Advertisement

މަސްތުވާތަކެއްޗާއެކު ހިންނަވަރާއި އައްޑޫއިން ފަސް މީހުން ހައްޔަރުކޮށްފި

12 ސެޕްޓެންބަރު 2022 - 11:49 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެ ދެ ރަށުން އަތުލައިގެން މަސްތުވާތަކެތި-- ފޮޓޯ: ފުލުހުން


މަސްތުވާތަކެއްޗާއެކު ހިންނަވަރާއި އައްޑޫއިން ފަސް މީހުން ހައްޔަރުކޮށްފި

12 ސެޕްޓެންބަރު 2022 - 11:49 0

ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އެ އޮޕަރޭޝަންތައް ހިންގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އަދި ޅ. ހިންނަވަރުގަ އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ހިތަދޫގައި އިއްޔެ ހިންގި އޮޕަރޭޝަނަކީ އެ ރަށު ފަޅު ގޯއްޗެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި، ބަނގުރާކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު ތިން މީހުން ހައްޔަރުކޮށްފައިވެ އެވެ. އެއީ 24 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އޭގެ އިތުރުން ހިތަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުވެސް ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގާ 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

އެ ރަށު މަގުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 34 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަނދުގައި ބެހެއްޓުމަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.

ހިންނަވަރުގައި މިދިޔަ ބުރާސްފަތު ދުވަހު ހިންގި އޮޕަރޭޝަނަކީ ޅ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ފަޅުގައި އޮތް ދޯންޏަކުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އެ ދޯނި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާއިރު ހިންނަވަރުން ހައްޔަރުކުރި މީހާގެ ބަންދަށްވެސް ވަނީ އެ ރަށު މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ޖަހާފަ އެވެ.