Advertisement

"90 ޕަސަންޓު ނުލިބޭ"، ކޯލިޝަން ދެމިއޮތަސް ގާސިމްގެ ހިތްހަމަނުޖެހުން

13 ސެޕްޓެންބަރު 2022 - 08:58 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މީގެ ކުރިން ރައީސް ސޯލިހާ ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް


"90 ޕަސަންޓު ނުލިބޭ"، ކޯލިޝަން ދެމިއޮތަސް ގާސިމްގެ ހިތްހަމަނުޖެހުން

13 ސެޕްޓެންބަރު 2022 - 08:58 1

ސަރުކާރު ހިންގާ ކޯލިޝަން ރަސްމީ ސިފައެއްގައި ދެމިއޮތް ނަމަވެސް، ވެރިކަމަށް އައުމުގެ ކުރިން އެއްބަސްވި މިންވަރާ ގާތަށް ވެސް ސަރުކާރުގެ ހިއްސާ ނުލިބޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ކޯލިޝަނާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، މީގެ ކުރިން އުފެއްދި ކޯލިޝަންތަކާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި ކޯލިޝަން ދަމަހައްޓާފައިވާ ކަމަށެވެ.

"އެކަމަކު އެއްބަސްވެގެން ސޮއިކުރި ކަންކަމުގެ 10 ޕަސަންޓު ވެސް އަޅުގަނޑުމެނަށް ނުލިބޭ،"

އެއްބަސްވުމާ އެއްގޮތަށް އެމްޑީޕީން ފުރިހަމައަށް އިހުތިރާމް ނުކުރި ނަމަވެސް، ގާސިމް ވިދާޅުވި ގޮތުގައި ކޯލިޝަން ވެރިކަމެއް އެންމެ ގިނަ ދުވަހު ދެމެހެއްޓި ރައީސްގެ ހައިސިއްޔަތުން، ރައީސް ސޯލިހަށް އެކަމުގެ ކްރެޑިޓް ދޭންޖެހޭ ކަމަށެވެ.

ޓްރާންސްޕޯޓާއި، ފިޝަރީޒްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ވަޒީރުންނާ ހަވާލުކޮށްފައިވާއިރު، އަންނަ ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ޝައުގުވެރިކަން އޮތް އިރު، މި ސަރުކާރުގެ މަސައްކަތްތައް ގަސްތުގައި ލަސްކުރާ ކަމުގެ ތުހުމަތުތަކަށް ވެސް ގާސިމް މިއަދު ރައްދު ދެއްވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތެވެ. ސަބަބެއް ކަމަށް އެމަނިކުފާނު ނެންގެވީ ސަރުކާރު ހިންގުމުގައި ޖުމްހޫރީ ޕާޓީގެ ހިއްސާ ކުޑަވުމެވެ.

ކޯލިޝަނުން ވެރިކަން ކާމިޔާބު ކުރެވުނަސް، ވެރިކަމަށް ލިބުމަށް ފަހު ކޯލިޝަނެއް އޮތެކޭ، ނެތެކޭ އެއްފަދަ،" ގާސިމް ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ވެސް މި ކޯލިޝަން ދަމަހައްޓައިގެން، ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު ފާޅުކުރައްވާފައި ވީ ނަމަވެސް، ކޯލިޝަން ހެދުމަށް އަދި އެއްވެސް ބަޔަކު މަޝްވަރާ ނުކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މީގެ ކުރިން ބޭއްވި އެއްވެސް އިންތިހާބެއް ކޯލިޝަނެއް ނެތި ކާމިޔާބެއް ވެފައި ނެތުމަކީ ހަގީގަތަކީ، ކުރިއަށް އޮތް ތަނުގައި ވުން ގާތީ ކޯލިޝަނަކަށް ދިއުން،" އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.