Advertisement

ފަޅުތައް ހިއްކުމާ ދެކޮޅު؛ ލާމުން އެދުނީ އެ އަތޮޅުގެ ބޮޑެތި ބިންތަކުގެ ބޭނުން ހިފަން

11 ސެޕްޓެންބަރު 2022 - 17:22 1

ލ. ގަން

ނާޒިމް ހަސަން

ނާޒިމް ހަސަން

ލ. ގަން: އެ އަތޮޅުގެ ބޮޑެތި ބިންތަކުގެ ބޭނުން ހިފުމަށް ރައީސަށް ދެންނެވި - ފޮޓޯ: އިވާޝް / އިންސްޓަގްރާމް


ފަޅުތައް ހިއްކުމާ ދެކޮޅު؛ ލާމުން އެދުނީ އެ އަތޮޅުގެ ބޮޑެތި ބިންތަކުގެ ބޭނުން ހިފަން

11 ސެޕްޓެންބަރު 2022 - 17:22 1

ލ. ގަން

ރާއްޖޭގެ ފަޅުތަކާއި ފިނޮޅުތައް ހިއްކުމުގެ ބަދަލުގައި ލ. އަތޮޅުގެ ބޮޑެތި ބިންތައް ބޭނުންކޮށް ތަރައްގީ ކުރުމަށް އެ އަތޮޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

ލ. އަތޮޅަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށް ކަމުގައިވާ ގަން ވެސް ހިމެނޭ އަތޮޅެވެ. ގަމާ ގުޅިފައިވާ ފޮނަދޫއާއެކު އެއީ ވަރަށް ބޮޑު ސަރަހައްދެކެވެ. އޭގެ އިތުރުން ވެސް ބޮޑެތި ގިނަ ބިންތަކެއް އެއްވެސް ބޭނުމެއް ނުކޮށް އެބަ ހުއްޓެވެ.

ރާއްޖޭގައި އެފަދަ ބޮޑެތި ބިންތަކެއް އޮތްވައި, އެ ތަންތަނުގެ ބޭނުމެއް ނުހިފައި އެހެން ސަރަހައްދުތަކުން ފަޅުތައް ހިއްކަމުން, ގުދުރަތީ ވެށި ހަލާކުކޮށްލުމަކީ ލ. އަތޮޅުން ދެކޮޅު ކަމެއް ކަމަށް އެ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ, މިހާރު ލ. ގަމުގައި ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގަ އެވެ.

"އަޅުގަނޑުމެން ވަރަށް ދެކޮޅު ތަންތަން ހިއްކުން, ލާމު އަތޮޅުގަ އެބަ އޮތް ބޮޑެތި ބިންތައް ހުރި ރަށްރަށް, އެ ތަންތަން އިމާރަތް ކުރެވެން އެބަ އޮތް, މަސައްކަތް ކުރެވެން އެބަ އޮތް," ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވި އެވެ.

ރައީސަށް ސުވާލު ދަންނަވަމުން, އޭނާ މި ވާހަކަ ފާހަގަ ކުރެއްވީ މާލެ ތޮއްޖެހި އެ ސަރަހައްދުގެ ފަޅުތައް ހިއްކަމުންދާތީ, އެންމެ ގަބޫލު ކުރެވޭ ސިޔާސަތު ކަމަށް ނުދެކޭކަން ހާމަ ކުރެއްވުމަށެވެ. އިސްމާއިލް ވިދާޅުވާ ގޮތުގައި, އެތައް އާބާދީއެއް ބިނާކޮށް, އެތައް މަޝްރޫއުއެއް ހިންގޭނެ ބިންތައް ލ. އަތޮޅުގައި އެބަ ހުއްޓެވެ.

ލ. އަތޮޅުގެ ބައެއް ރަށްރަށް ރައްޔިތުންނަށް އެއްވެސް ބޭނުމެއް ނުކުރެވޭ ގޮތަށް ދޫކޮށްލާފައި އޮތުމުން ވެސް އިސްމާއިލް އަލީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން, އޭނާ ފުރަތަމަ ފާހަގަ ކުރެއްވީ, ބިން ބޮޑު ބަރެސްދޫ އެވެ. ގަމާ އެއް ފަޅެއްގައި އޮންނަ ބަރެސްދޫ, އެންއިރެއްގައި ޓޫރިޒަމަށް ދޫކުރިޔަސް, އެ މަޝްރޫއު ނުހިނގަ އެވެ. މިހާރު ރަށް އޮތީ ފަޅަށެވެ.

ދެވަނައަށް އޭނާ ފާހަގަކުރީ ކަޅައިދޫ އެވެ. އެއީ ސިފައިންގެ މަސައްކަތަށް ދޫކޮށްފައި އޮތް ރަށެކެވެ. އެ ރަށުގައި ސިފައިން ކުރަނީ ކޮން ކަމެއްކަން ނުވެސް އެނގޭ ކަމާއި އެކަމާ ކަންބޮޑުވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ. ދެން އޭނާ ފާހަގަކުރެއްވީ މީހުން ހުސްކޮށްފައިވާ ގާދޫ އެވެ. ގާދޫ ދޫކޮށްފައިވަނީ އެގްރޯ ކުންފުންޏަށެވެ. ނަމަވެސް, އެ ރަށުގައި ކައުންސިލް ހިތްހަމަޖެހޭ ވަރުގެ މަސައްކަތެއް ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ބިން ހިއްކުމާ ގުޅޭ ގޮތުން ސީދާ ޖަވާބެއް ރައީސް ނުދެއްވި ނަމަވެސް, މަސައްކަތް ހުއްޓިފައި އޮތް ލ. އަތޮޅު ރަށްތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެމީހަކު އުޅެން ބޭނުން ރަށެއްގައި އުޅުމުގެ ފުރުސަތު އޮންނަންވާނެ

ވިއަވަތި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މަގާމުގައި ދެމިހުންނާނީ ވެސް ރާއްޖެ ލާމަރުކަޒު ކުރުމުގެ ނިޒާމް, ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް، ހުރިހާ ދިވެހި ރައްޔިތުންނަށް ލިބޭނެ މަގު ހޯދައިދެއްވުމަށް ކަމަށެވެ. އެ ނޫން އެއްވެސް ބޭނުމެއް – އަމާޒެއް، އަދި ތަސައްވުރެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެއީ, ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތި ކަމާ ބާއްޖަވެރި ހަޔާތެއްގެ ނަސީބު ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ހައްގުވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރާމަސައްކަތުގައި އާއި، މުޅި އުމުރު އަވަދި ކުރަމުންދާ މީހާއަށް، ހައްގު އުޖޫރަ ލިބެންޖެހޭ ކަމަށާއި ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖް ކަނޑައެޅިއްޖެ ކަމަށެވެ. އެ ފައިސާ އަތަށް ލިބިއްޖެ ކަމާއި އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް، ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެކަން ރައީސް ފާހަގަކުރެއްވި އެވެ.