. އެކަމަކު، ފަންސާހުން މަތީގެ އަންހެނަކު، ތަފާތު ހިތްވަރެއް ނަމޫނާ ކުރަމުން އަންނަ މި ވާހަކައެއް އެންމެ ރަނގަޅަށް ފަހުމް ވާނީ، ޒާހިރާ ބުނާ ގޮތުން، މާޒީ ބަލައިގެންނެވެ.

"ކާރު ދުއްވަން ޝައުގު އޮތްލެއް ބޮޑުކަމުންނާއި ގޭގައި ތިން ޓެކްސީ އޭރު އޮތީމައި 1995 ގައި ކާރު ދުއްވަން ދަސްކޮށްފިން. އޭގެ ފަހުން 97 ގައި ލައިސަންސް ނަގައިފިން،" ޒާހިރާ ނިއުޅުވައިލީ، ވިއްސަކަށް އަހަރު ފަހުން ހަޔާތަށް އެއްލި ރާޅެއްގައި އޮޔާ ގެންގޮސް އަނެއްކާ ވެސް ޓެކްސީއެއްގެ ޑްރައިވަރު ސީޓުގައި އިނަސް، މި ޝައުގުވެރިކަން ފެށިގެން އައި މާޒީ އެވެ.

ޒާހިރާ އޭނާގެ ކާރުގައި: ނަލަ ޓެކްސީ ސެންޓަރުން ދުވަހު ކުއްޔަށް އޭނާ އަށް ދީފައިވާ އެ ކާރުން، ދުވަހުގެ ކުއްޔާއި ޕެޓްރޯލް ފީ ނަގައިފައި ރަނގަޅު އާމްދަނީ އެއް އޮންނަ ކަމަށް ޒާހިރާ ބުނޭ އަދަދު ފޮޓޯ/މުހައްމަދު ޝާބިން


"ލައިސެންންސް ނަގައިގެން، ކާރުގައި ތަނަކަށް އަޅުގަނޑު ދާން ބޭނުންވީމައި އޭރު މި ހަދާ ގޮތަކީ ޓެކްސީ ބޯޑުން ޕްރައިވެޓް ބޯޑަށް ބަދަލުކޮށްލަނީ. އެހެން ހުއްޓައި، ކުއްލިއަކަށް އޭރުގެ ޓްރާންސްޕޯޓުން ގަވާއިދެއް ނެރުނީ، އެ ގަވާއިދުގައި ބުނަނީ، ޓެކްސީ ދުއްވާ ކޮންމެ މީހަކު ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ވާންޖެހޭނެ ކަމަށް. ޑޭޝް ބޯޑު މަތީގައި ޑްރައިވަރުގެ ފޮޓޯ ޖެހި ހުއްދަ ބައިންދައިގެން ނޫނިއްޔާ ނުދުއްވޭނެ ކަމަށް. ދެން، އަޅުގަނޑަކީ ގަވާއިދުގެ ތެރޭން ކަންކަން ކުރަން ބޭނުންވާ މީހަކަށް ވާތީ، "ފައިން ޓެކްސީ" ސެންޓަރުގައި ގައި ކާރު ރަޖިސްޓްރީ ކުރީ. ކޮށްގެން އަޅުގަނޑު ވެސް ނިކުތީ ޓެކްސީ ކުރަން."

1997 ވަނަ އަހަރު ޓެކްސީ ކުރަން ނިކުތް ޒާހިރާގެ އޭރުގެ ލައިސެންސް ކާޑު: އެ ކާޑު ޑޭޝްބޯޑު މަތީގައި ބަހައްޓައިގެން 10 ރުފިޔާގެ ފީއަށް މާލޭގައި އަހަރެއް ވަންދެން ޓެކްސީ ކުރި ކަމަށް ޒާހިރާ ބުނޭ


އެ ރަޖިސްޓްރީކުރި ގޮތަށް އަހަރެއް ވަރު ވަންދެން މާލޭގައި ޓެކްސީކުރި ކަމަށް ޒާހިރާ ބުންޏެވެ. އޭރު ޓެކްސީ ދަތުރަކަށް ނަގާ 10 ރުފިޔާ އާއި، މާލޭގައި ޕްރައިވެޓް ކާރުތައް ދުއްވާ އަންހެނުންގެ މަދު ކަމާއި، އަމުދުން، ޓެކްސީއެއްގެ މައި ސީޓުން އަންހެނުން އެއްގޮތަކަށް ވެސް ނުފެންނަ ވާހަކަ ފާހަގަކުރި އެވެ. އޭނާ ފެނުމުން، އަންހެނުން އާވެފައި ތިބެ، މާ ރަކިކޮށް ބަލާ ގޮތުގެ ވާހަކަ އާއި ބައެއް މީހުން ދޭތެރެއަކުން ކޮށްލާ ސަމާސާތަކުގެ ހަނދާން އާކުރި އެވެ.

ޒާހިރާ: ޓެކްސީ ކުރުމުގެ ދާއިރާއަށް އަންހެނުން ބޭނުންވާ ސީރިއަސް ސަބަބުތަކެއް ވެށީގައި އެބަހުރި ކަމަށް ބުނޭ އަދަދު ފޮޓޯ/މުހައްމަދު ޝާބިން


އެހެންވީމަ، ސީދާ ޔަގީންކޮށް ބުނަން ނޭނގުނަސް، މާލޭގައި ރަސްމީކޮށް އެންމެ ފުރަތަމަ އަންހެން ޓެކްސީ ޑްރައިވަރަކަށް އުޅުނީ ޒާހިރާ ކަމަށް ބެލެވުމުގެ ޗާންސު ވެސް އެބަ އޮތެވެ.

"އެކަމަކު އޭރެއް ނޫން މިހާރު މި ދެކެނީ. މިހާރު އަޅުގަނޑަށް ދިމާނުވޭ ފެނިގެން ތައުރީފުނުކުރާ މީހެއް. އަންހެނުން އަޅުގަނޑުގެ ޓެކްސީއަށް އަރާފައި، މާލޭގައި އަންހެން ޑްރައިވަރުން މަދުވީމަ އެ ކަންބޮޑުވުން ހިއްސާކުރޭ. ޓެކްސީތަކުގައި އަންހެން ކުދިންނަށް ބައެއް ފަހަރު ކުރިމަތިވާ ބިރާއި އުނދަގޫ ވާހަކަތައް ހިއްސާ ކުރޭ،" ޒާހިރާ ބުންޏެވެ.

އޭނާ ބުނީ، "ނަލަ" ޓެކްސީ ސެންޓަރުން އަންހެން ޑްރައިވަރުން އިތުރުކުރުމަށް އިސްނެގުމެއް ނަގައިގެން އުޅޭތީ އެ ފުރުސަތުގެ ބޭނުން ހިފައިގެން އޭނާ ޓެކްސީ ކުރުމުގެ ދާއިރާއަށް އަލަށް ނިކުތީ، މި ދާއިރާއަށް އަންހެނުންގެ ސަމާލުކަން ގެންނަން ބޭނުންގެން ކަމަށެވެ.

"ފިރިމީހާގެ ވަޒީފާ ވެސް މި އަހަރު ތެރޭގައި ގެއްލުނީމައާ އެކު ބޭނުންވީ ދެމަފިރިން އަމިއްލައަށް މަސައްކަތްކޮށްގެން އަޑިގަނޑުން އަރައިގަނެވޭނެ ގޮތެއް... މަސައްކަތްކޮށްފިއްޔާ އަޅުގަނޑު ނެރެން އަޅުގަނޑުގެ ފިރިމީހާއާ އެއްވަރުގެ އާމްދަނީ އެއް، ނުވަތަ އެއަށްވުރެ ގިނައިން،" ޒާހިރާ ބުންޏެވެ.

"އެހެންވީމަ، މަަސައްކަތަކީ ހުތުރު މަސައްކަތެއްގެ ގޮތުގައި ބަލައި ނުގަނެ ހުސް ވަގުތެއް އޮތް އަންހެން މީހެއް ވިއްޔާ ނިކުންނަންވީ. ވަރަށް އާމްދަނީ ލިބޭ. ވަރަށް ޑިމާންޑް ވެސް އެބަ އޮތް. އަންހެނުންގެ ބޭނުން ވެސް އެބައޮތް."

ޒާހިރާ އޭނާގެ ޓެކްސީ ގައި އަދަދު ފޮޓޯ/މުހައްމަދު ޝާބިން


އޭނާގެ ހުރިހާ ތައުރީފެއް ރާއްޖޭގައި އަންހެން ޓެކްސީ ޑްރައިވަރުން ގިނަކުރުމުގެ މަސައްކަތްތަކެއް ފަށައިގެން އުޅޭ 'ނަލަ' ޓެކްސީ ސެންޓަރަށް އޮއްސަމުން ފާހަގަކުރީ އެ ސެންޓަރުން އަންހެނުން ޓްރެއިން ކުރުމުގެ ހިދުމަތާއި، ކާރު ނެތް މީހުންނަށް ކުއްޔަށް ކާރު ދީގެން ފުރުސަތު ފަހިކޮށްދޭން ގެންގުޅޭ އުސޫލެވެ.

"ނަލަ ޓެކްސީ އެޕްގައި ވެސް އިނދޭ އަންހެން ޑްރައިވަރުންނަށް ރިކުއެސްޓް ކުރެވޭ އޮޕްޝަނެއް. އެކަމަކު އަންހެން ޑްރައިވަރުން މަދުކަމުންނާއި، މުޅިންހެން ނެތީމަ އެ އޮޕްޝަން އަދި ބޭނުންކުރަން ނުފަށާ." ޒާހިރާ ބުންޏެވެ.

ނަމުން އެއްގޮތަސް، ނަލަ ޓެކްސީ ސެންޓަރަކީ އޭނާއާ ގުޅުމެއް އޮތް ތަނެއް ނޫނެވެ. އެކަމަކު މި ސެންޓަރެއްގައި އޭނާގެ ނަމާއި ކަމަށް އެކަށީގެންވާ ސަމާލު ކަމެއް ލިބެއްޖެ އެވެ.

"އަޅުގަނޑުގެ ހިތަށް އަރަނީ މިއީ ހަމަ ރަނގަޅު ކަމެކޭ. އަޅުގަނޑު ދެރަވަނީ އަންހެނުން ކުރިމަތިނުލާތީ." ރަނގަޅު އުޖޫރަ ލިބޭ މަސައްކަތަކަށް ބޭނުން ވެފައި ތިބި އަންހެނުން ޖެހިލުން ނުވެ ކުރިއަށް އައުމަށް އެދި ލައްކަ ހިތްވަރު ދެމުން ޒާހިރާގެ ވާހަކަ ކުރުކޮށްލި އެވެ.